އިސްލާމް ދީނަކީ ދިވެހި ގައުމިއްޔަތުގެ އެންމެ ބޮޑު ރުކުން ކަމަށާއި އިސްލާމް ދީނާ ގައުމުގެ މިނިވަންކަމާ ވެސް ވަނީ ގުޅިފައި ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަސް ފާހަގަ ކުރުމަށް ޑީއާރުޕީން ދަރުބާރުގޭ ގެ ރަންނަބަނޑޭރި މާލަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ އިސްލާމް ދީނާއި މިނިވަންކަމާ ގުޅިފައިވާކަން ތާރީހުން ވެސް އެނގެން އޮތް ކަމަށެވެ. އަދި މީގެ ކުރިން މިނިވަންކަން ގެއްލިގެންދިޔަ ދެ ފަހަރު ވެސް ރާއްޖޭގެ ރައްޔިތުން ޣައިރު ދީނަށް ވެއްދުމަށް އެ މިނިވަކަން ނަގާލި މީހުން މަސައްކަތްކޮށްފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ހަމަ އެހެންމެ ދިވެހިރާއްޖޭގެ މިނިވަންކަން އަނބުރާ ގެނެސްދެއްވި ކޮންމެ ބަތަލަކު، އެ މިނިވަންކަން އަނބުރާ ގެނެސްދެއްވުމުގެ އެންމެ ބޮޑު މަގްސަދަކަށް ހައްދަވާފައި އޮތީ ރާއްޖޭގައި އިސްލާމީ އަގީދާ ރައްކާތެރި ކުރުމަށް،" ކުރީގެ ރައީސް ވިދާޅުވި އެވެ.
ދިވެހި ރައްޔިތުން އިސްލާމް ދީން ހިޔާރުކޮށްފައި ވަނީ އަމިއްލަ އިހްތިޔާރުން ކަމަށާއި އެ ދީނުގެ މަތީގައި ދެމިތިބުމަކީ ވެސް ރައްޔިތުންގެ ހައްގެއް ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ދިވެހި އެންމެންގެ މައްޗަށް އިސްލާމްދީނާ މެދު އޮންނަ ލޯބި އިތުރު ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި އިތުރު ކުރަންޖެހޭ. އިސްލާމް ދީނަށް އެމީހުން ގަދަރު ކުރާ މިންވަރު އިތުރުކުރަން އެބަ ޖެހޭ. ދިވެހި ގައުމަށް އޮންނަ ލޯބި، ދިވެހި ގައުމުގެ މިނިވަންކަމަށް، ދިވެހި ގައުމުގެ ފުރިހަމަ ސިޔާދަތަށް އޮންނަ ލޯބި އިތުރުކުރަން ޖޭހޭ،" މައުމޫން ވިދާޅުވި އެވެ. "އެގޮތަށް ކަންތައްކޮށްގެން އަޅުގަނޑުމެންނަށް ދިވެހި ގައުމު، ގައުމެއްގެ ގޮތުގައި ދެމެހެއްޓޭނީ."
ދިވެހިރާއްޖެއާ ބޭރުގެ ބަޔަކާ "ބައްސާކަށް" އެއްވެސް ރައްޔިތަކު ބޭނުން ނުވާނެ ކަމަށާއި ކޮންމެ ދިވެހި ރައްޔިތެއް ވެސް ބޭނުން ވާނީ އަމިއްލަވަންތަކަން ހަރުދަނާކޮށް ދަމަހައްޓަން ކަމަށް މައުމޫން ވިދާޅުވި އެވެ. އެހެންވެ އެކަންތައްތައް ވަރަށް ރަނގަޅަށް ދިވެހިން ވަޒަންކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި މައުމޫންގެ އިތުރުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޒާހިޔާ ޒަރީރާއި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރަށް ޑީއާރުޕީގެ ބައެއް ބޭފުޅުން ވާހަކަދެއްކެވި އެވެ.
ޑީއާރުޕީގެ އާންމު ޖަލްސާ: ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްލާމް ދީނާ ވަނީ ގުޅިލާމެހިފައި: ޒައީމް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ