ވަކީލުންނަށް ލެޕްޓޮޕާއި ފޯނު ފަދަ ވަސީލަތްތައް ކޯޓުރޫމަށް ވައްދަން ކްރިމިނަލް ކޯޓުން ހުއްދަ ދީފި
ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުންތަކަށް ލެޕްޓޮޕާއި، ފޯނާއި ޓެބްލެޓު ފަދަ އިލެކްޓްރޯނިކް ވަސީލަތްތައް ވެއްދުމުގެ ހުއްދަ ދައުލަތުގެ ވަކީލުންނަށާއި ދިފާއީ ވީލުންނަށް ދިނުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ބެންޗުން ނިންމައިފި އެވެ. މިއަދު ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ކޮވިޑް-19އާ ގުޅިގެން ޝަރީއަތްތަކުގައި ކަރުދާސް ބޭނުންކުރުން މަދުކޮށް، ލިޔުންތަކުގައި ޑިޖިޓަލް ކޮޕީ ބޭނުން ކުރުމުގެ ފުރުސަތު ވަކީލުންނަށް ދިނުމަށާއި، އަޑުއެހުންތައް ތާވަލު ކުރުން ފަސޭހަ ކުރުމުގެ ގޮތުން އެ ކޯޓުގެ ޝަރީއަތުގެ މަޖިލިސްތަކަށް ލެޕްޓޮޕާއި ފޯނު އަދި ޓެބްލެޓު ފަދަ ތަކެތި ވައްދަން ހުއްދަ ދޭން އެ ކޯޓުގެ ފަނޑިޔާރުން މަޖިލީހުން މިއަދު ވަނީ ނިންމައިފަ އެވެ. ކްރިމިނަލް ކޯޓުން ބުނީ، އަޑުއެހުންތަކުގެ ތާވަލު ހަމަޖައްސަން ވަކީލުންނާ މަޝްވަރާ ކުރާ އިރު ފޯނާއި ލެޕްޓޮޕް ފަދަ ވަސީލަތްތައް ނުވެއްދޭތީ ތާވަލު ބަލަން ވަކީލުންނަށް ދަތިވާތީ އެވެ. އަދި އެގޮތަށް ތާވަލު ބަލަން ވަކީލުންނަށް ފުރުސަތު ދޭން އަޑުއެހުން މެދުކަނޑާލަން ޖެހި ކޯޓުގެ ވަގުތުތައް ގެއްލޭ ކަމަށެވެ. ލެޕްޓޮޕާއި ފޯނާއި ޓެބްލެޓު ފަދަ ތަކެތި ވައްދަން ހުއްދަ ދިނީ މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށް އެ ކޯޓުން ބުންޏެވެ. ލެޕްޓޮޕާއި، ފޯނާއި، ޓެބްލެޓް ފަދަ ތަކެތި ކޯޓު ރޫމަށް ވެއްދުމުގެ ފުރުސަތު ދިން ނަމަވެސް އެ ތަކެތިން އޯޑިއޯ ރެކޯޑު ކުރުމާއި ވީޑިއޯ އަދި ފޮޓޯ ނެގުން މަނާ ވާނެ ކަމަށް ކްރިމިނަލް ކޯޓުގެ ބަޔާނުގައިވެ އެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ ފިޔަވަޅު އެޅުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށް ބުނެފައި ވެއެވެ. ލެޕްޓޮޕާއި ފޯނު ފަދަ އިލެކްޓްރޯނިކް އެއްވެސް ވަސީލަތެއް ކޯޓު ރޫމަށް ވެއްދުމަކީ މީގެ ކުރިން އެއްވެސް ކޯޓަކުން ހުއްދަ ދިން ކަމެއް ނޫނެވެ. ކްރިމިނަލް ކޯޓުގެ ޝަރީތުގެ މަޖިލީހަށް އާންމުންނަށް އަދި ނޫސްވެރިންނަށް އަމިއްލަ ނޯޓު ފޮތް ވެއްދުމަކީވެސް ހުއްދަ އޮންނަ ކަމެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ