"އަނިޔާވެރިކަން ނިންމަން" ނަމުގައި މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާއަށާއި އިތުރު އެތައް ބަޔަކަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މެމްބަރު އަހުމަދު އީސާ ހައްޔަރުކޮށް ވެހިކަލަށް އެރުވިފަހުން ފުލުހުން އޭނާގެ ބުރަކަށީގެ މައިބަދާގައި ބޫޓުން ކޮޅުފައިން ޖަހާ ބޮލުގައި މުގުރުން ޖަހާ ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށާއި އަދި އީސާ އާއި މެދު ޒާތީވެ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް އިތުރަށް އަނިޔާކުރާނޭ ކަމުގެ އިންޒާރުދީފައިވާ ކަމަށެވެ.
"އީސާއަށް ފުލުހުން ކުރި އަނިޔާއަށް ޖަލުގައި މީހުން ބަލާ ޑޮކްޓަރަށް ދެއްކިކަމުގައި ވީނަމަވެސް އޭނާ އެލާޖިކްވާ މައްސަލަތައް ޑޮކްޓަރަށް ނޭގޭތީ އަނިޔާއަށް ބޭސްދިނިން ނަމަވެސް ފަރުވާ ލިބިފައެއް ނުވޭ. އަދި މާލެ ގެނެސް ފަރުވާކޮށްދިނުމަށް ތަކުރާރުކޮށް އެދުނު ނަމަވެސް މިހާތަނަށް އެއްވެސް ފަރުވާއެއްކޮށްދީފައެއް ނުވޭ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެއިތުރުން އަހުމަދު އީސާ ހައްޔަރުކޮށްފައިވާ ގޮޅީގައި ފަންކާއެއް ނުހުންނަ ކަމަށާއި މަދިރީގެ އުނދަގުލުގައި ނިދަން އޮންނަ ވަގުތު ފުލުހުން އިރުއިރުކޮޅަށް ގޮޅީގެ ތޭރިތަކުގައި ތަޅައިގަނެ އުނދަގޫކުރަމުންދާ ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ބުނީ މޭޑޭގައި ހައްޔަރުކުރި ގިނަ ބަޔަކަށް ފުލުހުން އަނިޔާކޮށް، ވަރަށް ބޮޑަށް ޒާތީވެ ނާއިންސާފުން އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައި ޖަލުގައި ހައްޔަރުކޮށް 25 ވަރަކަށް މީހުން އެއް ގޮޅީގެ ބައިތިއްބާފައިވާ ކަމަށެވެ.
އެ މައްސަލަ ބަލައިދިނުމަށް އެމްޑީޕީން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލައިފަ އެވެ.
އަހުމަދު އީސާއާއި އެތައް ބަޔަކު ހައްޔަރުކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ