އަލަށް ހަދައިފައިވާ ތިން ބުރީގެ އިމާރާތް މާޗް މަހު ތެރޭގައި ބޭނުންކުރަން ފެށޭނެ ވަރުވާނެ: ހިތަދޫ އިސްލާމިއްޔާ ސްކޫލް

ސ. ހިތަދޫ އިސްލާމިއްޔާ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެތަނުގައި އަލަށް ހަދައިފައިވާ ތިން ބުރީގެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިމި އަންނަ މަހުގެ ތެރޭގައި ބޭނުން ކުރަން ފެށޭވަރުވާނެ ކަމަށް އެ ސްކޫލުން ބުނެފި އެވެ.
ފަސް ސަތޭކަ އަށް ވުރެ ގިނަ ދަރިވަރުން މިހާރު ކިޔަވަމުން އަންނަ އިސްލާމިއްޔާ ސްކޫލުގެ ޑިޕިއުޓީ ޕްރިންސިޕަލް ފާތުމަތު ނަސީރު ބުރާސްފަތި ދުވަހު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ހިންގާ މިޕްރޮޖެކްޓްގައި ހަދައިފައިވާ ތިން ބުރީގެ އިމާރާތުގައި ހިމެނެނީ ހަތަރު ލެބާއި ކޮމްޕިއުޓާ ރޫމަކާއި އޭވީ ރޫމެއްގެ އިތުރުން ތިން ކުލާސް ރޫމް ކަމަށެވެ.
"އަލަށް ހަދައިފައިވާ އިމާރާތުގެ ސަބަބުން ކެމިސްޓްރީ ބައޮލޮޖީ، ފިޒިކްސް އަދި ފިޝަރީސް ސައިންސް ކިޔަވާ ކުދިންނަށް ވަރަށް ބޮޑަށް ފަސޭވެގެން ދާނެ. މީގެއިތުރުން މިހާރު ރޭގަނޑު ބައެއް ގްރޭޑްތަކުގެ ދަރިވަރުންނަށް ނަގައި ދެމުން އަންނަ އިތުރު ގަޑީގެ ކުލާސްތައް ވެސް ދުވާލު ގަޑީގައި މި އިމާރާތުގެ ސަބަބުން ނަގައި ދެވޭނެ. އެހެންވީމާ ޖާގައިގެ ދަތި ކަމަށް ވަރަށް ބޮޑު ހައްލެއް އަންނާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އެ އިމާރާތް ބަލާލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް ހޮނިހިރު ދުވަހު އަންނާނެ ކަމަށާއި އިމާރާތަށް ބޭނުންވާ ތަކެއްޗާ އެކު އެތަން މިނިސްޓްރީން ހަވާލު ކުރުމުން މާޗު މަހުގެ ތެރޭގައި އެތަން ބޭނުން ކުރަން ފަށާނެ ކަމަށެވެ.
ޕްރޮޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަސައްކަތުގައި ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް އެއްކޮށް ނިމި މިހާރު އެތަނުގައި ކުރިއަށް ގެންދަނީ ކުލަ ލުމުގެ މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ