ނަންފިލާގަނޑެއް އެކަނި ހިފައިގެން ވޯޓުލާނަމަ ބޭއިންސާފު: އުމަރު

މާދަމަ ބާއްވަން ކުރިން ޝެޑިއުލްކޮށްފައި އޮތް މީޑިއާ ކައުންސިލްގެ އިންތިހާބު ފަސްކޮށް ރާއްޖޭގައި ނެރޭ ނޫސް މަޖައްލާ އާއި އޮންލައިން ނޫސްތައް އަލުން ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލީ އިންފޮމޭޝަންގެ ގަވާއިދަށް ފެއްތުމަށް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ އިންތިހާބުގައި ވޯޓްލުމަށް ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީވާން ހުށަހަޅާއިރު ބޭނުންވާ މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ މަސްއޫލުވެރިޔާ އާއި އެޑިޓަރުގެ މައުލޫމާތާއި މިދިޔަ ހަ މަސް ތެރޭގައި މަޖައްލާ ނުވަތަ ނޫސް ނެރެފައިވާ ކަމުގެ ހެކި ނުވަތަ އެކަން ތަފުސީލް ކޮށްދެވޭނެ ލިޔުމެއްގެ އިތުރުން ޓީވީ ރޭޑިއޯ ބްރޯޑްކާސްޓް ނުވަތަ ޓެލެކާސްޓް ކުރިކަމުގެ ވެރިފިކޭޝަން ކަމަށެވެ. މިނިސްޓަރު އަދި ވިދާޅުވޫ އިންތިހާބުގައި، ހަމައެކަނި ނަންފިލާގަނޑެއް ހިފައިގެން ތިބި މީޑިއާތަކަށް ވޯޓުލެވޭ ކަމަށް ވާނަމަ އެއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.
"އަޅުގަނޑުމެން މިހާރު އިއުލާން ކޮށްފަ އެއޮތީ ރަޖިސްޓްރީ ކޮށްފަ ހުރި މީޑިއާތައް އަލުން އިންތިހާބުގެ ވޯޓަށް ރީރެޖިސްޓާ ކުރަން. އެހެން ވީމަ އަލުން ރެޖިސްޓްރީ ކުރަން ހުށަހެޅީމާ އަޅުގަނޑުމެން ބަލާނަން ވޭތުވެ ދިޔަ ހަމަސް ދުވަސް ތެރޭގަައި އެ މީޑިއާ އަކުން ނޫސް މަޖައްލާ އެއް ނެރެފަ އޮތްތޯ. ނުވަތަ ވެބްސައިޓްގައި ޝާއިއު ކޮށްފައިވޭތޯ. ނުވަތަ ރޭޑިއޯއެއް ހިންގާފައި ވޭތޯ. ޓީވީ ހިންގާފައި އޮތްތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އިންފޮމޭޝަންގެ ގަވާއިދުގައިވާ ގޮތުން ނޫސް މަޖައްލާތަކުގެ ކޮޕީ ކަމާބެހޭ އިދާރާއަކަށް ހުށަހަޅަންޖެހޭ ކަމަށެވެ. ނަމަވެސް އެއްވެސް މީޑިއާއަކުން މިހާތަނަށް އެގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މީޑިއާ ކައުންސިލަށް އަލުން ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށާއި ނަމަވެސް ކުރިން އެ މަގާމަށް ކުރިމަތި ލެއްވި ފަރާތްތަކަށް އަލުން އެޕްލިކޭޝަން ހުށަހަޅަން ޖެހިވަޑައި ނުގަންނަވާނެ ކަަމަށެވެ. އިންތިހާބު ދެން ބާއްވާނީ އަންނަ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ