ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ޑރ.ޖަމީލް އާއި އުމަރު މަޝްވަރާ ކުރައްވައިފި

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ބެހޭ ގޮތުންނާއި، ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން، އިނގިރޭސިވިލާތުގެ ލަންޑުގައި ތިއްބެވި ސިޔާސީ ފަރާތްތަކާއެކީ، ވަރަށް ބިނާކުރަނިވި ވާހަކަތަކެއް ދެކެވުނު ކަމަށް، ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އެގޮތުން އުމަރު ވަނީ މި ދަތުރުފުޅުގައި، ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ.މުހައްމަދު ޖަމީލް އަހުމަދާއި، ކުރީގެ ޔޫތް މިނިސްޓަރު މުހައްމަދު މަލީހު އާއި އަމީން އިބްރާހިމްގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް އާއި އެ ޕާޓީގެ މެމްބަރު، ސޮބާހު ރަޝީދު އާއި ބައްދަލުކުރައްވާފައެވެ.
މީގެއިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، އަލީ ވަހީދު އާއި ވެސް އުމަރު ބައްދަލުކުރެއްވިއެވެ. އެ ބައްދަލުކުރެއްވުމުގައި، ގައުމީ މަސްލަހަތާއި "ނޭޝަނަލް ރިކޮންސިލިއޭޝަން" އާއި ގުޅޭގޮތުން ވަރަށް ބިނާކުރަނިވި، ވާހަކަތަކެއް ދެކެވުނު ކަމަށް އުމަރު ވިދާޅުވިއެވެ.
ލަންޑަނަށް ކުރެއްވި ދަތުރުފުޅަށްފަހު، މާދަމާގެ ވަގުތެއްގައި މާލެ ވަޑައިގަންނަވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު އަކީ ދެން އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ޔާމީން ފިޔަވައި ވިދާޅުވެފައިވާ ހަމައެކަނި ބޭފުޅާއެވެ.
އިދިކޮޅު އިއްތިހާދުގެ އިސް ފަރާތްތަކާއި އުމަރު ބައްދަލުކުރެއްވިއިރު، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނެރެންޖެހޭނީ އިދިކޮޅު ހުރިހާ ފަރާތްތަކުން އެއްބަސްވާ، އެއް ކެންޑިޑޭޓު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދާދިފަހުން ވިދާޅުވެފައެވެ.
ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު، އުމަރު އަންނަނީ ސަރުކާރުގެ އެކި ސިޔާސަތުތަކަށް، ފާޑު ވިދާޅުވެ ވާހަކަދައްކަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ