ވިލިނގިލީ ދާއިރާގެ ގޮނޑީގައި އިންނަން ވާނީ ޕީޕީއެމް މީހެއް: ރައީސް ޔާމީން

އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިފައިވާ ވިލިނގިލީ ދާއިރާގެ ގޮނޑީގައި އިންނަން ވާނީ ޕީޕީއެމްގެ މީހެއް ކަމަށް އެޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ގއ. އަތޮޅު ވިލިނގިއްޔަށް ޒިޔާރަތް ކުރައްވާ އެރަށް ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ގޮތުން ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވިލިނގިލީގެ އިތުރުން އެހެން ރަށްރަށުން ވެސް އެންމެ ގިނައިން އިވޭ ޝަކުވާއަކީ ރައްޔިތުންގެ ޝަކުވާތައް ސަރުކާރާއި ހަމައަށް ފޯރުކޮށްދޭނޭ މަންދޫބެއް ނުހުންނަ ކަމުގެ ޝަކުވާއެވެ. އެހެން ކަމުން ވިލިނގިލީގައި ވެސް އެފަދަ މަންދޫބަކު ބެހެއްޓުމަށް ޕީޕީއެމްގެ މެންބަރަކު ވިލިނގިލީ ދާއިރާގެ ގޮނޑީގައި އިންނަވަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނކިފާނު ވަނީ ވިލިނގިލީ ދާއިރާގެ މެންބަރުކަން މިހާރު ކުރައްވަމުން ގެންދަވާ ސައުދު ހުސައިނަށް ފާޑު ކިޔުއްވާފައެވެ. އެގޮތުން އެބޭފުޅާއަކީ ހިތުގައި އިޚްލާސްތެރި ކަމެއް ނެތް ބޭފުޅެއް ކަމަށާއި, އެބޭފުޅާއަކީ ރައްޔިތުންގެ ތަރައްޤީއަށްޓަކައި ވޯޓް ނުދެއްވި ބޭފުޅެއް ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އިދިކޮޅު ފަރާތްތަކާއި އެކު އެއްމޭޒެއްގެ ދޮށުގައި މަޝްވަރާކުރުމާއި ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފައެވެ. އެގޮތުން އިދިކޮޅު ފަރާތްތަކާއި އެކު މަސައްކަތް ކުރެއްވުމުގެ ޤާބިލްކަން އެމަނިކުފާނުގެ ކިބައިގައި ހުރި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމަނިކުފާނު ގޮނޑިން އެއްލާލާ, ކަފުން ކުރާ އިރުގައި ވެސް އެއްވެސް ޙަރަކާތެއް ނުކޮށް މަޑުން ނުހުންނާނޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
2018 ވަަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ހޮވިއްޖެ ނަމަ ވިލިނގިލީގައި އެއަރޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމަނިކުފާނު ވަނީ އޭގެ އެއްދުވަސް ކުރިން ވިލިނގިއްޔާއި ފަސް މިނެޓް ދުރުގައިވާ ކޫއްޑޫގައި ވެސް އެއަރޕޯޓެއް ހުޅުއްވައިދެއްވައިފައެވެ. އެހެން ކަމުން މިއީ ބޭކާރު ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ