ތާއީދުކުރާ ފަރާތްތަކުން އަޅުގަނޑާއިއެކު މަސައްކަތްކޮށްދެއްވުމަށް އެދެން - އުމަރު

ޕީޕީއެމް ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރު ޕާޓީން ވަކިކުރުމުން އޭނާގެ ސަޕޯޓަރުން އޭނާ އާއި އެކު ތިބުމަށް އުމަރު ނަސީރު އެދިވައިގެންފި އެވެ.
އުމަރު ނަސީރު މިގޮތަށް އެދި ވަޑައިގެންފައިވަނީ ޕީޕީއެމްގެ ހުރިހާ މެންބަރުންނަށް މިރޭ ފޮނުވަމުންދާ އެސްއެމްއެސްއެއްގައި އެވެ.
އުމަރު ނަސީރުގެ އެސްއެމްއެސްގައި ވަނީ އޭނައަށް ތާއީދުކުރާ ހުރިހާ އެންމެން ގިނަ ޕާޓީތައް އެކުލެވޭ ފުޅާ ކޯލިޝަނަށް ތާއީދުކޮށްދެއްވާ އެމްޑީޕީގެ ކިބައިން ގައުމު ސަލާމަތްކުރުމުގައި އުމަރުގެ ފަހަތުގައި ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އުމަރު ނަސީރުގެ މެސެޖުގައި ފުޅާ ކޯލިޝަނަކީ ކޮބައިކަމެއް ވިދާޅުވެފައެއް ނުވެ އެވެ.
"ގައުމު އެމްޑީޕީގެ ކިބައިން ސަލާމަތް ކުރުމުގައި އަޅުގަނޑާއި އެކު މަސައްކަތްކޮށްދެއްވުން އެދެމެވެ." އުމަރުގެ މެސެޖުގައިވެ އެވެ.
އުމަރު ޕީޕީއެމްއިން ވަކިކޮށްފައި މިވަނީ އޭނާ ޕީޕީއެމްއިން ވަކި ކުރަން ނުކެރޭނެ ކަމަށާއި އަދި އޭނާ ވަކިކޮށްފިނަމަ ޕީޕީއެމްއަށް ބިންހެލުމެއް އައިސް ޕާޓީ ފުނޑު ފުނޑު ވެގެންދާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.ނަމަވެސް މިއަދު އުމަރު ނަސީރު ޕާޓީން ވަކި ކުރި ހަބަރާއިއެކު ޕީޕީއެމް އޮފީސް ކައިރިއަށް އެއްވެ އެކަމާއި ދެކޮޅަށް އަޑު އުފުލާފައިވަނީ ދިހަ ވަރަކަށް މީހުންނެވެ.
އޭގެ ތެރެއިން އުމަރުގެ ޖަލްސާތަކުގައި އާއި ގައުމީ ހަރަކާތުގެ ޖަލްސާތަކުގައި ވާހަކަދައްކާ ދެ އަންހެން އެކްޓިވިސްޓަކު ވަނީ ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހަމަލާ ދީފައެވެ.
މިއަދު އުމަރުގެ ސަޕޯޓަރުންގެ ތެރެއިން ޕީޕީއެމް އޮފީސް ކައިރިއަށް އެއްވި މީހުން ކޮށްފައިވަނީ "އަވަ ގުރާނައިގެ" މުޒާހަރާ އެކެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ޕީޕީއެމްގެ ކައުންސިލް މެންބަރު މާޒް ސަލީމް ވިދާޅުވީ އުމަރު ޕާޓީން ވަކިކުރެއްވި މައްސަލަ ކޯޓަށް ވައްދާނެ ކަމަށެވެ.
މާޒް ސަލީމް މިރޭ ވަނީ އާ ތުހުމަތެއް ވެސް ޕްރައިމަރީ އާއި ގުޅޭ ގޮތުން ކޮށްފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ 8000 މެންބަރުން ޕީޕީއެމް ޕްރައިމަރީގައި ވޯޓުލާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ