އައްޑޫ ސިޓީ ކައުންސިލް ބާތިލް ކަމަށް ކޯޓުން ހުކުމްކޮށްފި

ރައީސުލް ޖުމްހޫރިއްޔާ އަށް އައްޑޫ ސިޓީ ކައުންސިލް އުފެއްދެން ނެތް ކަމަށާއި ރައީސް އޮފީހުގެ ދެންނެވުމަކުން ބަޔާންކުރި "ސިޓީ ކައުންސިލް" އަކީ ބާތިލް ނުކުތާއެއް ކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނާ ޝަރުތުތައް ހަމަ ނުވަނީސް އެ ގާނޫނުގެ ދަށުން އައްޑޫ ސިޓީ ކައުންސިލް އުފެއްދުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދިވެހި ގައުމީ ޕާޓީގެ ނާއިބު ރައީސް އިމާދު ސޯލިހާއި ސ. މީދޫ ޑޭލައިޓް އަބްދުލް ހަކީމް ކުރެއްވި ދައުވާގެ ހުކުމް އިއްވަވަމުން ގާޒީ ހާތިފް ހިލްމީ ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ޖަދުވަލު 2 އަދި 3 ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަކުރެވޭނީ، ލޯކަލް ގަވަމެންޓް އޮތޯރިޓީން ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ ހިދުމަތްތަކާއި އުފެއްދުންތެރިކަމުގެ މިންގަނޑެއް ކަނޑައެޅިފައި އޮވެގެން ކަމަށެވެ.
ހުކުމުގައި ވަނީ އެފަދަ މިންގަނޑެއް ލޯކަލް ގަވަމެންޓް އޮތޯރިޓީން ކަނޑައަޅާފައި ނުވާ ހިނދު އެ ޖަދުވަލު 2 އަދި 3 ގައި ބުނާ ސިޓީއެއްގެ ދަރަޖަ ދިނުމަށް އޮތް ޝަރުތު ފުރިހަމަކުރެވެން ނެތް ހާލަތެއްގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އަށް ސިޓީ ކައުންސިލް އުފެއްދެން ނެތް ކަމަށެވެ.
އެހެންވެ، ލާމަރުކަޒީ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތައް ސަރުކާރުން އުފެއްދި ގޮތް އާއްމުކުރުމަށް، ރައީސް އޮފީހުން މިދިޔަ އަހަރުގެ އޮކްޓޫބަރު 19 ގައި ނެރުނު ދެންނެވުމުގައި ބަޔާންކުރާ "ސިޓީ ކައުންސިލްތައް" ސުރުހީގެ ދަށުގައިވާ "އައްޑޫ ސިޓީ ކައުންސިލް" އަކީ ބާތިލް ނުކުތާއެއް ކަމަށް ގާޒީ ހުކުމް ކުރެއްވި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މައްސަލަ ނުނިމެނީސް ކައުންސިލް އުފެއްދުމުގެ ނިންމުން ތަންފީޒުކުރުމުގެ މަސައްކަތް ހުއްޓުވުމަށް ވަގުތީ އަމުރަކަށް ވެސް އިމާދު ސޯލިހާއި އަބްދުލް ހަކީމް ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް ގާޒީ ވިދާޅުވީ މިއީ ހުކުމެއް ކުރެވެން އޮތް މައްސަލައަކަށް ވީތީ ވަގުތީ އަމުރެން ނުނެރުއްވީ ކަމަށެވެ.
އައްޑު އަތޮޅު ސިޓީއަކަށް ނުހެދޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި ނަމަ އެ ގޮތަށް އަމަލުކުރައްވާނެ ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބު ލަސްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އައްޑޫ ސިޓީ ކައުންސިލް ނުހެދޭނެ ކަމަށް ކޯޓުން ކަނޑައެޅިޔަސް އެހެން އަތޮޅުތަކުގެ އިންތިހާބު ލަސް ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ސަރުކާރުން އައްޑު އަތޮޅަށް ސިޓީއެއްގެ ދަރަޖަ ދީފައިވާތީ އެކަމަށް ތާއީދުކޮށް އެ އަތޮޅުގެ މަދަނީ ޖަމިއްޔާތައް ގުޅިގެން އިއްޔެ ވަނީ އައްޑޫގައި ވެހިކަލް ބުރެއް ވެސް ބާއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ