ޖިހާދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފިއެވެ.ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނިކޮށް ޖިހާދު ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދައަކަށް ކޯޓުގައި އެދިވަޑައިގެންފަ އެވެ.ނަމަވެސް، އޭނާ ފިލައިގެން ދާން އުޅޭ ކަމަށް ބުނެ ދައުލަތުން އެކަމަށް ދެކޮޅު ހެދުމާ ވިދިގެން ކްރިމިނަލް ކޯޓުން ނިންމީ އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުމުގެ ހުއްދަ ނުދޭށެވެ. ކްރިމިނަލް ކޯޓުގެ އަމުރު ޖިހާދު ހައިކޯޓުގައި އިސްތިއުނާފު ކުރެއްވުމުން އެ ކޯޓުން ނިންމީ އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ނިންމީ ގޯސްކޮށް ކަމަށެވެ.ހައިކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު އެ ކޯޓުން ވަނީ ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.ސުޕްރީމް ކޯޓުން މި މައްސަލައިގައި މިއަދު ނެރުނު ހުކުމުގައި ވަނީ ޖިހާދަކީ ދައުލަތުގެ އިސް މަގާމުތަކެއް އަދާކޮށްފައިވާ ބޭފުޅަކަށް ވާތީ ފިއްލަވައިގެން ބޭރުގައި އުޅުއްވުމުގެ ގާބިލްކަން އޭނާއަށް ލިބިފައިވާ ކަމަށް ދައުލަތުން ވިދާޅުވިޔަސް، އެއީ އޭނާ ފިއްލަވާފާނެ ކަމަށް ބެލެވޭ ސަބަބެއް ނޫން ކަމަށެވެ. އަދި ދައުލަތަށް އެފަދަ ހެއްކެއް ހުށަހެޅިފައި ނުވާ ކަމަށާއި ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓައިގެން ދައުލަތުން އެދުނީ ވެސް އޭނާ ފުރުމުގެ ހުއްދައަކަށް އެދުމުން ކަމަށް ހުކުމުގައިވެއެވެ.މީގެ އިތުރުން ޕާސްޕޯޓް ހިފަހައްޓަން އަމުރަށް އެދެވޭނީ ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާއި އެއީ ޕީޖީއަށް ލިބިދޭ ބާރެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ އެ ހުކުމުގައިވެއެވެ. އަދި ކޯޓުގައި ހިނގަމުންދާ ޝަރީއަތެއްގައި މީހުން ފުރުން މަނާ ކުރަން ޕީޖީއިން ބޭނުންވާނަމަ އެ ކަން ކުރަން ޖެހޭނީ ގާނޫނު ތަންފީޒު ކުރާ އިދާރާތައް މެދުވެރިކޮށް ކަމަށް ވެސް ހުކުމުގައިވެއެވެ.ރާއްޖޭގެ ނައިބު ރައީސް ކަމުގެ އިތުރުން ފިނޭންސް މިނިސްޓަރު ކަމާއި އެއްއެމްއޭގެ ގަވަރުނަރުކަން ވެސް ކުރެއްވި ޖިހާދުގެ މައްޗަށް ދައުލަތުން މި ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމެއް ތަންފީޒުނުކޮށް އެއާ ހިލާފު އަމަލެއް ހިންގެވި ކަމަށް ބުނާ މައްސަލައެއްގައެވެ.އެ މައްސަލަ ބެއްލެވީ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އައިޝާ ޝުޖޫން އެވެ. ދެން ތިއްބެވީ ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.ޖިހާދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް އެދުނީ، ދުބާއީގައި ކިޔަވަން ގޮސް ތިބި އޭނާގެ ދަރިންނާއި ބައްދަލުކުރުމަށާއި، އޭނާގެ އަމިއްލަފުޅު ބޭސްފަރުވާއަށެވެ.ޖިހާދުގެ މައްޗަށް އުފުލާ ދައުވާގެ ތަފްސީލު:މި މައްސަލައަކީ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން ތަހްޤީޤު ކުރުމަށްފަހު، ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވާ މައްސަލައެކެވެ.މި މައްސަލައާއި ގުޅޭގޮތުން މީގެ ކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ، ނޭޝަނަލް ޕްލޭނިން ކައުންސިލުގެ ލަފާގެ މަތިން ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ސަރުކާރުގެ 50 އިންސައްތަ ހިއްސާވާގޮތަށް ޖޮއިންޓް ވެންޗާ އެގްރީމަންޓެއް ހެދުމަށް 22 ނޮވެންބަރު 2011 ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށާއި، މިނިންމުމުގައި އޮތީ، މި މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަންނުޖެހޭ ގޮތަށާއި، މިމަޝްރޫއުގެތެރެއިން، ބިމު ކުލި ދައުލަތަށް ލިބެންޖެހޭ ގޮތަށްކަމަށް ޕީޖީއިން މައުލޫމާތުދޭފައިވެ އެވެ.އެހެންނަމަވެސް ޖިހާދު ފިނޭންސް މިނިސްޓަރުގެ މަޤާމުގައި ހުރެ، ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ކަނޑައެޅިގެން ހިލާފަށް، އެކަން އެގޮތަށް ކުރަންޖެހިދާނެ އެއްވެސް ސަބަބެއް ނެތި، 13 ޖަނަވަރީ 2013 ދުވަހު ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް 50 އިންސައްތައިގެ ބަދަލުގައި، ދިވެހި ދައުލަތުގެ 25 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.އަދި ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 604,713,750 ޑޮލަރު އުނިވެފައިވާކަމަށް ޕީޖީން ބުނެ އެވެ. އަދި އޭގެ އިތުރުން، ދައުލަތުގެ 50 އިންސައްތަ ހިއްސާގެ ބަދަލުގައި 25 އިންސައްތައަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާއިން ލިބޭނެ ގެއްލުންވެސް އޮންނާނެ ކަމަށް ޕީޖީން ބުނެފައިވެ އެވެ.މިމައްސަލަ އޭސީސީއަށް ހުށަހެޅުނު ނަމަވެސް 2016 ފެބްރުއަރީ 16 ވަނަ ދުވަހު އޭސީސީން ނިންމާފައިވަނީ އެ ކަމުގައި ކޮރަޕްޝަން އެކުލެވިގެންނުވާކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައި އޮތުމުގެ ފުރުސަތު އޮތުމުން އެ މައްސަލަވަކި މައްސަލައެއްގެ ގޮތުގައި ބެލުމަށް އެސެޓް ރިކަވަރީ ކޮމިޝަނަށް ޕީޖީން ވަނީ އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ