އިއުލާން ނުކޮށް ރަށްތައް ދޫކުރަން މައުމޫން ދެކޮޅު ހައްދަވައިފި

ރާއްޖޭގެ ރަށްތަކާއި ފަޅުތައް އިއުލާންކުރުމެއް ނެތި ބޭނުން ބަޔަކަށް ކުއްޔަށް ދެވޭ ގޮތް ހެދުމަށް ސަރުކާރުގެ ފަރާތުން ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހަށް ވޯޓް ނުދެއްވުމަށް ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިކަމަށް އެދިވަޑައިގެންނެވީ ޕީޕީއެމްގެ މަޖިލިސް މެންބަރުންނަށް ރޭ އެމަނިކުފާނު ކުރެއްވި މެސެޖެއްގަ އެވެ.
ރައީސް މައުމޫންގެ މެސެޖުގައި ވިދާޅުވީ ރާއްޖޭގެ ރަށްތަކާއި ފަޅުތައް އިއުލާންކުރުމެއް ނެތި ކުއްޔަށް ދޫކުރުމަކީ ޕީޕީއެމްގެ އަސާސީ ގަވައިދާ ވެސް ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން މިފަދަ ހާލަތެއްގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެ ބިލަށް ވޯޓް ނުދޭން ޕާޓީގެ މެންބަރުންނަށް ދެންނެވުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށްވެސް މެސެޖުގައިވެ އެވެ.
ރައީސް މައުމޫންގެ މެސެޖުގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުގެ މުއްސަނދިކަން އިންސާފުވެރިކަމާ އެކު ރައްޔިތުންނަށް ލިބިދީގެން ރައްޔިތުން ތަނަވަސްކަމާ ތިޔާގިކަމުގައި ދިރިއުޅެވޭނެ ގޮތްތަކެއް ހެދުމަކީ ޕާޓީގެ މައިގަނޑު މަގްސަދު ކަމަށެވެ.
ޓޫރިޒަމް ގާނޫނަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި މި އިސްލާހާ ގުޅިގެން ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވީ މި އިސްލާހަށް ވޯޓް ދެއްވާނެ ކަމަށެވެ. މިއިސްލާހުގެ ބޭނުމަކީ ދައުލަތުގެ އިގްތިސޯދީ ފުދުންތެރިކަން އިތުރުކޮށް ދައުލަތުގެ ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުން ހިފުމަށް މަގުފަހިކުރުމަށް ހުށަހެޅި އިސްލާހަކަށް ވާތީ މި އިސްލާހަށް ވޯޓް ނުދޭން ޖެހޭ ސަބަބެއް ނެތް ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.
މަޖިލީހުގެ ކޮމިޓީގައި މި ބިލް ދިރާސާކުރުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ