އަބްދުﷲ ރިޔާޒުގެ މައްޗަށްވެސް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތު ކޮށްފި

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ދުރާލާ ރާވައިގެން ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތު ފުލުހުން ކޮށްފި އެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރިޔާޒު ހައްޔަރު ކުރިތާ 12 ދުވަސް ފަހުން ފުރަތަމަ ފަހަރަށް ފުލުހުން ރޭ ރިޔާޒާ ސުވާލުކޮށް އޭނާގެ މައްޗަށް ކުރާ ތުހުމަތު އަންގާފައިވާ ކަމަށެވެ.
ނޫރުއްސަލާމް ވިދާޅުވީ ފުލުހުން ރިޔާޒުގެ މައްޗަށް ކުރަނީ ކުއްލިނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް މިމަހުގެ ދެވަނަ ދުވަހު މާލެތެރޭގައި ހަމަނުޖެހުން ހިންގައި މަގުތަކަށް މީހުން އެއްކޮށް، އެކަމުގެ އިސްކޮށް ހަރަކާތްތެރިވެ، ދުރާލާ ރާވައިގެން ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތު ކަމަށެވެ.
ރިޔާޒު ވަނީ ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތު ތަކަށް އިންކާރު ކުރައްވާފަ އެވެ.
ރިޔާޒާ ހަވާލާދީ ނޫރުއްސަލާމް ވިދާޅުވީ އެ ދުވަހު ބައިވެރިވީ ސުލްހަވެރި އެއްވުމެއްގައި ކަމަށާއި އެއީ ގާނޫނު އަސާސީން ލިބިދީފައި އޮތް ހައްގެއް ކަމަށް ރިޔާޒު ފުލުހުންނަށް ދަންނަވާފައިވާ ކަމަށެވެ. އަދި އެއީ ރައީސް އަބްދުﷲ ޔާމީންގެ ޣައިރު ގާނޫނީ އަމަލުތަކާ ދެކޮޅަށް ބޭއްވި އެއްވުމެއް ކަމަށާއި އެ އެއްވުމުގައި ބައިވެރިވުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމުގައި ރިޔާޒު ދެންނެވި ކަމަށްވެސް ވަކީލް ވިދާޅުވި އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތް ނަމަވެސް ރޭގަނޑު 10:30 އާއި ހަމައަށް މުޒާހަރާ ކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި ރިޔާޒު ބައިވެރިވި އެއްވުމަކީ ހަވީރު ބޭއްވި އެއްވުމެއް ކަމަށް ރިޔާޒު ދެންނެވި ކަމަށްވެސް ނޫރުއްސަލާމް ވިދާޅުވި އެވެ.
ރިޔާޒު ހައްޔަރުކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުން މިމަހުގެ ދެވަނަ ދުވަހު މަޖީދީމަގުގެ އެކި ހިސާބުތަކަށް އެއްވެ ކުރި އިހްތިޖާޖުގެ ތެރެއިންނެވެ. ރިޔާޒާ އެކު އެއް ތަނަކުން އެއް ވަގުތެއްގައި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރު ކުރި ނަމަވެސް ޝާހިދު ވަނީ ޖެހިގެން އައި ދުވަހު ފުލުހުންގެ ބަންދުން ދޫކޮށްލާފަ އެވެ.
އަބްދުﷲ ރިޔާޒަށް މީގެ ކުރިން ވެސް އެކި އެކި ތުހުމަތުކޮށްފައިވާ އިރު ބައެއް މައްސަލަތަކުގައި ރިޔާޒުގެ މައްޗަށް ވަނީ ދައުވާ ވެސް އުފުލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ