ކުއްލި ނުރައްކަލުގެ ގަރާރާމެދު މަޖިލީހުގެ ނިންމުންތައް ރަނގަޅު: ސުޕްރީމް ކޯޓު

ރައީސުލްޖުމްހޫރިއްޔާ އިޢްލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަދި އެ ގަރާރުގެ މުއްދަތަށް 30 ދުވަސް އިތުރުކޮށް ނިންމާފައިވާ ނިންމުންތަކަކީ ދުސްތޫރީގޮތުން ސައްހަ ނިންމުންތަކެއް ކަމަށް ސުޕްރީމް ކޯޓުން ލަފާ ދީފިއެވެ.
ކުއްލި ނުރައްކަލުގެ ގަރާރު މަޖިލީހުން ފާސްކޮށް އަދި އެ ގަރާރުގެ މުއްދަތަށް 30 ދުވަސް އިތުރު ކުރުމަށް ފާސްކޮށް އެކަމާމެދު ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް، މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ދައުރުން ބޭރުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޚާއްސަ ޖަލްސާއިން ފާސްކޮށްފައި ވެއެވެ.
މިމައްސަލާގައި ސުޕްރީމް ކޯޓުން ލަފާ ދީފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ޖަލުގައި ބައިތިއްބައިގެން ސްޕްރީމް ކޯޓު ތެރޭގައި ސިފައިން ބައިތިއްބައިގެން އެ ކޯޓުގެ މިނިވަންކަމާ ދޭތެރޭ ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ދޭ ލަފާ" މި ސުރުޚީގެ ދަށުން ސުޕްރީމް ކޯޓުން މިރޭ އިރާކޮޅު އާންމު ކުރެއްވި ލަފާގައިވަނީ، 5 ފެބްރުއަރީ 2018 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކުރައްވައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު، އިސްލާހްތަކާ އެކު ފާސްކުރުމަށާއި، އެ ގަރާރުގެ މުއްދަތުގެ އިތުރަށް، 30 ދުވަހުގެ މުއްދަތު އިތުރު ކުރުމަށްޓަކައި 20 ފެބްރުއަރީ 2018 ވަނަ ދުވަހު، ދައުރުން ބޭރުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގާނޫނީ އަދަދު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ހާޟިރުވެ ތިބުމަކީ ދުސްތޫރީގޮތުން ލާޒިމްވެގެންވާ ކަމެއް ނޫންކަން އެނގެން އޮންނަ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ބުނެވިދިޔަ ޖަލްސާގައި ފާސްކޮށްފައިވާ ބަޔާންވެދިޔަ ކަންތައްތައް ފާސްކުރުމަށް ދުސްތޫރީގޮތުން ލާޒިމްވެގެންވާ ގާނޫނީ އަދަދަކީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގާނޫނީ އަދަދުކަން އެނގެން އޮންނާތީ، ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކޮށްފައިވާ ގަރާރާ ގުޅިގެން 20 ފެބްރުއަރީގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުން އެ ގަރާރު ފާސްކޮށް، އެ ގަރާތުގެ މުއްދަތަށް 30 ދުވަސް އިތުރުކޮށް ނިންމާފައިވާ ނިންމުންތަކަކީ ދުސްތޫރީގޮތުން ސައްހަ ނިންމުންތަކެއް ކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ." ސުޕްރީމް ކޯޓުން ނެރުއްވި ލަފާގެ އެންމެފަހު ޕްރެގްރާފްގައި ބުނެފައި ވެއެވެ.
ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ދެއްވި ލަފާގައި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށާއި، މިމައްސަލައާ ގުޅިގެން މަޖިލީހުން ހުށަހެޅި ލިއުންތަކާއި، މިބާވަތުގެ މައްސަލަތަކުގައި ތަޠްބީޤުކުރެވޭ ދުސްތޫރީ އާންމު މަބްދައުތަކުގެ މައްޗަށް ޝަރުއީ އަދި ގާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، ފަނޑިޔާރުންނަށް ފާހަގަ ކުރެވުނު މައިގަނޑު 5 ނުކުތާއެއް ހިމަނުއްވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ