ކުޅިވަރުގައި މަތީ ވަނަ ހޯދާ ދަރިވަރުންނަށް އެވޯޑް ދެނީ

ކުޅިވަރުގެ މުބާރާތްތަކުން މަތީ ވަނަތައް ހޯދާ ދަރިވަރުންނަށް ގައުމީ އިނާމު ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެެވެ.
މިކަން އިއުލާންކޮށް، އެވޯޑް ރަސްމީކޮށް ލޯންޗު ކުުރުމަށް ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ރަނގަޅު މުޖުތަމައުއެއް ބިނާ ކުރުމަށް ކުޅިވަރު މުހިއްމު ރޯލެއް ކުޅޭއިރު، އެ ކުޅިވަރުތަކުން ރަނގަޅު ވަނަތައް ހޯދާ ދަރިވަރުންގެ އަގު ވެސް ވަޒަން ކުރަން ޖެހޭ ކަމަށެވެ. އަދި ކުޅިވަރަކީ އެކުވެރިކަން އާލާކޮށްދޭ، ލީޑާޝިޕް ނެގުމަށް ވެސް ދަސްކޮށްދޭ ކަމެއް ކަމަށާއި އެހެންވެ، ކުޅިވަރުގައި ފާހަގަ ކޮށްލެވޭ ދަރިވަރުންނަށް ގައުމީ ފެންވަރުގެ އިނާމެއް ދިނުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުޅިވަރުން ދަސްކޮށްދޭ ކޮންމެ ފަހަރަކު މޮޅު ނުވާނެކަން، އެކަމަކު އޭގެ ބަދަލުގައި މުހިއްމު ކަމަކީ ބައިވެރިވެގެން ގުޅިގެން މަސައްކަތް ކުރުންކަން،" މިނިސްޓަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް އެވޯޑް ދެމުން އަންނަނީ އިމްތިހާނު ތަކުން މަތީ ވަނަތައް ހޯދާ ދަރިވަރުންނަށް ކަމަށާއި އެކަމަކު ކުޅިވަރުން އަލަށް ދޭން މި ފެށި އެވޯޑަކީ ވެސް އޯލެވެލް އާއި އޭލެވެލުން އެންމެ މަތީ ވަނަތައް ހޯދާ ފެންވަރުގެ އެވޯޑެއް ކަމަށެވެ. އަދި މި އަހަރުގެ މި އެވޯޑް މި އަންނަ ޖޫން މަހުގެ ފަހުކޮޅު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނެސްލޭ މައިލޯ އާ ގުޅިގެން ދޭ، ކަލާސް އެވޯޑުގައި ހިމެނޭ ކުޅިވަރުތަކަކީ އެތްލެޓިކްސް އާއި ފެތުމާއި ބެޑްމިންޓަނާއި ޓޭބަލް ޓެނިސް އާއި ފުޓުބޯޅަ އާއި ކްރިކެޓާއި ވޯލީބޯޅަ އާއި ބާސްކެޓާއި ނެޓުބޯޅަ އަދި ޓެނިހެނެވެ. އެވޯޑް ބަހާލާފައިވަނީ 12 އަހަރުން ދަށާއި 16 އަހަރުން ދަށާއި 18 އަހަރުން ދަށުގެ އިތުރުން ހާއްސަ އެވޯޑް ކެޓަގަރީ އަށެވެ.
މި އެވޯޑް، ސްކޫލު މުބާރާތްތަކާއި ގައުމީ މުބާރާތުގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތަކުން ވަނަތައް ހޯދާ ދަރިވަރުންނަށް ދިނުމަށް ވަނީ ނިންމާފަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މި އެވޯޑް ލޯންޗުކޮށްދެއްވި އިރު އެ ރަސްމިއްޔާތުގައި މައިލޯގެ ރާއްޖޭގެ އެމްބެސެޑަރު އަދި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގާއި މައިލޯގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ