ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޮނަދޫ ދާއިރާ އާއި ބާރަށު ދާއިރާގެ ބާތިލު ވޯޓު އަލުން ގުނަން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ އިސް ތަރުޖަމާން އަހުމަދު އަކްރަމް ވިދާޅުވީ ދެ ދާއިރާއެއްގެ ބާތިލް ވޯޓް އަލުން ގުނަން ނިންމާފައިވަނީ އެ ދެ ދާއިރާގެ އިންތިޚާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓަކު ހުށައެޅި މައްސަލައެއް ބެލުމަށްފަހުކަމަށެވެ.
ބާރަށު ދާއިރާގެ ވޯޓް ގުނުމަށް ހުށައަޅާފައިވަނީ އެ ދާއިރާގެ މިހާރުގެ މެންބަރު އަދި މިފަހަރުގެ އިންތިޚާބުން ނާކާމިޔާބާއި ކުރިމަތިލައްވަންޖެހިވަޑައިގެންނެވި އިބްރާހިމް ޝުޖާއުއެވެ. ފޮނަދޫ ދާއިރާގެ ވޯޓް ގުނުމަށް ހުށައަޅާފައިވަނީ އެ ދާއިރާގެ މިހާރުގެ މެންބަރު އަދި މިފަހަރުގެ އިންތިޚާބުން ނާކާމިޔާބާއި ކުރިމަތިލައްވަންޖެހިވަޑައިގެންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
މި ދެ ދާއިރާގައި މިހާތަނަށް އިއުލާނުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ބާރަށު ދާއިރާގެ މެންބަރުކަން އިބްރާހިމް ޝުޖާއުއަށް ގެއްލިފައިވަނީ 42 ވޯޓްގެ ތަފާތުންނެވެ. އެ ދާއިރާއަށް ޚާއްސަކުރެވިގެން ބަހައްޓާފައިވާ ވޯޓްފޮށިތަކުން ވަނީ 64 ވޯޓް ބާތިލް ވޯޓްގެ ގޮތުގައި ގުނާފައެވެ.
ފޮނަދޫ ދާއިރާގެ މެންބަރުކަން އަބްދުއްރަހީމް އަބްދުﷲއަށް ގެއްލިފައިވަނީ 44 ވޯޓްގެ ތަފާތުުންނެވެ. އެ ދާއިރާއަށް ޚާއްސަކުރެވިގެން ބަހައްޓާފައިވާ ވޯޓްފޮށިތަކުން ވަނީ 46 ވޯޓް ބާތިލް ވޯޓްގެ ގޮތުގައި ގުނާފައެވެ.
މިހާރުގެ ނަތީޖާތައް ދައްކާގޮތުން 19 ވަނަ މަޖިލީހުގައި ބާރަށު ދާއިރާގެ ގޮނޑި ފުުރުއްވާނީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އަބްދުﷲއެވެ. އަދި ފޮނަދޫ ދާއިރާގެ ގޮނޑި ފުރުއްވާނީ މޫސާ ސިރާޖެވެ.
އަކްރަމް ވިދާޅުވީ މި ދެ ދާއިރާގެ އިތުރުން އިނގުރައިދޫ ދާއިރާގެ ވޯޓްވެސް ގުނަން ހުށައަޅާފައިވާކަމަށެވެ. އެ މައްސަލަ އީސީއަށް ހުށައަޅާފައިވަނީ މިހާރުގެ މެންބަރު އަދި ިއިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި އިބްރާހިމް ފަލާހެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދާއިރާގެ ވޯޓް ނުގުނާގޮތަށް ނިންމާފައެވެ.
ކެންޑިޑޭޓުންނާއި، މަންދޫބުން ހުށައަޅާ މައްސަލަތަކާއި ގުޅިގެން މިހާތަނަށް ބައެއް ދާއިރާތަކުގެ ވޯޓްތައް އަދި ބައެއް ދާއިރާތަކުގައި ބާތިލް ވޯޓްތައް އަލުން ވަނީ ގުނާފައެވެ.
ފޮނަދޫ އަދި ބާރަށު ދާއިރާގެ ބާތިލު ވޯޓު އަލުން ގުނަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ