ހާއްސަ މަޖިލީހުގެ މުސާރަ ދެން ބޭނުމެއް ނޫން: މާލޭ މެމްބަރު ނަޝީދު

ރައްޔިތުންގެ ހާއްސަ މަޖިލީހުން ލިބިވަޑައިގަންނަވާ މުސާރަ ދެން ބޭނުންފުޅު ނުވާ ކަމަށް މާލޭ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެ އެވެ.
ހާއްސަ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރެއްވުމުގެ މަސައްކަތް މާ ބޮޑަށް ދިގުދެމިގެން ހިންގެއްޖެ ކަމަށާއި މިހާތަނަށް އޭނާ އަށް ހާއްސަ މަޖިލީހުގެ މުސާރައިގެ ގޮތުގައި ދެ ލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިވަޑައިގެންފައިވާ ކަމަށެވެ.
"ދެން އަޅުގަނޑު (ހާއްސަ މަޖިލީހުގެ( މަސައްކަތްކުރާނީ ރައްޔިތުންނަށް ހިލޭ ކޮށްދޭ ކަމެއްގެ ގޮތުގައި،" އެމްޑީޕީން ވަކިވެވަޑައިގެންފައިވާ ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިއަދު ވިދާޅުވީ ހާއްސަ މަޖިލީހުގައި ހޭދަވި މުއްދަތަކީ ގާނޫނު އަސާސީ އިސްހާލުކޮށް ނިމެންޖެހޭނެ މުއްދަތެއް ކަމަށް ގަބޫލްކުރައްވާ ކަމަށާއި އަދި ގާނޫނު އަސާސީއެއް އިސްލާހުކުރުމަށްޓަކައި މުސާރައިގެ ގޮތުގައި ލިބިފައިވާވަރު މާ ގިނަ ކަމަށެވެ.
"މިހާރު ވެސް މާ އިތުރަށް މުސާރަ ލިބިއްޖެ. ގާނޫނު އަސާސީ ނުނިމި ދިގުދެމިގެންދާއިރު، މުސާރަ ނެރުމަށް ޒަމީރު ގަބޫލްނުކުރަނީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މާލޭ ގޮނޑި ކާމިޔާބުކުރައްވާފައި ވަނީ 2005 ވަނަ އަހަރު ބޭއްވި ބައި އިލެކްޝަންގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ