ކައުންސިލްތަކުގައި ތިއްބަވަން ޖެހޭނީ ޕްރޮގްރެސިވް ކޯލިޝަންގެ ބޭފުޅުން - މައުމޫން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު މިމަހުގެ 18 ވަނަ ދުވަހު އޮންނައިރު ކައުންސިލްތަކުގައި ތިއްބަވަން ޖެހޭނީ ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓުގައި ނިކުންނަވާ ކެންޑިޑޭޓުން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މި ފެށީ ވަރަށް ބޮޑު އުންމީދަކާއި ވަރަށް ވަރުގަދަ އަޒުމަކާއިއެކީގައި ކަމަށާއި މި މަސައްކަތް ޕްރޮގްރެސިވް ކޯލިޝަނުން ކާމިޔާބުކުރާނެ ކަމަށެވެ.
އަދި މި ދަތުރަކީ އިތުރު މަންޒިލްތަކަށް ދަތުރުކޮށްދިނުމަށްޓަކައި ޕްރޮގްރެސިވް ކޯލިޝަނުން ކުރާ މަސައްކަތެއް ކަމަށާއި ރިޔާސީ އިންތިހާބު ވަރަށް ދަތި އުނދަގޫތަކާއިއެކު ކޯލިޝަނުން ކާމިޔާބުކޮށްފައިވާއިރު މިހާރު މި ފަށަނީ މި ދަތުރުގެ އިތުރު މަރުހަލާއެއް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާރު މިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެން އެމަގާމުގެ ހުވާކުރައްވާ މަގާމާއި ހަވާލުވެވަޑައިގެންފައި." މައުމޫން ވިދާޅުވި އެވެ.
"އޭގެފަހުން ދެން އަޅުގަނޑުމެން ޖެހެނީ ދެން ހުރި ކަންތައްތައް ފުރިހަމަކުރަން، އޭގެ ތެރެއިން އެންމެ ފުރަތަމަ ކުރިމަތިލާ ކަމަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ބޭނުންވާ ކައުންސިލްތައް އިންތިހާބުކުރުން، އެ އިންތިހާބު މިމަހުގެ ތެރޭގައި އޮންނާނެ،" އެމަނިކުފާނު އިތުރަށް ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ބައެއް ފަރާތްތަކުން ލޯކަލް ކައުންސިލް އިންތިހާބަކީ އެހާ މުހިންމު އިންތިހާބެއް ނޫން ކަމަށް ބުނި ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބަކީ ވަރަށް މުހިންމު އިންތިހާބެއް ކަމަށާއި ދިވެހި ސަރުކާރުގެ އުސޫލުތަކާއި ސަރުކާރުގެ މަޝްރޫއުތަކާއި ސަރުކާރުން ރައްޔިތުންނަށްކޮށްދޭން ބޭނުންވާ ހިދުމަތްތައް، އެ ހިދުމަތްތަކުގެ އަހުލުވެރިންނަށް ފޯރުކޮށްދޭން ތިބި ފަރާތަކީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ކަމަށެވެ.
އަދި ކައުންސިލްތަކުގައި ސަރުކާރުން ބޭނުންވާ ފެންވަރުގެ އަމާނާތްތެރިކަމުގެ ބަޔަކު ނެތް ކަމުގައިވަންޏާއި ސަރުކާރުން ކިތަންމެ ގަދަ އަޅައި މަސައްކަތްކުރި ނަމަވެސް ތަރައްގީ ރައްޔިތުންނާއި ހަމައަށް ނުގެނެވޭނެ ކަމަށާއި އެހެންކަމުން ޕްރޮގްރެސިވް ކޯލިޝަނުން މި ބުރަ މަސައްކަތް ކާމިޔާބުކުރަން ޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
އެހެންކަމުން މިކަމަށް ހުރިހާ ރައްޔިތުން ވެސް ސަމާލުވެވަޑައިގެން ހުރިހާ ރައްޔިތުން ވެސް ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވުމަށް ރައީސް މައުމޫން ވަނީ އިލްތިމާސްކުރައްވާފައެވެ.
މައުމޫން އިތުރަށް ވިދާޅުވީ ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް މާލިމީންގެ ގޮތުގައި ކޯލިޝަންގައި ތިބި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި އަދަލާތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲގެ އިތުރުން ރައީސް ޔާމީން ފަދަ ބޭފުޅުންނާއެކު "މަންޒިން މަގްސޫދަށް" އެއްވެސް ޝައްކެއް ނެތް ގޮތުގައި ދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ