ހޫނު މޫސުމާއި ރޯދަމަހާ އެއްވުމުން ކަރަންޓް ބިލަށް ބާރު ބޮޑު

ކަރަންޓު ބިލު ބޮޑުވާ ކޮންމެ ފަހަރު އިވޭ އެއް ޝަކުވާއަކީ "ގޭގައި އިތުރަށް ކަރަންޓް ބޭނުން ނުކުރާ" ކަމަށް ގޭބީސީތަކުން ދައްކާ ވާހަކަ އެވެ. މިއީ ހަގީގަތަކަށް ވެސް ވެދާނެ އެވެ. އެކަމަކު ހޫނު މޫސުމާއެކު އޭސީ އާއި ހީޓަރު ފަތަ ސާމާނުން ކަރަންޓު ލޯޑު އާދަޔާ ހިލާފަށް އިތުވެ އެވެ. އެހެންވެ، އެކަން ކަރަންޓު ބިލުތަކުން ވެސް ދައްކާނެ އެވެ.
އާންމު ގޮތެއްގައި ވެސް އޭޕްރީލް، މެއި އަދި ޖޫން މަހަކީ ރާއްޖޭގެ އެންމެ ހޫނު ގަދަ ދުވަސްވަރެވެ. މި ފަހަރު ހޫނު މޫސުމާ މި ދިމާވީ އާންމުކޮށް ކަރަންޓުގެ ސާމާނުތައް އެންމެ ގިނައިން ބޭނުންކުރާ ރޯދަމަހާ އެވެ. އެހެންވެ، ކަރަންޓް ބޭނުން ކުރާ ވަރު ވަރަށް ބޮޑު އިތުރުވާނެ ކަމަށް ސްޓެލްކޯއިން ލަފާކުރެ އެވެ.
ހޫނު ދުވަސްވަރު ކަރަންޓް ބިލް ބޮޑުވުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް ވަނީ ބޭރާ އެއްވަރަށް ގޭގެ އެތެރޭގެ ފިނިހޫނުމިން ވެސް އުފުލުމެވެ. "ރޫމްޓެމްޕަރޭޗާ" މައްޗަށް ދާވަރަކަށް އެތަނެއް ފިނި ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެއާކޮންޑިޝަނުން ކުރަންޖެހޭ މަސައްކަތް ބޮޑުވާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ ވިދާޅުވީ، ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮންނަނީ ހޫނު ވިޔަސް ކަރަންޓު ބިލަށް އަރަން ޖެހޭނީ އެއްވަރެއް ކަމަށެވެ. އެކަމަކު މިއީ ސްޓެލްކޯގެ ބާރު ހިނގާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އާންމުކޮށް ކަސްޓަމަރުން ދަންނަވާނެ. ރޯދަމަހަކު ވިޔަސް ވަކި އެއްޗެއް ބޭނުން ކުރުން އިތުރެއް ނުކުރަމޭ. ގާތްގަނޑަކަށް ބޭނުން ކުރަ އެކައްޗެކޭ ބޭނުން ކުރަނީ،" އޭނާ ވިދާޅުވި އެވެ.
ރޯދަމަހު ބަދިގޭގެ ވަގުތުތަކުގައި ކަރަންޓް ލޯޑު ބޮޑު
ރޯދަމަހަކީ އެހެން މަސް މަހާ ހިލާފަށް ބަދިގޭގާއި އިލެކްޓްރޯނިކް ގިނަ ސާމާނު ބޭނުންކުރެ އެވެ. އެއާފްރަޔާ އާއި ސްޓީމާ އާއި މިކްސަރާއި އަވަން ފަދަ ތަކެއްޗަކީ ކަރަންޓް ލޯޑު ބޮޑުތަކެއްޗެވެ.
ބަދިގޭގާއި ބޭނުންކުރާ އަވަންގެ ކަރަންޓު ވޯލްޓޭޖް އުޅެނީ 1،800 އަށް ވުރެ މަތީގަ އެވެ. މީގެ އިތުރުން އެއާފްރަޔާ ފަދަ ތަކެތީގެ ވޯލްޓޭޖު އުޅޭނީ 1،200 އާއި 1،500 އާ ދެމެދުގަ އެވެ. މީގެ އިތުރުން އާންމު މަސްމަހަށް ވުރެ ރޯދަ މަހު ގޭގައި ބޭނުން ކުރާ ފްރިޖު ހުޅުވާ ވަރު ވެސް އިތުރުވާނެ އެވެ. މިއީ ވެސް ކަރަންޓު އިތުރުވާނެ އިތުރު ސަބަބެކެވެ.
ރޯދަ މަހުގެ އެއް ދުވަހު މާލެ ސަރަހައްދުގެ ކަރަންޓް ބޭނުން ކުރާ ވަރު
ސްޓެލްކޯގެ ތަފާސްހިސާބުުތަކުން އެނގޭ ގޮތުން ރޯދަ މަހުގެ ހަވީރު 3:00 އިން 6:00 އަށް މާލޭގައި ބޭނުން ކުރަ ކަރަންޓުގެ މިންވަރު 55،000 ކިލޯވޮޓަށް އަރަ އެވެ. ދުވަހުގެ އެހެން ވަގުތުތަކުގައި ކަރަންޓް ބޭނުން ކުރާ ވަރު ހުރީ 40،000 ކިލޯވޮޓާއި 50،000 ކިލޯވޮޓާ ދެމެދުގަ އެވެ. މިކަމުން ވެސް ރޯދަ މަހު ގޭގެއިން ކަރަންޓު އިތުރުވާކަން އެނގެ އެވެ.
ބިލްތަކުން 25 ޕަސެންޓްގެ އިތުރުވުމެއް
ފަހުމީ ވިދާޅުވިގޮތުގައި، ގޭބީސީތަކުގެ ބިލްތަކަށް ބަލާއި އިރު އެވްރެޖްކޮށް 25 ޕަސެންޓާއި 30 ޕަސެންޓުގެ އިތުރުވުމެއް ފެނިދާނެ އެވެ. މިހެންވި ނަމަވެސް ބައެއް ބިލްތައް ކުޑަވެ ނުވަތަ 25 ޕަސެންޓަށް ވުރެ އިތުރުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް 1،000ރ. ކަރަންޓް ބިލަށް އަރާ ގޭގެއަށް 1250ރ. ރުފިޔާ މި ފަހަރު އެރުމުގެ ފުރުސަތު ބޮޑު،" އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯއިން މަލެއާއި ހުޅުމާލެ އައި ހުޅުލޭގައި ބަހައްޓާ ޓްރާންފޯމަރުތަކެއް- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ފަހުމީ ވިދާޅުވީ، ބިލްތައް އެންމެ ބޮޑަށް ބޮޑުވާނީ ގިނަ އޭސީ ބޭނުން ކުރާ ތަންތަނުގައި ކަމަށެވެ. އެގޮތުން އެޕާޓްމެންޓެއްގައި ފަސް ވަރަކަށް އޭސީ ހުރެއްޖެ ނަމަ ބިލު 25 ޕަސެންޓަށް ވުރެ ވެސް ހޫނު މޫސުމުގައި ބޮޑުވާނެ އެވެ.
ބިލް ބޮޑުވާ ދުވަސްވަރު އެހެން މަސްމަހާ ހިލާފަށް ކަރަންޓް އިގްތިސާދު ކުރަން ހާއްސަ ސަމާލުކަމެއް ދީފި ނަމަ ކަރަންޓު ބިލު ބޮޑުވުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ސްޓެލްކޯއިން އިލްތިމާސްކުރެ އެވެ
"ރޯދަމަހާއި ލޮކްޑައުންގެ ދުވަސްވަރާ ދިމާވުމުން ކަރަންޓް ބޭނުންކުރާ ވަރު ކޮންޓްރޯލް ކުރަން ދަތިކަމަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ، ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވާ ގޭބީސީތައް ފާހަގަކުރެވިއްޖެ ނަމަ، އެކަން ވަކި ސްޓެލްކޯއިން ބަލާނެ ކަމަށެވެ. ރީޑިން ޗެކްކޮށް، އެ ގޭބީސީއަކަށް ގުޅައިގެން ވެސް ކަރަންޓް ބިލަށް އެވަރު އެރި ސަބަބު ބަލާނެ އެވެ. އެހެން ކަމުން އޮޅިގެން ބިލް ބޮޑުވުމުގެ މައްސަލަ ދިމާ ވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ސްޓެލްކޯ އިން ޔަގީންކޮށްދެ އެވެ.
ކަރަންޓް އިގްތިސާދުކޮށް ކޮންޓްރޯލް ކުރުމަށްޓަކާއި ބިލަށް އަރާ ވަރު ކުރިއާލާ މޮނިޓާކޮށް ބެލެހެއްޓުން ވަރަށް މުހިއްމެވެ. މިކަންކަން އަމިއްލައަށް ބަލަހައްޓާ ނަމަ ކޮންމެ ގޭބީސީއަކުން ވެސް ކަރަންޓަށް ހޭދަކުރާ ވަރު ކޮންމެވެސް ވަރަކަށް ކުޑަކުރެވިދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ