ބިދޭސީން ގެންނަން ހިއުމަން ރިސޯސަސް މިނިސްޓްރީގައި ޑިޕޮސިޓް ފައިސާގެ ގޮތުގައި އާންމުން ބަހައްޓާފައި ހުރި ގާތްގަނޑަކަށް 200 ވަރަކަށް މިލިއަން ރުފިޔާ ނުލިބިގެން އަލުން ޑިޕޮސިޓް ބަހައްޓަން އިމިގްރޭޝަން ޑިޕާޓްމަންޓުން އިއުލާންކޮށްފި އެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން އިލްޔާސް ހުސެއިން އިބްރާހިމް މިއަދު ވިދާޅުވީ އިމިގްރޭޝަނުން އަންގައިގެން ކުރިން ހިއުމަން ރިސޯސަސް މިނިސްޓްރީން ނަގަމުން ދިޔަ ޑިޕޮސިޓް ފައިސާ އެތަނާ ހަވާލުކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް، އެ ފައިސާ މިހާތަނަށް އެ ޑިޕާޓްމަންޓަށް ލިބިފައި ނުވާ ކަމަށެވެ.
"އެ ބޭފުޅުން ވިދާޅުވީ އެކަކުން ފެށިގެން ]ޖުލައި 1 ން ފެށިގެން އެ ފައިސާ[ ތިކޮޅުން ނަގާށޭ. އެމްޕޯއިމަންޓް އެޕްރޫވަލް އާކުރާއިރު ]އެ ފައިސާ[ އަލުން ނަގާނީއޭ. އެ ފައިސާ މިތަނަށް ނުލިބުމުން އެމްޕްލޯޔަރުން ގާތު އެ ފައިސާ ދައްކަން އެންގީ،" އޭނާ ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ފުރުވާލަން ޖެހިފައިވާ 19 މީހަކު، ޑިޕޮސިޓް ފައިސާ ނުލިބިގެން ނުފުރިފައި އެބަތިބި ކަމަށެވެ.
"ކޮންމެވެސް ގޮތެއް ވެގެން އެ ޑިޕޮސިޓް ފައިސާ ]މިނިސްޓްރީން[ ދޫނުކުރެވިގެން އުޅެނީ. ކޮންމެވެސް މައްސަލަތަކެއް ދިމާވެގެން އުޅޭތީތާ އެ ފައިސާ ނުލިބިގެން އުޅެނީ،" އޭނާ ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ހިއުމަން ރިސޯސަސް މިނިސްޓްރީ އަށް ޑިޕޮސިޓް ފައިސާ ދެއްކި ފަރާތުގެ ލިސްޓެއް ވެސް އިމިގްރޭޝަނަށް ލިބިފައިނުވާ ކަމަށެވެ. އެ ސަބަބާ ހުރެ، އިމިގްރޭޝަނުން މިހާރު އަލަށް ވޯކް ވިސާ ދޫކުރަނީ އެ މީހެއްގެ ނަމުގައި އެ ޑިޕާޓްމަންޓްގައި އަލުން ޑިޕޮސިޓް ]އެއްކޮޅު ޓިކެޓްގެ ފައިސާ[ ބެހެއްޓުމުން ކަމަށެވެ.
"އަޅުގަނޑުމެން ވިސާ ދޫކުރާ ކުރަނީ ޑިޕޮސިޓް ފައިސާ މިތަނަށް ޖަމާކުރުމުން. އެ މީހެއްގެ ކަމެއް ހިއުމަން ރިސޯސަސް މިނިސްޓްރީ އަށް ދައްކާފައިވާ ޑިޕޮސިޓް ފައިސާ އެތަނުން ހޯދައިގެން ގެނެސް މިތަނަށް ޖަމާކުރުމަކީ. އަޅުގަނޑުމެން މިދަނީ ހިއުމަން ރިސޯސަސް މިނިސްޓްރީއާ ވާހަކަ ދައްކައިގެން އެ ފައިސާ ދައްކާފައިވާ މީހުންގެ ލިސްޓެއް ހޯދަމުން. ނަމަވެސް އެ ލިސްޓެއް މިހާތަނަށް ލިބިފައެއްނުވޭ،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ބިދޭސީންގެ ނަމުގައި މިނިސްޓްރީގައި ބަހައްޓާފައިވާ ޑިޕޮސިޓް ފައިސާ ހޯދުމަކީ އެމްޕްލޯޔަރުގެ އަމިއްލަ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން މިއުޅެނީ އެ ޑިޕޮސިޓް ފައިސާ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ބަހައްޓަން. އެއީ ބިދޭސީ މީހަކު ފުރުވާލަން ޖެހޭއިރު މިތަނުގައި އެ ފައިސާ ނެތުމުން މީހާ ފޮނުވާލަން ދަތިވާތީ. އަޅުގަނޑުމެން މިހާރު ހަމަޖައްސާފައި ވަނީ މިތަނަށް ފައިސާ ދައްކާ ކޮންމެ މީހެއްގެ ނަމުގައި އެމްއެމްއޭގައި އެކައުންޓެއް ހުޅުވައި އެތަނަށް އެ ފައިސާ ޖަމާކުރާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ހިއުމަން ރިސޯސަސް މިނިސްޓްރީ އަށް ދައްކާފައިވާ ޑިޕޮސިޓް ފައިސާ ލިބުމުގައި ދަތިތަކެއް ދިމާވެގެން އުޅޭ ކަމަށް ބައެއް ފަރާތްތަކުން ހުށަހަޅަމުން ގެންދާ ކަމަށެވެ.
އެހެން ނަމަވެސް ހިއުމަން ރިސޯސަސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު އަލީ ވިދާޅުވީ ޑިޕޮސިޓް ފައިސާ އެ މިނިސްޓްރީ އަށް ދައްކާފައިވާ ފަރާތްތަކުން އެ ފައިސާ ނަގަން ހުށަހެޅުމުން ދޫކުރަމުން ގެންދާ ކަމަށެވެ.
"މިތަނަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ރިސިޓްކޮޅު ގެއްލިފައިވާ ފަރާތްތަކަށް ވެސް ސިސްޓަމުން ބަލައި ޗެކްކުރުމަށް ފަހު އެ ފައިސާ ދޫކުރަމުން މިގެންދަނީ. މިތަނުގެ ސިސްޓަމުން ފެންނަން ހުންނާނެ އެ މީހަކު ޑިޕޮސިޓްގެ ގޮތުގައި ފައިސާ ބެހެއްޓި މިންވަރު އެނގެން،" އޭނާ ވިދާޅުވި އެވެ.
އަޖުވަދު ވިދާޅުވީ ޑިޕޮސިޓް ފައިސާ ގޮތުގައި އެ މިނިސްޓްރީ އަށް ދެއްކި ފައިސާ އެހެން ކަމަކަށް ބޭނުންކޮށްފައިނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިގެންދަނީ އެ ފައިސާ އިމިގްރޭޝަނަށް ބަދަލުކުރުމަށް ވާހަކަ ދައްކަމުން. ނަމަވެސް އެކަން ކުރެވޭނީ ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ފަހު،" އޭނާ ވިދާޅުވި އެވެ.
ވިސާ ފީ އާއި ޑިޕޮސިޓް ފައިސާ އިމިގްރޭޝަން ޑިޕާޓްމަންޓުން ބަލައިގަންނަން ފަށާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
އިމިގްރޭޝަނުން ބުނީ ހިއުމަން ރިސޯސަސް މިނިސްޓްރީ އަށް ވާކް ޕާމިޓްގެ ނަމުގައި ފައިސާ ނަގާފައިވާ ފަރާތްތަކުގެ މުއްދަތު ހަމަވާނީ އެންމެ ފަހުން ފައިސާ ދައްކާފައިވާ ތާރީހަށް ކަމަށެވެ. އަދި ވާކް ޕާމިޓަށް ފައިސާ ދައްކާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ވިސާ ދައްކަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓްރީން ޑިޕޮސިޓް ފައިސާ ނުލިބިގެން ބިދޭސީންނަށް އަނެއްކާ ވެސް ޑިޕޮސިޓް ފައިސާ ދައްކަން ޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ