ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ފޭދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ނިހާދުގެ ކެންޑިޑެންސީ ވަގުތީ ގޮތުން ހިފެހެއްޓުމުގެ އަމުރަކަށް ހައިކޯޓްގައި އެދާއިރާ މިހާރު ތަމްސީލް ކުރައްވަމުން ގެންދަވާ އަލްހާން ފަހުމީ އެދިވަޑައިގެންފިއެވެ.
އަލްހާން ފަހުމީގެ ކޮއްކޮ ޝަޒްބާން ފަހުބީ ވިދާޅުވީ އެދާއިރާގެ އެމްޑީޕީ ޕްރައިމަރީ ބާތިލުކޮށްދިނުމަށް އެދި މިއަދު ހައިކޯޓަށް މައްސަލައެއް ވައްދާފަވާނެކަމަށާއި ޝަރީއަތުން ގޮތެއް ނިމެންދެން އެދާއިރާގެ ޕްރައިމަރީ ކާމިޔާބުކޮށް އިލެކްޝަންސް ވާދަކުރުމަށް ހުށައަޅާފައިވާ ކެންޑިޑޭޓްގެ ކެންޑިޑެންސީ ވަގުތީ ގޮތުން ހިފެހެއްޓުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ހައިކޯޓްގައި އެދިފައިވާނެކަމަށެވެ.
އަލްހާންގެ ފަރާތުން ކޯޓަށް ހުށައެޅި މައްސަލައިގައި ވަނީ އެމްޑީޕީގެ ފޭދޫ ދާއިރާގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދިޔައީ އުސޫލާ ހިލާފަށް ބާތިލް ލިސްޓަކަށް ކަމަށްވާތީ އެ ޕްރައިމަރީ ބާތިލުކޮށް ޕްރައިމަރީ ކާމިޔާބުކުރި ފަރާތުގެ ކެންޑިޑެންސީ ބާތިލުކޮށްދިނުމަށެވެ.
އަދި އެ ޓިކެޓްގެ ސަބަބުން ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރި ކެންޑިޑޭޓްގެ ކެންޑިޑެންސީ ބާތިލުކޮށްދިނުމަށް ވެސް ދައުވާގައި އެދިފައިވެއެވެ.
ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލުކޮށް ކެންޑިޑޭޓްގެ ކެންޑިޑެންސީ ބާތިލުކޮށްދިނުމަށް އަލްހާން ކޯޓަށް މައްސަލައެއް ވައްދާފައިވާއިރު ޕްރައިމަރީގެ ނަތީޖާ އިއުލާން ކުރި ހިސާބުން ފަށައިގެން އަލްހާން ވިދާޅުވަމުން ގެންދަނީ ޕްރައިމަރީ ކުރިއަށްދިޔައީ އިންސާފުވެރިކޮށް ނޫންކަމަށެވެ.
ފޭދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި އަލްހާން ހިމެނިވަޑައިގަންނަވައެވެ.
ބުރަކަށްޓަށް ވަޅިން ބަޔަކު ހަމަލާދިނުމާ ގުޅިގެން އަލްހާން މިހާރު ގެންދަނީ ސްރީލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންނެވެ.
ފޭދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓްގެ ކެންޑިޑެންސީ ހިހެއްޓުމުގެ އަމުރަކަށް އަލްހާން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ