ޓެކްސަސްގެ ސަޕްލައި ފެނުގައި ސިކުނޑި ހަލާކުވާ އެމީބާއެއް

ސިކުނޑި އަށް ގެއްލުންދޭ މައިކްރޯބެއްގެ އަސަރު އެމެރިކާގެ ޓެކްސަސްގެ ލޭކް ޖެކްސަން ސިޓީގެ ސަޕްލައި ފެނުން ފެނިފައިވާތީ ފެން ބޭނުން ކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފި އެވެ.
ލޭކް ޖެކްސަންގެ ކަމާބެހޭ ފަރާތްތަކުން ބުނީ ސަޕްލައި ފެނުގެ ޓެސްޓްތަކެއް ހެދި އިރު، ފެނުން ނައެގްލޭރިއާ ފައުލެރީގެ އަސަރު ފެނިފައިވާ ކަމަށެވެ. މިއީ އިންސާނާގެ ހަށިގަނޑަށް ވާސިލުވެއްޖެ ނަމަ ސިކުނޑީގައި އިންފެކްޝަން އުފެދި ސީރިއަސް ގެއްލުންތަކެއް ދޭ އެއްޗެކެވެ.
މިއީ ވަރަށް ނާދިރު އެއްޗެކެވެ. މީގެ ކުރިން އެމެރިކާގައި މި ޒާތުގެ 34 ކޭހެއް ރިޕޯޓްކޮށްފައިވެ އެވެ. އެއީ 2009-2011 އާ ދޭތެރޭގަ އެވެ.
ލޭކް ޖެކްސަންގެ އޮފިޝަލުން ވިދާޅުވީ އެތަނުގެ ސަޕްލައި ފެނުން މައިކްރޯބްގެ އަސަރު ފެނިފައިވާތީ އެކަން ހައްލުކުރަން ފެން ސަޕްލައިކުރާ ސިސްޓަމް ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެކަމަކު މި މަސައްކަތް ނިންމަން ކިހާ ވަގުތެއް ނަގާނެ ކަމަށް ހާމަކޮށްފައެއް ނުވެ އެވެ. ރަސްމީ އިދާރާތަކުން ވަނީ ފާހާނާ ފްލަޝްކުރުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް މި ވަގުތު ސަޕްލައި ފެން ބޭނުންކުރާ ނަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ލޭކް ޖެކްސަންގެ އާންމުންނަށް އަންގައިފަ އެވެ. އެތަނަކީ 27،000 މީހުން ދިރިއުޅޭ ތަނެކެވެ.
އަދި ފެން ބޯން ބޭނުން ކުރާ ނަމަ ހޫނުކޮށްގެން ނޫނީ ބޭނުން ނުކުރަން ވެސް ވަނީ އަންގައިފަ އެވެ. މީގެ އިތުރުން ފެންވެރުން ފަދަ ކަންކަމަށް ފެން ބޭނުންކުރާ ނަމަ ނޭފަތުގެ އެތެރެ އަށް ފެން ނުވަންނަ ގޮތަށް އެކަން ކުރަން އިރުޝާދު ދީފައިވެ އެވެ.
އޮފިޝަަލުން ވިދާޅުވި ގޮތުގައި ނުރައްކާތެރި މައިކްރޯބްގެ އަސަރު ހުރި ފެން ދިފާއީ ނިޒާމު ބަލިކަށި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ވަކިން ބޮޑުވާނެ އެވެ. އެހެންވެ އެކަމަށް ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.
ލޭކް ޖެކްސަންގެ ސިޓީ މެނޭޖަރު މޮޑެސްޓޯ މުންޑޯ މީޑިއާތަކަށް ވިދާޅުވި ގޮތުގައި ސަޕްލައި ފެނުގައި މައިކްރޯބްގެ އަސަރު ހުރިކަން އެނގުނީ މި މަހުގެ ކުރީކޮޅު ފެން ބޭނުންކުރި ހަ އަހަރުގެ ކުއްޖަކަށް ދިމާވި މައްސަލަ ތަހުގީގުކުރުމުގެ ތެރޭގަ އެވެ.
ނައެގްލޭރިއާ ފައުލެރީ އަކީ ސާފު ފެނުގައި އުފެދޭ މައިކްރޯބެކެވެ. އަދި މީގެ އަސަރު ހަށިގަނޑަށް ކުރުމުން ހުންއައިސް މޭނުބައިކޮށް ހޮޑުލެވި އަދި ގަދައަށް ބޮލުގައި ރިއްސުން ފަދަ މައްސަލަތައް ކުރިިމަތިވެ، ފުރާނަ އަށް ވެސް ނުރައްކާވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ