އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަން ކުރަން ހަސަން ލުތުފީގެ ނަން ރައްޔިތުންގެ މަޖިލިހުން ފާސްކުރި މައްސަލައިގައި ބުދަދުވަހު ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވުމުން، ސީދާ ކޯޓެއްގައި ވަކާލާތު ކުރެއްވި މަދު ބަންޑާރަ ނައިބުންގެ ލިސްޓަށް އޭނާ އިތުރުވެއްޖެ އެވެ.
މިއީ ނޮވެމްބަރު ،3 1988ގެ އުދުވާނީ ހަމަލާގެ ޝަރީއަތަށް އޭރުގެ ބަންޑާރަ ނައިބު އަހުމަދު ޒަކީ 1989 ގައި ވަޑައިގެން ވަކާލާތު ކުރެއްވި ފަހުން ރާއްޖޭގެ ބަންޑާރަ ނައިބަކު ކޯޓުގައި ވަކާލާތު ކުރެއްވި ފުރަތަމަ ފަހަރެވެ.
ބަންޑާރަ ނައިބުގެ އެހީތެރިއެއްގެ ހައިސިއްޔަތުން ނޮވެމްބަރު 3 ގެ ޝަރީއަތަށް ޒަކީގެ އަރިހުގައި އެ ފަހަރު ވެސް ސުއޫދު ވަޑައިގެންނެވި އެވެ. އަދި އަދުލް އިންސާފުގެ އެންމެ މަތީ ކޯޓެއްގެ ގޮތުގައި ސުޕްރީމް ކޯޓު ގާއިމްކުރި ފަހުން އެ ކޯޓުގައި ރާއްޖޭގެ ބަންޑާރަ ނައިބަކު ވަކާލާތު ކުރެއްވި މިއީ ފުރަތަމަ ފަހަރު ވެސްމެ އެވެ.
"މީގެ ފަހުން އަޅުގަނޑު ހަމަޖައްސާފައިވާ އުސޫލެއް އެއީ ދުސްތޫރީ މައްސަލަތަކުގައި ސުޕްރީމް ކޯޓަށް ވަކާލާތު ކުރެއްވުމަށް ދާނީ ހަމަ ސީދާ ބަންޑާރަ ނައިބު ކަމަށް،" ސުއޫދު ވިދާޅުވި އެވެ. "އެއީ ގާނޫނު އަސާސީ މާނަކުރުމުގައި ބަދަލުތަކެއް އަތުވެދާނެ ވަރުގެ ގައުމީ މަސްލަހަތެއް ހުންނަ މައްސަލަތަކަށް ވާތީ."
ސުއޫދު ވިދާޅުވީ ދުސްތޫރީ ގޮތުން ގާނޫނު އަސާސީ މާނަ ކުރުމަކީ ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭނެ މައްސަލަތަކެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެހެން ގައުމުތަކުގައި ވެސް ބޮޑެތި މައްސަލަތަކުގައި ބަންޑާރަ ނައިބު ކޯޓަށް ވަޑައިގަންނަވަ އެވެ.
ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދު މަގާމާ ހަވާލުވެވަޑައިގެން ވިދާޅުވެފައި ވަނީ ބަންޑާރަ ނައިބެއްގެ ހައިސިއްޔަތުން ކޯޓަށް ވަޑައިގެން ވަކާލާތު ކުރައްވާނެ ކަމަށެވެ. ނަމަވެސް ޑރ. ހަސަން ކޯޓަށް ވަޑައިގެންފައެއް ނުވެ އެވެ. ކުރީގެ އަންހެން ދެ ބަންޑާރަ ނައިބުން ކަމަށްވާ އައިޝަތު އާޒިމާ ޝަކޫރާއި ފާތުމަތު ދިޔާނާ ސައީދު ވަނީ ބައެއް މައްސަލަތައް އަޑުއެއްސެވުމަށް ސުޕްރީމް ކޯޓަށް ވަޑައިގެންފަ އެވެ.
ގާނޫނީ ދާއިރާއަށް އެންމެ ފުރަތަމަ ސުއޫދު ވަދެވަޑައިގަތީ ބަންޑާރަ ނައިބު އޮފީހުގެ ލީގަލް އެސިސްޓެންޓެއްގެ ގޮތުގަ އެވެ. އަދި އެއަށް ފަހު ބަންޑާރަ ނައިބުގެ އެހީތެރިޔަކަށް ވެސް އުޅުއްވި އެވެ. މެލޭޝިޔާ އިން ގާނޫނީ ރޮނގުން މަތީ ތައުލީމު ހާސިލް ކުރެއްވުމަށް ފަހު 1994 ގައި އެނބުރި ވަޑައިގެން ސުއޫދު މަސައްކަތް ކުރެއްވީ ބަންޑާރަ ނައިބު އޮފީހުގެ ސްޓޭޓް އެޓާނީއަކަށެވެ. އޭގެ ފަހުން ދެން މަސައްކަތް ކުރެއްވީ މަދަނީ ކޯޓުގެ އިސް ގާޒީއަކަށެވެ. ދެތިން އަހަރު މަދަނީ ކޯޓުގައި އުޅުއްވުމަށް ފަހު ދެން ސުއޫދު މަސައްކަތް ފެއްޓެވީ އަމިއްލަ ގާނޫނީ ވަކީލެއްގެ ގޮތުގަ އެވެ.
ދިޔާނާ ދުރުކުރެއްވުމަށް ފަހު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދެ ވަނަ ބަންޑާރަ ނައިބަކަށް ސުއޫދު އައްޔަން ކުރެއްވީ ޖޫން ،2 2009 ގަ އެވެ.
ބަންޑާރަ ނައިބުގެ ގޮތުން ސުޕްރީމް ކޯޓުގައި ވަކާލާތުކުރެއްވުމާ އެކު ސުއޫދު ތާރީހުގެ ތެރެއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ