ސަސްޕެންޝަން ހަމަވެ ގާޒީ އިސްމާއީލް ރަޝީދު އަލުން ވަޒީފާ އަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކުރުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑު ކުރު ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު އަލުން ވަޒީފާ އަށް ނުކުންނަވަން ފައްޓަވައިފި އެވެ.
އެނގިފައިވާ ގޮތުގައި އިސްމާއިލް ރަޝީދު ވަޒީފާއަށް ނިކުންނަވަން ފެއްޓެވީ އިއްޔެއިން ފެށިގެންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރްސީގައި ހިންގި ހިޔާނާތުގައި އިސްކޮށް އުޅުއްވި އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހަތް ދައުވާއެއް އުފުލާފައިވަނިކޮށް އެދައުވާތައް ބާތިލްކުރަން، ގާޒ ީއިސްމާއިލް ރަޝީދު ނިންމެވުމުން އޭނާ 60 ދުވަހަށް ސަސްޕެންޑް ކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ. އެމުއްދަތު މިދިޔަ ހޮނިހިރު ދުވަހު ވަނީ ހަމަވެފަ އެވެ. 60 ދުވަހަކީ ފަނޑިޔާރުކަމުން ވަކި ނުކޮށް ސަސްޕެންޑްކުރެވޭނެ އެންމެ ދިގު މުއްދަތެވެ.
ޖޭއެސްސީން އިސްމާއިލް ރަޝީދު ސަސްޕެންޑް ކުރި ކަމަށް އަންގާ ނެރުނު ބަޔާނެއްގައި ބުނީ، ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާޢީލް ރަޝީދު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ފާޅުކަންބޮޑު ގޮތެއްގައި ކަނޑައެޅިގެން ޚިލާފަށް ޢަމަލު ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އޭގެ އިތުރުން، މައްސަލައިގެ ބާވަތާއި، މައްސަލައާ ގުޅިގެން ހުށައެޅިފައިވާ ހެކިތަކަށް ބަލާއިރު، ޤާޟީ އިސްމާޢީލް ރަޝީދު ފަނޑިޔާރުކަމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަޙުޤީޤުކުރުމަށް އެޅިދާނެ ހުރަހަށާއި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ގާނޫނު ނަންބަރު 10/2008 (ޖުޑީޝަލްސާރވިސް ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ނ) އަދި (ކ)އާ ޙަވާލާދީ، އިސްމާޢީލް ރަޝީދު، ވަގުތީގޮތުން 60 (ފަސްދޮޅަސް) ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ޖޭއެސްސީން ބުނީ، މި މައްސަލާގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކުރިކަމަށް ތުހުމަތު ކުރެވޭ އަމަލުތަކުގެ ތަފްޞީލް ތަޙްޤީޤުކޮށް ނިމުމުން ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ޢާންމު ކުރެވޭނެ ކަމަށެވެ.
އަދީބުގެ ދައުވާތައް ބާތިލްކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ ހުކުމް އިއްވުން މިއަދަށް ވަނީ ތާވަލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ