ޝިފާގް ޕީޕީއެމްއަށް ވަޑައިގަތީ ފައިސާއަކަށް ނޫން – މައުމޫން

ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގް މުފީދު ޕީޕީއެމްއަށް ވަޑައިގަތީ ފައިސާއަށް ނޫން ކަމަށާއި ޝިފާގް އަކީ ފައިސާއަށް ވިކޭނެ މީހެއް ނޫން ކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކުރީގެ މެމްބަރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރ ޝިފާގު މުފީދު ޕީޕީއެމްއަށް ސޮއިކުރެއްވުމަށްޓަކާ، ރޭ ފުވައްމުލަކުގައިޕީޕީއެމްއިން ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ޝިފާގް މާރަގަޅަށް ދަންނަ ބޭފުޅަކަށް ނުވި ނަމަވެސް އޭނާ މަޖިލިސްގައި ވާހަކަދެއްކެވި ގޮތުންނާއި ގެންގުޅުއްވި އުސޫލުން ޝިފާގްއަކީ ފައިސާއަށް ވިކޭނެ މީހެއް ނޫން ކަމަށާއި ޝިފާގްއަކީ ގައުމުގެ މަސްލަހަތަށް ވުރެން އަމިއްލަ މަސްލަހަތު އިސް ކުރައްވާނެ ބޭފުޅެއް ނޫންކަން އެނގިވަޑައިގެންނެވި ކަމަށެވެ.
މައުމޫން ވިދާޅުވީ ޝިފާގަކީ އެއްވެސް ކަމަކާއި ޖެހިލުންވެ ވަޑައި ނުގެން ހައްގުބަސް ރައްޔިތުންނަށްޓަކާ ވިދާޅުވާ ބޭފުޅެއް ކަމަށާއި ޝިފާގަކީ އެމްޑީޕީގައި ހުންނެވި އިރުވެސް އެޕާޓީން ކަންތައްތައް ކުރައްވާ ގޮތުން ހިތްހަމަޖެހިވަޑައި ނުގަތުމުން އެކަންތައްތަކާއި ޚިޔާލު ފާޅުކުރައްވާ ބޭފުޅެއް ކަމަށެވެ.
” ޝިފާގަކީ އެމްޑީޕީގައި ހުންނެވި އިރުވެސް އެޕާޓީގައި ކަންތައްތައް ކުރާ ގޮތުން ހިތްހަމަނުޖެހުންފާލު ކުރައްވާ ބޭފުޅެއް. ހައްގުބަސް ވިދާޅުވާ ބޭފުޅެއް. އަޅުގަނޑުމެން ބޭނުންވަނީ އެކަހަލަ ބޭފުޅުން. އަޅުގަނޑުމެން ބޭނުމެއް ނުވޭ އަޅުގަނޑުމެން ނިންމާ ކަންތައްތައް ގަބޫލުކުރައްވާ ޝުކުރު ބަސް ވިދާޅުވެ އާބަސް ވިދާޅުވާ ބޭފުޅެއް." ކުރީގެ ރައީސް މައުމޫން ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި މައުމޫން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުންތަކެއް ޕީޕީއެމްއާ ގުޅޭނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ. މައުމޫން ވިދާޅުވީ ދާދި އަވަހަށް މަޖިލީހުގައި ތިއްބެވި ޕާޓީތަކުގެ މެމްބަރުންނާއި މިނިވަން މެމްބަރުން ވެސް ގުޅިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މައުމޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ރާއްޖެއިންނާއި، ރާއްޖެއިން ބޭރުން ގޮންޖެހުންތައް ކުރިމަތި ކުރުވަމުން ގެންދަވާ ކަމަށާއި، ޑރ. ވަހީދު ސަރުކާރު ހިންގަވަނީ ވަރަށް ދަތި މާހައުލެއްގައި ކަމަށެވެ. އެހެންކަމުން މިހާރު މިއޮތް އިއްތިހާދީ ސަރުކާރު ދެމެހެއްޓެމަށް ހުރިހާ ރައްޔިތުން އެއްބާރުލުންދީ ތާއީދުކުރުމަށް މައުމޫން ވަނީ ގޮވާލައްވާފައެވެ.
"އެއްވެސް ސަބަބަކާހުރެ ހިތް ނުތަނަސްވެގެން މިސަރުކާރު ދޫކޮށްލުމުގެ ޚިޔާލެއް ގެންގުޅެގެން ނުވާނެ. ނުވަތަ ސަރުކާރަށް އައުމަށް ކުރާތާއީދު ކުޑަކުރުމުގެ ޚިޔާލެއްވެސް ގެންގުޅެގެން ނުވާނެ. އެހެންވެއްޖެނަމަ ސަރުކާރު ރޫޅި އޭގެ ނަތިޖާ އެހެން ގޮތަކަށް ނުވަތަ އޭގެ ހިތި ނަތީޖާ ރައްޔިތުންނަށް ފެނިގެން ހިނގައިދާނެ.” މައުމޫން ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވީ ޕީޕީއެމްގެ ޓީމަށް މިއަދު ލިބުނީ ވަރަށް ވަރުގަދަ ފަހުލަވާނެއް ކަމަށެވެ. އުމަރު ވިދާޅުވީ މިގައުމުގައި ހަމަޖެހުން ގާއިމުކުރަން ބޭނުންނަމަ މުހައްމަދު ނަޝީދަށް ހައްގު އަދަބުދޭންޖެހޭ ކަމަށާއި އެހެންކަމުން ސަރުކާރުގެ ހުރިހާ މުވައްސަސާއަކަށް މިކަން ކުރުމަށް ގޮވާލާ ކަމަށެވެ. އަދި ދުވަހަކުވެސް ވެރިކަން ބޭނުމިއްޔާ ހައްގުގެ މަގަށް އެނބުރި އައުމަށް އުމަރު ނަސީރުވަނީ ރައީސް ނަޝީދަށް ދަންނަވާފައެވެ.
ޕީޕީއެމްއިން ރޭ ބޭއްވި ޖަލްސާގައި ޝިފާގްގެ އިތުރުން 200 ވަރަކަށް ފުވައްމުލަކު ރައްޔިތުން ސޮއިކޮށްފައިވެއެވެ. އަދި މި ޖަލްސާގައި ޕީޕީއެމްގެ އިސް ބޭފުޅުންނާއި މައުމޫން ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންގެ އިތުރުން ފުވައްމުލަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ