ނައިބް ރައީސްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފައިވަނީ ރަނގަޅަށް: ހައިކޯޓް

ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވައިލި ހާދިސާ އާއި ގުޅިގެން ޤައުމަށް ޣައްދާރުވުމުގެ ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަހްމަދު އަދީބުގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފައިވަނީ ރަނގަޅަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހޯމަ ދުވަހު ނިންމައިފިއެވެ.
ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުމަށްފަހު ނައިބް ރައީސް އަހްމަދު އަދީބުގެ ބަންދަށް 15 ދުވަހުގެ މުއްދަތު ކްރިމިނަލް ކޯޓުން ޖަހާފައިވަނީ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
މިމައްސަލައިގެ އަޑުއެހުމެއް އާދީއްތަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މައްސަލަ ނިންމައިފައިވަނީ ހޯމަ ދުވަހުއެވެ.
ހޯމަ ދުވަހުގެ ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ ނައިބް ރައީސް ދޫނިދޫގައި ބަހައްޓައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
ހައިކޯޓުން ބުނެފައިވަނީ މިއީ މިގޮތަށް ކުރިއަށް ގެންދފިއަ ފުރަތަމަ ޝަރީއަތް ނޫން ކަމަށާއި މިގޮތަށް ކުރިއަށް ގެންދިއައީ ފުލުހުންގެ އެދުމަކަށް ކަމަށެވެ.
ހައިކޯޓުގެ ނިންމުމުގައި ވަނީ ކުށުގެ ތުހުމަތުގައި ބަންދުކުރާއިރު ހެއްކާއި ޤަރީނާ ހުށަހަޅަންޖެހޭނީ ކުށް ސާބިތުކުރެވޭ މިންވަރަށް ނޫން ކަމަށާއި އެފަދަ މައްސަލަތަކުގައި ހެކީގެ ގޮތުގައި ބަލައިގަންނަން ޖެހޭނީ ކުށެއް ކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރަށް ކަމަށެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗްގައި އިސްކޮށް އިންނެވީ ފަނޑިޔާރު ޢަބްދުﷲ ދީދީއެވެ. ބެންޗްގައި ދެން ތިއްބެވީ ފަނޑިޔާރު ޢަލީ ސަމީރު އާއި ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އެވެ.
ނައިބް ރައީސް އަހްމަދު އަދީބް ބަންދުކޮށްފައިވަނީ ޗައިނާއަށް ކުރެއްވެވި ރަސްމީ ދަތުރުފުލު ނިންމަވައިލެއްވެވުމަށްފަހު އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމުން އެއަރޕޯޓުންނެވެ.
ނައިބް ރައީސް އަހްމަދު އަދީބްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ވައްދައިފައެވެ. އަދި އެކަމުގެ ނޯޓިސް ވެސް މިހާރު ވަނީ އެމަނިކުފާނަށް އަރުވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ