އިދިކޮޅު ފަރާތްތަކުން މަސައްކަރްކުރަމުންދަނީ ރައްޔިތުން ސިޔާސީ ދަންތުރައެއްގައި ޖައްސަން: ސިއްދީގު
އިދިކޮޅު ފަރާތްތަކުން މިއަދު މަސައްކަރްކުރަމުންދަނީ ރައްޔިތުން ސިޔާސީ ދަންތުރައެއްގައި ޖެއްސުމަށް ކަމަށް ހޯމްމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.ޗެނަލް ތާޓީންނަށް މައުލޫމާތު ދެއްވަމުން ސިއްދީގު ވިދާޅުވީ އިދިކޮޅުގައި ވެރިކަމަށް ވަޑައިގަންނަވާނެ ލީޑަރަކު ނެތް ކަމަށާއި، އެފަރާތްތަކުން މަސައްކަތް ކުރައްވނީ ރައްޔިތުން ސިޔާސީ ދަންތުރައެއްގައި ޖެއްސުމަށް ކަމަށެވެ. އެގޮތުން އެއްވުން މަނާ ސަރަހައްދުތަކަށް ރައްޔިތުން އެއްވުމަށް ގޮވާލައި، ގާނޫނީ ސަރުކާރެއް ވައްޓާލުމަށް ބަޣާވާތް ކުރަން ނުކުތުމަށް ގޮވާލުމަކީ ގާނޫނީ ބޮޑެތި ކުއްތަކަށް އަރައިގަތުން ކަމަށް ވިދާޅުވިއެވެ. ސިއްދީގު ވިދާޅުވީ މިފަދަ އަމަލުތައް ހިންގުމަށް ރައްޔިތުންނަށް ހިތްވަރުދީ ވާހަކަދައްކަވަމުން ދަނީ މީގެކުރިން ގައުމުގައި ވެރިކަން ކުރެއްވި ބައެއް ބޭފުޅުންނާއި، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ކަމަށެވެ.މީގެއިތުރުން ސިއްދީގު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅަކަށް އަނބުރާ ވެރިކަން ހޯދައިދިނުމަށް ގޮވާލާ ބަޔަކު މީހުން މާލޭގެ މަގުތަކުގެ އަމާންކަން ނަގާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެފަދަ އެއްވުންތަކަށް އެއްވާ މީހުންނަށް އުޖޫރަ ކަނޑައަޅައިގެން ރައްޔިތުން ނެރެން މަސައްކަތް ކުރާ ކަމަށް ސިއްދީގު ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ ރައްޔިތުން މިހާރު އެއަށްވުރެ ހޭލުންތެރިކަން ފާހަގަކުރައްވާ ސިއްދީގު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިހާރު ބާއްވާ ޖަލްސާތަކަށް ދާމީހުންގެ އަދަދު ފަންސާހަށް ވެސް ނާރާ ކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަން ރައްޔިތުން ގަބޫލުކުރާކަން ހާމަވާ ކަމަށް ސިއްދީގު ވިދާޅުވިއެވެ. ސިއްދީގު ވިދާޅުވީ މިހާރު ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށާއި، އެނިޒާމުގެ ދަށުން ގާނޫނާ ޚިލާފްވާ ފަރާތްތަކާ މެދު ތަހުގީގު ހިންގާ ދައުވާ ވެސް ކުރާނެ ކަމަށް. އޭގެ ތެރޭގައި އެއްވެސް ރައްޔިތަކު އިސްތިސްނާ ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ