މަޖިލިހުގައި ހިނގަނީ ހަގީގީ ސިޔާސީ ހަރަކާތެއް: ނަޝީދު

ރައްޔިތުންގެ މަޖިލިސް ނޫން ތަނެއްގައި ހަގީގީ ސިޔާސީ ހަރަކާތެއް ނުހިނގާނެ ކަމަށާއި އިދިކޮޅު މެމްބަރުން ވެސް މަޖިލިހުގައި ބައިވެރިވެވަޑައިގަތުމަށް މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް އެދިވަޑައިގެންފިއެވެ.
ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ބޭއްވި ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅު މެމްބަރުން ޖަލްސާތަކުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އޭގެ ފަހުން، މިހާތަނަށް އައިއިރު އެއްވެސް ޖަލްސާއެއްގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިނުގަންނަވަނީ އެބޭފުޅުނަށް ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް ވިދާޅުވެއެވެ.
މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު ނަޝީދު ވިދާޅުވީ މެމްބަރުން ސުލްހަވެރި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމީ އެމަނިކުފާނުގެ ހިތްޕުޅުގައި ޝައްކު ހިނގާ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ހިންގަމުން ދަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑަށް ޔަގީން ކަށަވަރު، މަޝްވަރާ އާއި ބަހުސާއި އަދި ބައެއް ފަހަރަށް ހޫނު ޒުވާބާ އެކުގައި ރާއްޖޭގެ ކަންކަން ރައްޔިތުންނަށް ހެވާއި ލާބަ އާއި މަންފާވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު ވިދާޅުވިއެވެ.
"ވާދަވެރިންގެ ކިބައިން އަނެއްކާ ވެސް އަޅުގަނޑު އެދެން ބޭނުން، މި މަޖިލީހަށް ވަޑައިގަންނަވާ، މި މަޖިލީހުގައި ނޫން ތަނެއްގައި ހަގީގީ ސިޔާސީ ހަރަކާތް ނުހިނގާނެ،"
މަޖިލިހުގެ ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވާ ސަބަބާ ގުޅޭ ގޮތުން އިދިކޮޅު މެމްބަރުން ވިދާޅުވީ އެންމެ ފަހުން މަޖިލިހުގައި ހަމަނުޖެހުން ހިނގައިދިޔައީ ސީދާ ނަޝީދުގެ އަމުރަށް ކަމަށާއި އެކަމުގައި ނަޝީދު މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ