ބ. އަތޮޅު މާޅޮހު ކައުންސިލްގެ މަސައްކަތްތަކާއި މެދު ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އުމަރު ނަސީރު ހިތްހަމަޖެހުން ފާޅުކޮށްފި އެވެ.
އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު މާޅޮހު ކައުންސިލްގެ މަސައްކަތްތަކާއި މެދު ހިތްހަމަޖެހުން ފާޅުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެ ރަށު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
އެލްޖީއޭއިން ބުނީ މި ބައްދަލުވުމަކީ މާޅޮހު ތަރައްގީގެ ޕްލޭނުގައިވާ ކަންތައްތައް މިހާރަށް ވުރެ އަވަހަށް ކުރިއަށް ގެންދެވޭނެ ގޮތަކާއި މެދު މަޝްވަރާކުރުމަށް ކައުންސިލްގެ އެދުމަކަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އެ ގޮތުން މާޅޮހުގެ ތަރައްގީގެ ޕްލޭނާއި ކައުންސިލްގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ހިންގާ މަޝްރޫއުތަކުގެ ތަފްސީލު ދެއްވައި އެހަރަކާތްތަކަށް މިހާރަށް ވުރެ ފަސޭހައިން ބަޖެޓް ލިބޭނެ ގޮތެއް ހައްދަވައިދެއްވުމަށް ކައުންސިލުން އެދިފައިވާ ކަމަށް އެލްޖީއޭ އިން ބުނެ އެވެ.
މާޅޮހުގެ ކުނި ރީސައިކަލް ކޮށްގެން ގަސްކާނާ އުފެއްފުމާއި ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކައިރީގައި އޮތް އެއަތޮޅު ހިބަޅިދޫގައި މީގެ ކުރިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާތީވެ އަލުން އެރަށް ބޭނުންކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށްވެސް އެލްޖީއޭއިން މައުލޫމާތުދެ އެވެ.
މީގެ އިތުރުން ކައުންސިލްގެ އެދުމުގެ މަތިން ރަށުގެ ބަނދަރު މަރާމާތު ކުރުމަށް ސަރުކާރުގެ ތެރެއިން އެހީތެރިކަން ހޯދައިދޭނެ ކަމަށާއި ތަރައްގީ އަށް ކައުންސިލުން ކުރިއަށް ގެންދާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް މިބައްދަލުވުމުގައި އެލްޖީއޭގެ ރައީސް އުމަރު ވިދާޅުވެފައިވާ ކަމަށްވެސް އެލްޖީއޭ އިން ވަނީ ބުނެފަ އެެވެ.
މާޅޮހު ކައުންސިލްގެ މަސައްކަތްތަކާއި މެދު އުމަރު ހިތްހަމަޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ