އިސްދޫ ސިއްހީ މަރުކަޒަށް ކަރަންޓް ދިނުމުގެ މައްސަލަ: އިސްދޫ ކަލައިދޫގެ ރައްޔިތުންގެ މެދުގައި ރުޅިވެރިކަން އުފެދި ކޯރުކޮނެގެން ރަށް ދެބ

ލ. އިސްދޫ ސިއްހީ މަރުކަޒަށް ކަރަންޓް ދިނުމުގެ މައްސަލައިގައި އިސްދު އާއި ކަލައިދޫ އަވަށުގެ ރައްޔިތުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދި ދެ އަވަށް ގުޅިފައިވާ ސަރަހައްދުން ކޯރު ކޮނެ، ރަށް ދެބައިކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އިސްދޫ އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި ކަތީބު އިބްރާހިމް ހަމީދު މިއަދު ވިދާޅުވި ގޮތުގައި ސިއްހީ މަރުކަޒުގެ ކަރަންޓް މައްސަލައިގައި ދެ އަވަށު ރައްޔިތުން ހޫނުވެ، އެ ރަށް ވަކިކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 00: 6 ހާއިރު އެވެ. އިސްދޫ ސިއްހީ މަރުކަޒު ހުންނަނީ އިސްދު އާއި ކަލައިދޫ އަވަށުގެ މެދަށް ވާ ގޮތަށް ވަކި އަވަށަކަށް ނިސްބަތް ނުވާ ގޮތަށެވެ.
ދެ އަވަށް ވަކި ކުރަން ކޯރު ކޮންނަން ފެށީ، ސިއްހީ މަރުކަޒަށް ހަމަހަމަ އުސޫލުން ދެ އަވަށުން ކަރަންޓް ދޭ ގޮތަށް ހަމަޖައްސައި، މުއްދަތު ހަމަވިއިރު ވެސް އިސްދޫ އަވަށު މީހުންނަށް ކަރަންޓް ދޭނެ ފުރުސަތެއް ކަލައިދޫ މީހުން ނުދީގެން އެ އަވަށުން އަމިއްލަ އަށް ކަރަންޓް ދޫކުރުމުން ކަމަށް އިސްދޫ އަވަށުން ބުންޏެވެ. އެ ފުރުސަތު ނުދިނުމުން އިސްދޫ މީހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު، ސިއްހީ މަރުކަޒަށް އެ އަވަށުން ކަރަންޓް ދީފަ އެވެ. އެ މައްސަލައިގައި ރުޅިވެރިކަން އުފެދި ކަލައިދޫ މަދުބަޔަކު ވަނީ ސިއްހީ މަރުކަޒު އެ އަވަށަށް ދާގޮތަށް ހަތަރު ފޫޓު ފުޅާ ފަސް ފޫޓަށް ވުރެ ފުންކޮށް، ކޯރުކޮނެފައި ކަމަށް ކަލައިދޫ އަވަށު ޒުވާނަކު ފޯނުން މިއަދު ކިޔައިދިނެވެ. ކަލައިދޫން ކޯރު ކޮނެފައި ވަނީ އެ ދެ އަވަށުގައި މަގު ހަދާ ޕްރޮޖެކްޓް އޮފީހާއި ނަރުދަމާ ނިޒާމްގެ އޮފީސް ވެސް އެ އަވަށަށް ދާގޮތަށް ކަމަށް ވެސް އޭނާ ބުންޏެވެ. ސިއްހީ މަރުކަޒު ކަލައިދޫ އަވަށު މީހުންނަށްދާ ގޮތަށް ފުންކޮށް ކޯރު ކޮނުނު ކަމަށް އެ އަވަށު އޮފީހުން ވެސް ކަށަވަރުކޮށްދިނެވެ.
އިސްދޫ ކަތީބު ވިދާޅުވި ގޮތުގައި އެ އަވަށުން ކަރަންޓް ގުޅުމުން ކަޅައިދޫގެ ބަޔަކު ވަނީ ސިއްހީ މަރުކަޒުން ކަރަންޓް ކަނޑާލައި ބޮޑުމަގުގައި ޖަހާފައި ހުރި ހޮޅިދަނޑިތައް ލުހެލައި ކަރަންޓް ސަޕްލައިތައް ބުރިކޮށް، ބައެއް ކަރަންޓް ފޮށިތައް ވެސް ހަލާކުކޮށްފަ އެވެ.
"ސަރުކާރުގެ މިނިސްޓްރީތަކުގެ ލަފާ ހޯދައި އަތޮޅު އޮފީހުން އެންގި އުސޫލަށް އަމަލުކުރަމުން ގޮސް ތިން މަސް ހަމަވުމުން ތަކުރާރުކޮށް އަތޮޅު އޮފީހުގައި ވެސް ކަރަންޓް ދިނުމަށް އިސްދޫއަށް ފުރުސަތެއް ދިނުމަށް އެދެމުންދިޔައިން. އަޅުގަނޑުމެންނަށް ލިބޭ ޖަވާބަކީ ކަރަންޓްގެ މައްސަލަ ހަމައަކަށް އަޅުވައި އިސްދޫ އަވަށުން ކަރަންޓް ދޭ ގޮތަށް ތައްޔާރުވަމުން އެބަދާ ކަމަށް. އެގޮތަށް ނުގުޅި ލަސްވަމުން ދިޔައީމަ ސިއްހީ މަރުކަޒުގެ ވެސް ހުއްދަ ލިބިގެން ރައްޔިތުން )އިސްދޫ އަވަށުން( މިދިޔަ ބުރާސްފަތި ދުވަހު ކަރަންޓް ގުޅީ،" އެގާރަ ސަތޭކައެއްހާ މީހުން ހިމެނޭ އަވަށުގެ ކަތީބު ވިދާޅުވި އެވެ.
ރަށް ވަކިކުރުމަށް ކަޅައިދޫ މީހުން ކޯރު ކޮންނަން ފެށުމުން އިސްދޫ މީހުން ވެސް ވަނީ ހަތް ފޫޓު ދިގު، ތިން ފޫޓު ފުޅާ އަދި ފުންމިނުގައި ފަސް ފޫޓަށް ކޯރުކޮނެފަ އެވެ. އަދި ބުރާސްފަތި ދުވަހުން ފެށިގެން ސިއްހީ މަރުކަޒު ބަންދުކޮށް، ހިދުމަތް ދިނުން ވަނީ ހުއްޓާލައިފަ އެވެ. ހަވީރަށް އެނގިފައިވާ ގޮތުގައި ދެ އަވަށުގައި ވެސް ކޯރު ކޮނުނު މީހުން ބޭނުންވަނީ އެ އަވަށަކަށް ސިއްހީ މަރުކަޒު ވާ ގޮތަށް ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ފުޅާކޮށް ކޯރުކޮނެގެން ވަކި ރަށެއްގެ ގޮތުގައި ބަދަލުކޮށްލާށެވެ.
ލ. އަތޮޅުވެރިޔާ އަލީ ވަހީދު މިއަދު ވިދާޅުވި ގޮތުގައި ސިއްހީ މަޒުކަޒަކީ ދެ އަވަށަށް ވެސް ވަރަށް މުހިންމު ހިދުމަތެއް ދޭ ތަނަކަށްވާތީ، ހަމަހަމަ އުސޫލުން ދެ އަވަށުން ކަރަންޓް ދިނުމަށް އެދި ދެ އަވަށުގެ އޮފީސްތަކަށް މިއަހަރުގެ ކުރީކޮޅު އަންގާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ އަވަށަކުން ވެސް ތިން މަސް ދުވަހު ކަރަންޓްދޭ އުސޫލެއް ހަމަޖައްސައި އަންގާފައިވާ ކަމަށް ވެސް އަތޮޅުވެރިޔާ ވިދާޅުވި އެވެ.
"އެއްބަޔަކު ބުނަނީ އެ މީހުންނަށް ސިއްހީ މަރުކަޒުގެ ބޮޑުބައި ދާތީ ކަރަންޓް ދޭނީ އެ މީހުންނޭ. އަނެއްބަޔަކު ބޭނުމެއް ނުވޭ އެގޮތެއް. ދެ ރަށުގެ މެދަށްވާގޮތަށް ހުރި ތަނަކަށްވާތީ ދެ ފަރާތަށް ވެސް ބަހާލައިގެން ހަމަހަމަ އުސޫލުން ގެންދިއުމަށް އެދިފައި ވަނީ،" އަތޮޅުވެރިޔާ އިސްދޫގައި ހުންނަވައިގެން ފޯނުން ވިދާޅުވި އެވެ.
ލ. އަތޮޅު އޮފީހުން އިސްދޫ އޮފީހާއި ކަލައިދޫ އޮފީހަށް ފޮނުވައި ކޮޕީ ހެލްތް މިނިސްޓްރީ އާއި އެޓޮލްސް މިނިސްޓްރީ އާއި ސިއްހީ މަރުކަޒާއި ގަމު ރީޖަނަލް ހޮސްޕިޓަލަށް ފޮނުވި ލިޔުމުގައި ވަނީ ކަރަންޓް ސިއްހީ މަރުކަޒަށް ހިދުމަތް ދިނުމާ ބެހޭގޮތުން ހެލްތާއި އެޓޮލްސް މިނިސްޓްރީ މަޝްވަރާކުރުމަށް ފަހު، ދެ އަވަށުން ވެސް ކަރަންޓް ދިނުމަށް ދެ މިނިސްޓްރީން ލަފާ ދީފައިވާ ކަމަށެވެ.
"ވީމާ އިސްދޫ ސިއްހީ މަރުކަޒަށް ބޭނުންވާ ކަރަންޓް އިސްދޫ އަވަށުންނާއި ކަލައިދޫ އަވަށުން ލުމަށްފަހު ތިން މަހުން ތިން މަހުން ކަރަންޓް ބަދަލުވާގޮތަށް ދެ އަވަށުން ވެސް ސިއްހީ މަރުކަޒަށް ކަރަންޓްގެ ހިދުމަތް ދެއްވުން އެދެން،" އަތޮޅުވެރިޔާ ސޮއި ކުރައްވައި ދެ އަވަށު އޮފީހަށް ޖެނުއަރީ މަހު ފޮނުވާފައިވާ ލިޔުމުގައި ވެ އެވެ.
މި މައްސަލައިގައި ކަލައިދޫ އޮފީހުގެ ކަތީބު މުހަންމަދު ރަފީއު ވިދާޅުވީ އަތޮޅު ކޮމެޓީގެ ބައްދަލުވުމެއް ކުރިއަށްދާތީ، ފަހުން އެ މައްސަލައާ ބެހޭ މައުލޫމާތު ދެއްވާނެ ކަމަށެވެ.
ކަލައިދޫ އަވަށުގެ އިސް މީހެއް ކަމަށްވާ އަހުމަދު އަލީ މިއަދު ބުނީ ސިއްހީ މަރުކަޒުގައި ކަރަންޓް ދީފައި ވަނީ އެ އަވަށުގެ ރައްޔިތުން ވަރަށް ބޮޑު ހޭދައެއްކޮށްގެން ކަމަށެވެ. އެހެންވެ ތިން މަހުން ތިން މަހުން ބަދަލުވާގޮތަށް ސިއްހީ މަރުކަޒަށް ކަރަންޓް ދޭން އެ އަވަށު މީހުން ބޭނުން ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނިގޮތުގައި ތަފާތު މައްސަލަތަކާ ގުޅިގެން އެ ދެ އަވަށް ވަކިކުރުމަށް ސަރުކާރުގައި މާކުރިން ވެސް އެ އަވަށުން ވަނީ އެދިފަ އެވެ.
"ދެ އަވަށް އޮންނައިރު ސަރުކާރު އޮފީސް ތަކަށް ވެސް ނަން ދީފައި މި ހުންނަނީ ހަމައެކަނި އިސްދޫ އަވަށުގެ ނަން ބޭނުންކޮށްގެން. ސިއްހީ މަރުކަޒުގައި ވެސް އޮންނަނީ ހަމައެކަނީ އިސްދޫ ސިއްހީ މަރުަކަޒު. އެއީ އެއްވެސް އިންސާފެއް ނޫން. ކަރަންޓް މައްސަލައަކީ އަތޮޅުވެރިޔާ އާއި ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އުފެއްދި މައްސައެއް. މެނޭޖަރަށް ފެނިގެން ތިން މަހުން ތިން މަހުން ބަދަލުކުރާ ގޮތަށް ނިންމީ. އެއީ ކަލައިދޫ ރައްޔިތުން ރުހޭ ކަމެއް ނޫން،" އޭނާ ބުންޏެވެ.
ނޫސް ޗާޕަށް ދަނިކޮށް ހަވީރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މައްސަލަ ހައްލު ކުރުމަށް އެ ރަށަށް ދިޔަ އަތޮޅު ކޮމެޓީގެ މެމްބަރުންތަކެއް ހެނދުނު 30: 10 އިން ފެށިގެން ރަށު އޮފީސް ތެރޭގައި ވަނީ ހިފަހައްޓައިފަ އެވެ.
"އެ މީހުން ތިބީ ކަލައިދޫ އަވަށު ރަށު އޮފީހުގައި. އެތާނގައި ހިފަހައްޓާފައި އެތިބީ،" ނަން ހާމަކުރަން ބޭނުން ނުވާ މީހަކު ބުންޏެވެ. "މި މައްސަލަ ހައްލު ކުރެވޭ ވަރުގެ ބަޔަކު މި ރަށަށް ނާންނަނީސް އެ މީހުންނަށް އެތަނުން ނުދެވޭނެ ކަމަށް ވަނީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ