ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާތީ، އެކަމުގައި ސުޕްރީމް ކޯޓުގެ ޖަވާބެއް ހޯދައި، އެ ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރެއްވުމަށް އެޕޮއިންޓްމެންޓަކަށް އެދި، އެ މެންބަރުން ކޯޓަށް ވަޑައިގަންނަވާތާ 16 ވަނަ ދުވަހު ވެސް ހުސް އަތާ އެނބުރި ވަޑައިގަންނަވަން ޖެހިއްޖެ އެވެ.
މިއަދު ވެސް އާދައިގެ މަތިން ގިނަ މެންބަރުންތަކެއް ސުޕްރީމް ކޯޓަށް ވަޑައިގެތެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ބައެއް އިސް މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ މެންބަރުން ސުޕްރީމް ކޯޓުގައި ވަގުތުތައް ހޭދަކުރައްވާ ނުކުމެވަޑައިގެން ދެންނެވީ އަދިވެސް ސުޕްރީމް ކޯޓުން ޖަވާބެއް ނުދެއްވާ ކަމަށެވެ. ފަނޑިޔާރުންނާ ބައްދަލު ކުރެއްވޭ ގޮތް ވެސް ނުވާ ކަމަށެވެ.
އެ މެންބަރުން ވަނީ ސުޕްރީމް ކޯޓުން ޖަވާބެއް ލިބެންދެން ކޯޓަށް ކޮންމެ ދުވަހު ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޯޓުން ޖަވާބެއް ނުލިބިއްޖެނަމަ ސީދާ ހަރަކާތަށް ނުކުންނަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. މެންބަރުން ކޯޓަށް ވަޑައިގަންނަވާއިރު އިދިކޮޅު ޕާޓީތަކުން މިއަދު ވަނީ މެންބަރުންގެ ގޮނޑި ނުގެއްލޭކަން ކަނޑައަޅަން އަނެއްކާވެސް މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.
މިހާތަނަށް 12 މެންބަރެއްގެ ގޮނޑި އިލެކްޝަން ކޮމިޝަނުން ވަނީ ގެއްލުވާލާފަ އެވެ. މަޖިލިސްގެ ޖަލްސާތައް ކުރިއަށް ގެންދަނީ އެ މެންބަރުންނާ ނުލަ އެވެ. މެންބަރުންގެ ގޮނޑި ގެއްލިފައިވާ އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ، ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ރިޔާއަތް ކޮށެވެ. އެއީ އެ ހުކުމަށްފަހު އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ، ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅި ހުކުމެވެ. ނަމަވެސް 12 މެންބަރުން ވެސް ވިދާޅުވަމުން ދަނީ އެ މެންބަރުން އެ ހުކުމުގެ ކުރިން ޕީޕީއެމްއިން ވަކިވެފައިވާ ކަމަށެވެ.
އެ މެންބަރުންނަކީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.
އިލެކްޝަން ކޮމިޝަނުން އަމީތާއި ވަހީދާއި ސައުދު އަދި ލަތީފްގެ ގޮނޑި ގެއްލުވާލި މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުންތައް ވެސް ކުރިއަށް ގެންދިޔަ އެވެ. އެ މައްސަލާގައި ދިގު އަޑުއެހުންތަކަކަށްފަހު، ސުޕްރީމް ކޯޓުން ވަނީ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމަންޖެހޭނެ އިތުރު ކަމެއް ނެތް ކަމަށް ބުނެ މައްސަލަ ބޭރުކޮށްލާފަ އެވެ. މައްސަލަ ބޭރުކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރު އިދިކޮޅު ފަރާތްތަކާއި ސަރުކާރުން މާނަ ކުރަނީ ތަފާތު ކޮށެވެ. އެ އަމުރުން ސީދާ މެންބަރުންގެ ގޮނޑި ގެއްލޭކަން ނޭނގޭ ކަމަށް އިދިކޮޅުން ބުނާއިރު ސަރުކާރުން ބުނަނީ ގޮނޑި ގެއްލިއްޖެ ކަމަށެވެ. އެހެން މެންބަރުން ވެސް ސުޕްރީމް ކޯޓަށް މިހާރު ވަނީ މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލަތަކާ ގުޅޭ ގޮތުން މިހާ ތަނަށް ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަ އެވެ.
އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ އެ ދާއިރާތަކުގެ ބައި އިލެކްޝަން ވެސް އިއުލާންކޮށްފަ އެވެ. ނަމަވެސް، މުއްދަތު ހަމަވެގެން ދިޔައިރު ވެސް އެ ކޮމިޝަނަށް އިލެކްޝަން ބޭއްވިފައެއް ނުވެ އެވެ. ޕީޕީއެމްއިން ދަނީ ދާއިރާތަކުގައި ވަރުގަދަ ކެމްޕެއިންތައް ކުރަމުންނެވެ. އެހެނަސް ކެނޑިޑޭޓެއް އަދި ނުނެރެ އެވެ. އަދި އިލެކްޝަން ބާއްވާނެ ދުވަހަކާ މެދު ކޮމިޝަނުން ވެސް އެއްވެސް އެއްޗެއް ނުބުނެ އޮތީ ހިމޭނުން އެވެ.
ސުޕްރީމް ކޯޓަށް ހިނގާތާ 16 ދުވަސް، އަދިވެސް ހުސްއަތާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ