ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާރު އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު އެހެން ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރައްވާތަން ފެނުމަކީ އެކަށީގެންވާ ކަމެއްކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އުމަރު ވިދާޅުވީ އޭނާ ބޭނުންވަނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއެއް ބާއްވައިގެން ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދަވައިގެން އިންތިޚާބުގައި ވާދަކުރެއްވުމަށެވެ. އެހެންނަމަވެސް މިހާރު ކަންތައް ވަމުންދާ ގޮތުން ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއެއް ބާއްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ދެވަނަ އޮޕްޝަނަކީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތުޚާބުގައި ވާދަކުރުމެވެ.
އެހެންޕާޓީއެއްގެ ޓިކެޓުގައި ވާދަކުރެއްވުމަކީ އެންމެ ފަހުގެ އޮޕްޝަން ކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތަށް ކަންތައް ދިމާވާއިރު އެކަންދާނީ ކޯލިޝަނެއްގެ ތެރެއިން ކަމަށް ވެދާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. "ކުރިންވެސް ބުނަމުންއައި ފަދައިން މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ރިޔާސީ ކެންޑިޑޭޓުންގެ ތެރޭގައި އަޅުގަނޑުގެ ނަން އޮންނާނެ. އެކަން އިރާދަކުރެއްވިއްޔާ ޔަގީން. އެހެންނަމަވެސް އެހެން ޕާޓީއެއްގެ ޓިކެޓުގައިވެސް ވާދަކުރުމަކީ ދުރުކަމެއްނޫން. އެއީ ވެދާނެ ކަމެއް،" އުމަރު ވިދާޅުވިއެވެ.
އުމަރު ވަރަށްފަހުންވަނީ އިނގިރޭސި ވިލާތަށް ވަޑައިގެން ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލާއި ކުރީގެ ބައެއް މިނިސްޓަރުންނާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާ ބައްދަލު ކުރައްވައިފައެވެ.
އެހެންޕާޓީއެއްގެ ޓިކެޓުގައިވެސް ވާދަކުރަންޖެހިދާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ