ސްކޫލް ބަންދުގައި އެކި ޤައުމުތަކަށް ދަތުރު ކުރާއިރު ސަމާލުވުން އެދެން: އެޗްޕީއޭ

ސްކޫލް ބަންދުގައި ރާއްޖެއިން ބޭރަށް އެކި ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ލަފާދީފިއެވެ.
އެގޮތުން އެޗްޕީއޭން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގައި ހަލުވި ކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން ދާއިރު ކުރިއަށް އޮތް ސްކޫލް ބަންދުގައި ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގައި، އެއީ ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫން ނަމަ ލަސް ކުރުމަށް ނުވަތަ ނުދިއުމަށް އެދޭ ކަމަށެވެ.
މީގެއިތުރުން ދަތުރު ކުރުމުގެ ކުރިންނާއި، ދަތުރު މަތީގަ އަދި ދަތުރުން އެނބުރި އައުމަށްފަހު އަމަލު ކުރަންޖެހޭ ކަންކަން ވެސް އެޗްޕީއޭގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ދަތުރު ކުރާ ގައުމުގައި ބަލީގެ ހާލަތު ރަނގަޅަށް ދެނެގަތުމާއި، ބަލި ފެތުރޭ ގައުމުތަކަށް ދަތުރު ނުކުރުމާއި، ދުވަސްވީ މީހުނާއި ދިގު މުއްދަތަށް ފަރުވާކުރާ ބަލިތަކުގެ މީހުން ކޮންމެހެން ކުރަންޖެހިގެން ނޫނީ މި ދުވަސްވަރު ދަތުރު ނުކުރުމަށާއި އަދި ދަތުރު ކުރާ ގައުުމުގެ ސަރުކާރުން، ބަލިން ރައްކާތެރިވުމަށް އެ ގައުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި އިރުޝާދުތަކަށް އަހުލުވެރިވުމަށް އެޗްޕީއޭއިިން އިލްތިމާސްކުރެއެވެ.
މީގެއިތުރުން، ހުމާއި ކެއްސުމާއި ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަކާ ގާތްވެ ނޫޅުމަށާއި، ގިނައިން ސައިބޯނި ލައިގެން އަތޮދޮވުމާއި ސެނިޓައިޒާ ބޭނުން ކުރުމަށާއި، މޫނާއި ލޮލާއި އަނގަ އަދި ނޭފަތުގައި އަތްނުލުމަށާއި، ކާބޯތަކެތީގެ ތެރެއިން، ސީފުޑް ރަނގަޅަށް ކައްކައިގެން ކެއުމަށާއި، ކޮންމެހެން ދާންޖެހިގެން ނޫނީ ސިއްހީ މަރުކަޒުތަކަށް ވެސް ދަތުރުމަތީގައި ނުދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
ދަތުރުން އެނބުރި އައުމަށްފަހު އެނބުރި އަންނަތާ 14 ދުވަސްތެރޭގައި ހުން އައިސް ރޯގާ ޖެހުމާއި ކެއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ގޭގައި މަޑުކުރުން އަދި ހޮޓްލައިން 1676 އަށް ގުޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ