ނަޝީދުގެ ޝަރީއަތުގައި އަބްދުﷲ ގާޒީގެ އަނބިކަނބަލުންނާ އިތުރު ދެ ބޭފުޅަކު ހެކިބަސް ދީފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މިރޭގެ އަޑުއެހުމުގައި ނަޝީދާ ދެކޮޅަށް އަބްދުﷲ ގާޒީގެ އަނބިކަނބަލުންނާއި ދައްތައެއް އަދި ފުލުހުންގެ އިސް އޮފިސަރަކު ހެކިބަސް ދީފި އެވެ.
ދައުލަތުގެ ފަރާތުން މިރޭ ހެކިބަސް ދީފައިވަނީ އަބްދުﷲ ގާޒީގެ އަނބިކަނބަލުން އައިމިނަތު ޝަރީފާއި އޭނާގެ ދައްތަ ސޯބިރާ ޝަރީފާއި އަދި ފުލުހުންގެ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފު އެވެ. މިހުރިހާ ބޭފުޅުންގެ ހެކިބަސް ނަގާފައިވަނީ ވަކިވަކިންނެވެ.
މިރޭގެ އަޑުއެހުމުގައި މިބޭފުޅުންގެ ހެކިބަސް ނަގަން އުޅުމުން ނަޝީދުގެ ގާނޫނީ ޓީމުން ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ. ނަޝީދުގެ ވަކީލުން ވިދާޅުވީ މިރޭ ހެކިބަސް ދެއްވާ ބޭފުޅުންނަކީ ދައުވާ ކުރާ މައްސަލައާއި މަސްލަހަތު ފުށުއަރާ ބައެއް ކަމަށެވެ. އެގޮތުން އަބްދުﷲ ގާޒީގެ މައްސަލައިގައި އޭނާގެ އަނބިކަނބަލުންނާއި، އަނބިކަނބަލުންގެ ދައްތައެއްގެ ހެކިބަސް ނެގުމަކީ އަދުލުވެރި އިންސާފުވެރި ޝަރީއަތެއްގައި ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި އެކަމަށް ބާރުދޭ ހައިކޯޓުގެ ހުކުމްތަކެއް ވިދާޅުވެ ދެއްވި އެވެ.
މަންނާންގެ ހެކިބަސް ނަގަން އުޅުމުން ނަޝީދުގެ ގާނޫނި ވަކީލު ވިދާޅުވީ މަންނާނަކީ 7 ފެބްރުއަރީ 2012 ގައި ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމުގައި ފުލުހުންގެ ތެރެއިން އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށެެވެ. އަދި ނަޝީދުގެ ވެރިކަމުގައި އޭރު ކޮމިޝަނަ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހްމަދު ފަސީހުގެ އިސްތިއުފާއަށް ވެސް މަންނާން ގޮވާލެއްވި ކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި ވިދާޅުވީ ނަޝީދުގެ ވެރިކަން ނިމުނުއިރު މަންނާން ހުންނެވީ ފުލުހުންގެ ޗީފް އިންސެޕްކްޓަރ އޮފް ޕޮލިސްގެ މަގާމުގައި ކަމަށާއި އެހެންނަމަވެސް ވެރިކަން ބަދަލުވި ފަހުން އޭނާއަށް ޕްރޮމޯޝަންވެސް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ބޭފުޅެއްގެ ހެކިބަހުގައި އަދުލުވެރިކަމެއް ހުންނާނެ ކަމާއި ދޭތެރޭ ނަޝީދުގެ ގާނޫނީ ޓީމުން ސުވާލު އުފެއްދެވި އެވެ.
ނަޝީދުގެ ގާނޫނީ ޓީމުން ދެއްކެވި ވާހަަކަތަކަށްފަހު ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެބޭފުޅުންގެ ހެކިބަސް ނެގޭނެ ކަަމަށެވެ. އެގޮތަށް ނިންމަވާ އެ ތިން ބޭފުޅުންގެ ހެކިބަސް ވެސް ނަގާފައިވެ އެވެ.
މިރޭގެ އަޑުއެހުމުގައި އަބްދުﷲ ގާޒީގެ އަނބިކަނބަލުންނާ އޭނާގެ ދައްތަ ހެކިބަސް ދިނީ އެމީހުން ނުފެނި ތިބެ އޯޑިއޯ ކޮންފަރެންސް ކޮށެެވެ.
މިރޭގެ އަޑުއެހުމުގައި ހެކިބަސް ދެމުން ސޯބިރާ ޝަރީފް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރަން 16 ޖެނުއަރީ 2012 ގައި އެގެއަށް ސިފައިން އައި ކަމަށާއި އެމީހުން ތިބީ މޫނުވެސް ނިވާކޮށްގެން ކަމަށެވެ. އަދި ސިފައިން އައިކަން އެނގުނީ އެގޭ ބޭރު ދޮރުގައި ވަރަށް ބާރަށް ޖެހިހެން ހީވެގެން ހުޅުވާ ބެލުމުން ކަަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިފައިން އެގެއަށް އައި އިރު އަބްދުﷲ ގާޒީ އިންނެވީ ފަރިއްކުޅުވަން ކަމަށެވެ. އަދި އެގެއަށް ދިޔަ ސިފައިން އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދަން ބަލައި އައިސް ތިބި ކަމަށް ބުނުމުން އަބްދުﷲ ގާޒީ މަންމަ ސިފައިންނަށް ކޯޓް އަމުރެއް ހިފައިންގެ އަބްދުﷲ ގާޒީ ބަލައި އައުމަށް ދެންނެވި ކަމަށް ސޯބިރާ ވިދާޅުވި އެވެ. ނަަމަވެސް އެމީހުން ކޯޓް އަމުރަކާ ނުލައި އަބްދުﷲ ގާޒީ ގޮވައިގެން ދިޔައީ ކަމުގައިވެސް ވިދާޅުވި އެވެ.
ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނޭ ގާނޫނީ ވަކީލް އަބްދުﷲ ޝާއިރު ވަނީ މިރޭގެ އަޑުއެހުމުގައި ސޯބިރާއާ ސުވާލު ކުރައްވާފަ އެވެ. އެގޮތުން ޝާއިރު ވަނީ އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ސިފައިން އެގެއަށް ދިޔައިރު އެގޭގައި ތިބި މީހުންގެ ނަންތައް އެނގިލައްވާތޯ ސުވާލުކުރައްވާފަ އެވެ. އެގޮތަށް ސުވާލުކުރުމުން ސޯބިރާ ވިދާޅުވީ އެގޭގައި އެވަގުތު ތިބީ އެ ގޭގައި ދިރިއުޅޭ މީހުން ކަމަށެވެ. ސޯބިރާ އެހެން ވިދާޅުވުމާއެކު ޝާއިރު ވިދާޅުވީ އަބްދުﷲ ގާޒީގެ މައްސަލައިގައި ސޯބިރާ ދެއްވި ބަޔާނުގައި ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ ވަގުތު އެގޭގައި މިހާރުގެ ޕްރޮސެކިއުޓަ ޖެނަރަލް މުހުތާޒު މުހުސިން އިންނެވި ކަމަށް ސޯބިރާ ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން މުހުތާޒު ދަންނަންތޯ ޝާއިރު ވަނީ ސޯބިރާއާ ސުވާލުކުރައްވާފަ އެވެ. އެ ސުވާަލަށް ޖަވާބު ދެއްވަމުން ސޯބިރާ ވިދާޅުވީ ޕީޖީ މުހުތާޒަކީ ކުރިންވެސް އަދި މިހާރުވެސް އޭނަ ދަންނަ ބޭފުޅެއް ނޫން ކަމަށެވެ. ނަމަވެސް ފަހުން ވިދާޅުވީ އެއީ ޓީވީން ފެންނަ މީހަކަށްވާތީ އެގޮތުން ދަންނަ ކަމަށެވެ.
އަބްދުﷲ ގާޒީގެ އަނބިކަނބަލުން އައިމިނަތު ޝަރީފް ވެސް މައިގަނޑު ގޮތެއްގައި ދެއްކެވީ އޭނާގެ ދައްތަ ދެއްކެވި ވާހަކަތަކެވެ. އައިމިނަތު ޝަރީފް ވިދާޅުވީ ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކުރަން އެގެއިން ގެންދަން އުޅުމުން އޭނާ ގާޒީގެ އަތުގައި ހިފެހެއްޓެވި ކަމަށާއި ނަމަވެސް ސިފައިންގެ ބޭފުޅަކު އެ ދެބޭފުޅުންގެ ދޭތެރެއަށް ވަދެ އަބްދުﷲ ގާޒީ ގަދަކަމުން ގެންދެވީ ކަމަށް ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ސިފައިންނާއެކު ނުދާން ދެކޮޅު ހައްދަވާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
އައިމިނަތު ޝަރީފާއި އޭނާގެ ދައްތަ ސޯބިރާ ޝަރީފް ވެސް ވިދާޅުވީ އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރައީސް ނަޝީދު އަންގަވައިގެން ކަމަށް އެގެއަށް ދިޔަ ސިފައިންގެ އެއްވެސް ބޭފުޅަކު ވިދާޅުވި އަޑު އިވިފައި ނުވާ ކަމަށެވެ.
މިރޭގެ އަޑުއެހުމުގައި ހެކިބަސް ދެމުން މަންނާން ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި އޭނާއާ ރައީސް ނަޝީދާ ބައްދަލުވީ އެންމެ ފަހަރަކު ކަމަށެވެ. އެއީ އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން 18 ޖެނުއަރީ 2012 ގައި ނަޝީދު ފުލުހުންގެ އިސް ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި ކަމަށްވެސް ވިދާޅުވި އެވެ. އެބައްދަލުވުމުގައި އަބްދުﷲ ގާޒީއަށް ކްރިމިނަލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިންއާ ދެން ގާތް ނުވެވޭނެ ކަމުގައި ނަޝީދު ވިދާޅުވި ކަމަށް މަންނާން ވިދާޅުވި އެވެ. ނަމަވެސް އަބްދުފ ގާޒީ ހައްޔަރުކުރަން ނަޝީދު އެއްވެސް ފަރާތަކަށް އަންގާ އެއްވެސް އަމުރެއް ކުރިކަމަކަށް މަންނާން ވެސް ވިދާޅުވެފައެއް ނުވެ އެވެ.
ފަނޑިޔާރުން މިރޭގެ އަޑުއެހުން ނިންމަވާލެއްވީ މާދަމާ ރޭވެސް މިމައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާންކުރެއްވުމަށްފަހު އެވެެ. ނަމަވެސް މާދަމާ ރޭގެ ޝަރީއަތް ބާއްވާނެ ގަޑި ނަޝީދުގެ ގާނޫނީ ޓީމަށް ފަހުން އަންގާނެ ކަމުގައިވެސް ވިދާޅުވި އެވެ. ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މާދަމާ ރޭގެ އަޑުއެހުމުގައި އޮންނާނީ ނަޝީދުގެ މައްޗަށް ކުރާ ދައުވާއާއި ގުޅިގެން ދައުލަތުން ހުށަހަޅާ އޯޑިއޯތައް އިއްވާ އަދި ވީޑިއޯތައް ދެއްކުން ކަމަށެވެ.
ފަނޑިޔާރުން އެގޮތަށް ވިދާޅުވުމުން ރައީސް ނަޝީދު މިރޭގެ އަޑުއެހުމުގައި ވިދާޅުވީ އެމަނިކުފާނަކީ ދޫނިދޫގައި ހައްޔަރުކޮށްފައި ހުންނަ މީހެއް ކަމަށާއި އެމަނިކުފާނާ ދެކޮޅަށް އޯޑިއޯ އާއި ވީޑިއޯ ހުށަހަޅާއިރު އެ ތަކެތި ދިރާސާކޮށް އެއަށް ޖަވާބުދެއްވުމަށް އެމަނިކުފާނަށް ފުރުސަތު ދެއްވަންޖެހޭނެ ކަމަށެވެ. ނަމަވެސް ދޫނިދޫގައި އެމަނިކުފާނު ހުންނަވާއިރު އެތަނުގައި ވީޑިއޯ އަދި އޯޑިއޯތައް ދިރާސާކުުރުމުގެ ފުރުސަތު އަދި ހަމަޖެހިފައި ނުވާ ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވުމާއި ގުޅިގެން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެމަނިކުފާނު އެދިލެއްވި ގޮތަށް އެކަންކަން ހަމަޖައްސައިދޭނެ ކަމަށެވެ.
ރައީސް ނަޝީދާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް މާބާރަށް ކުރިއަށް ގެންދާތީ އެކަމަށް އިޝާރާތް ކުރައްވާ އެމަނިކުފާނު ވިދާޅުވީ ފުލުފުލުން ހަވާއާއި، ފަޓާސް ޖަހާހެން ޝަރީއަތްތައް ކުރިއަށް ގެންދާތީ މިރެއިން މިރެއަށް ވެސް ފަނޑިޔާރުންނަށް ފެންނަ ހުކުމެއް އިއްވައިދިނުމަށް އެދޭ ކަމަަށެވެ.
ނަޝީދުގެ މައްސަލައިގެ އަޑުއެހުންތަކަށްފަހު އެމަނިކުފާނުގެ ގާނޫނީ ޓީމުން ކޮންމެ ރެޔަކުވެސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގެންދަވަ އެވެ. ނަމަވެސް މިމައްސަލައިގައި އެންމެފަހުން ރޭ ފަނޑިޔާރުން ދެއްވި އިންޒާރާއި ގުޅިގެން ކަަމަށް ވިދާޅުވެ ނަޝީދުގެ ގާނޫނީ ޓީމުން ވަނީ މިރޭގެ އަޑުއެހުން ކުރިއަށްދިޔަ ގޮތާއި ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަދެއްކެވުމަށް އުޒުރުވެރިވެފަ އެވެ. އެ ބޭފުޅުން ވިދާޅުވީ މީޑިއާގައި ވިދާޅުވެވޭ އެއްޗަކާއި ގުޅިގެން އެބޭފުޅުންގެ މުވައްކިލަށް ލިބިގެންވާ ގާނޫނީ ހައްގުތަކުން އިތުރަށް މަހްރޫމްވެދާނެތީ މިރޭ ނޫސްވެރިންނާ ވާހަކަދެއްކުމަށް އުޒުރުވެރިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ