އިދިކޮޅު ކޯލިޝަނުގެ ތެރެއިން ފެނިވަޑައި ނުގަންނަވަނީ، އެ ކޯލިޝަނުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހުންނެވުމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ހުރިހާ ސިޔާސީ ފަރާތްތައް އެކުވެ އެކުލަވާލައިވާ ކޯލިޝަނުގެ ތެރެއިން މިހާރު ފެންނަމުން ނުދާ އުމަރު ނަސީރު ސިޔާސީ މަޝްރަހުން ފެނިވަޑައިނުގަންނަވަނީ އިދިކޮޅުގައި ރައީސް ނަޝީދު ހުންނެވުމުން ކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަ އަކީ ކިހާވަރެއްގެ ހަޤީގަތެއްތޯ "ވަގުތު" އިން އެއްސެވުމުން އުމަރު ވިދާޅުވީ، " އެއީ ތެދެއް އިނގޭތޯ! އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނަޝީދުގެ ވެރިކަމެކޭ ޔާމީންގެ ވެރިކަމެކޭ މާބޮޑު ތަފާތެއް ނެތް." ކަމަށެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ވެސް ތާއީދު ނުކުރައްވާކަމަށް ވިދާޅުވެ އުމަރު ވިދާޅުވީ، ދެބޭފުޅުންގެ ވެރިކަމުގައިވެސް ފަނޑިޔާރުން ހައްޔަރުކޮށް ޤާނޫނު އަސާސީގެ ބޭރުން އަމަލު ކުރައްވާފައިވާ ކަމަށެވެ. އުމަރު ވިދާޅުވީ ރައީސް ނަޝީދު ޤާނޫނު އަސާސީއާ ހިލާފުވެވަޑައިގެންނެވީ "ތިމަންނަ ދާނީ ޗާޓުން ބޭރުންނޭ" ވިދާޅުވުމަށްފަހު ކަމަށާއި، ރައީސް ޔާމީން ވަނީ "ޗާޓު ބަދަލު ކުރައްވާފައި" ކަމަށެވެ.
އުމަރު ނަސީރު ރައީސް ޔާމީނަށް އިޝާރާތްކޮށް "ޗާޓު ބަދަލު ކުރައްވާފައިވާ" ކަމަށް ވިދާޅުވިއިރު، އިއްޔެ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިސް ތަރުޖަމާނު ކެލާ ދާއިރާގެ މެންބަރު ޢަލީ އާރިފް ވިދާޅުވީ، ރައީސް ޔާމީންގެ މި ސަރުކާރުން ޤާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރާކަން އިދިކޮޅު ސިޔާސީ ފަރާތްތަކަށް އެނގޭކަމަށާއި، ސަރުކާރުން ޤާނޫނު އަސާސީއާ ހިލާފަށް އަމަލު ކުރާކަމަށް ބުނެލަން ވަރަށް ފަސޭހަ ނަމަވެސް، ސަރުކާރުން ހިލާފުވެފައިވަނީ ކޮން ޤާނޫނެއްގެ ކޮން މާއްދާއަކަށްތޯ އެއްވެސް ފަރާތަކަށް ބުނެދެވިފައި ނުވާކަމަށެވެ.
އަދި ދިވެހި ދައުލަތުގެ އިސްތިޤްލާލާއި މިނިވަންކަމާއި، ޤާނޫނު އަސާސީގެ އިސްތިޤްލާލު ނަގާލަން އެއްވެސް މީހަކަށް މި ދައުލަތުގެ މުއައްސަސާތަކުން ޖާގަ ނުދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
2008 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަން އެމްޑީޕީން ނިމުމަކަށް ގެނެސް މުޙައްމަދު ނަޝީދު ވެރިކަން ކުރައްވަން ފެއްޓުމާއެކު އޭރުގެ އިދިކޮޅު ފަރާތްތަކުން އިސްވެ ކުރި ބޮޑެތި މުޒާހަރާތަކާއި، ބޭއްވި ބޮޑެތި ރެލީތަކުގެ އިތުރުން ހެދުނު ބޮޑެތި ގޯސްތަކުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ޕްރެޝަރަށް ކެތް ނުކުރެވިގެން ނަޝީދުގެ ވެރިކަމުން އިސްތިއުފާ ދެއްވަން މެދުވެރިވި ބޮޑު އެއްވުމުގައިވެސް އުމަރު ނަސީރު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
މީގެ އިތުރުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕީޕީއެމްގެ ޕްރައިމަރީގައި އުމަރު ނަސީރު، މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާ ވާދަކުރައްވާފައިވާއިރު، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން އުމަރު ނަސީރު ވަނީ އިއުލާނު ކުރައްވާފައެވެ.
ސިޔާސީ މައިދާނުން ނުފެންނަނީ އިދިކޮޅުގައި ނަޝީދު ހުންނެވުމުން – އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ