މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ހާއްސަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވާލައިފި އެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 27 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު މިއަހަރު ދިނުމަށް ހަމަޖައްސާފައިވަނީ ހަތަރު ގިންތިއަކުންނެވެ.
ފުރަތަމަ ގިންތިއަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމު ދޭ ގިންތިއެވެ. މި ގިންތީގައި ހިމެނެނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދާފައިވާ ފަރާތްތަކެވެ.
ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދާފައިވާ ފަރާތްތަކަށް މީގެ ކުރިން އިނާމު ދީފައިވަނީ ސަނަދު ހާސިލުކުރި ކޯހުގެ އެކަޑެމިކް ޓްރާންސްކްރިޕްޓްގައިވާ މާކްސްގެ ނުވަތަ ގްރޭޑަށް ދެވިފައިވާ ޕޮއިންޓްގެ އެވްރެޖް، އެ ކޯހުގައި ދެވޭ އެންމެމަތީ ދަރަޖައިގައި ހިމެނިފައިވުމާއެކު، މަދުވެގެން އެވްރެޖް މާކްސް 85 އިންސައްތަ ނުވަތަ އެއާ އެއްވަރުވާ ގްރޭޑް ޕޮއިންޓްގެ އެވްރެޖް ހޯދާފައިވުމުން ނުވަތަ ކޯހުގައި ހިމެނިފައިވާ ދިރާސާ ޕްރޮޖެކްޓް ނުވަތަ ފިކުރާތުން އެންމެމަތީ ދަރަޖަ ހާސިލުކޮށްފައިވުމުންނެވެ.
ނަމަވެސް މިދިޔަ އަހަރުން ފެށިގެން މަތީ ތައުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކަށްވެސް އިނާމު ލިބޭގޮތަށް ހާއްސަ އިނާމާ ބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.
ހާއްސަ އިނާމު ދިނުމަށް މި އަހަރު ކަނޑައަޅާފައިވާ ދެވަނަ ގިންތިއަކީ، ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.
ތިންވަނަ ގިންތިއަކީ، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އާ އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއްކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.
ކުރިން ހާއްސަ އިނާމު ދެމުން އައި ތިން ގިންތީގެ އިތުރުން މިއަހަރު އިތުރު ކުރެވުނު ހަތަރު ވަނަ ގިންތިއަކީ ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތި އެވެ. މި ގިންތީގައި އިނާމު ދިނުމަށް ހަމަޖައްސާފައިވަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ހާއްސަ އިނާމަށް ނަން ހުށަހަޅުއްވައި ފޯމު ފޮނުވަން ޖެހެނީ ހާއްސަ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރުމަށް ފަހު، ރައީސް އޮފީހަށް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި ހާއްސަ އިނާމަށް ނަން ހުށަހަޅަ ފޯމު ރަސްމީ ގަޑީގައި ރައީސް އޮފީހުން ލިބޭނެ ކަމަށް އެ އޮފީހުން ބުނެއެވެ. މީގެ އިތުރުން ރައީސް އޮފީހުގެ ވެބްސައިޓް www.presidencymaldives.gov.mv އިންވެސް މި ފޯމު ޑައުންލޯޑު ކުރެވޭނެ ކަމަށް ރައީށް އޮފީހުން މައުލޫމާތު ދެއެވެ.
މިއަހަރު ހާއްސަ އިނާމު ދިނުމަށް ހަމަޖައްސާފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ