މުސްތަފާގެ މަންމަގެ ސިޓީ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އަށް ދައުވާ ލިބޭ ގޮތަށް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ މައްސަލަ އަކީ ސިޔާސީ ގޮތުން ނުފޫޒު ވަދެފައިވާ މައްސަލައެއް ކަމަށް ބުނެ، މުސްތަފާގެ މަންމަ، އުއްތަމަ ފަނޑިޔާރަށް ފޮނުވާފައިވާ ސިޓީ ސުޕްރީމް ކޯޓުން ބަލައި ނުގަނެ މިއަދު އަނބުރާ ރައްދު ކޮށްފައިވާ ކަމަށް މުސްތަފާ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ސިޓީގެ ޖަވާބު ބަލައި އައުމަށް ކޯޓުން ގުޅާފައި ބުނުމުން އެއާ ހަވާލުވުމަށް މަންމަ އައިޝަތު އަލިމަނިކު ދިއުމުން، އެ ސިޓީ އަނބުރާ ރައްދު ކޮށްފައިވާ ކަމަށެވެ.
"ކޯޓުން ބުނީ އެ ސިޓީގައި މުހާތަބު ކުރަން ނުޖެހޭ އިބާރާތެއް ބޭނުންކޮށްފައި ހުރުމުން ސިޓީ ބަލައި ނުގަތީ ކަމަށް. އެހެންވެ ސިޓީ ވަނީ އަނބުރާ ރައްދު ކޮށްފައި،" މުސްތަފާ ވިދާޅުވި އެވެ. "އެ ސިޓީގައި މައްސަލަ ޖެހުނީ ހީވާ ގޮތުން އޭގައި ވާނެ ބުނެފައި 'ސިޔާސީ ނުފޫޒު އޭގެ މައްޗަށް ވަށައިގެން ވެރިވެގެންފައިވާ ޝައިތާނީ ވަސްވާސްތަކުން ފުރިގެންވާ މައްސަލައެއް' ކަމަށް ބުނެފައި. އެ އިބާރާތުގައި ކަމަށް ބެލެވެނީ މައްސަލަ ޖެހުނީ،" މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އިބާރާތް ނިސްބަތް ކޮށްފައި ވަނީ ސުޕްރީމް ކޯޓަށް ނޫން ކަމަށެވެ. އެހެންވެ ސިޓީ އަނބުރާ ރައްދު ކުރަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
"އެ އިބާރާތް ރިމޫވް ކޮށްފައި އަނެއްކާ ވެސް އަޅުގަނޑުމެން ސިޓީ ފޮނުވާނަން،" މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާގެ މަންމަގެ ސިޓީގައި ބުނެފައި ވަނީ ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) އަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުސްތަފާ ދައްކަންޖެހޭ އެއްވެސް ދަރަންޏެއް ނޯންނާނެ ކަމަށެވެ. އަދި މުސްތަފާގެ ދަރަންޏެއް ނެތް ކަމަށް އެމްއެމްއޭ އިން ވެސް ކަނޑައަޅާފައިވާ ކަމަށާއި އެމްއެމްއޭ އަކީ ބީސީސީއައިގެ ގާނޫނީ ބެލެނިވެރިޔާ ނޫން ކަމަށް އެމްއެމްއޭ އިން ބުނެފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
މުސްތަފާގެ މަންމަ އަކީ، މުސްތަފާ ހިއްސާވާ ސީފުޑް އެންޑް ޓްރޭޑްގެ ޑިރެކްޓަރު ވެސް މެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ