ސޯމާލިއާގެ ކަނޑު ފޭރޭ މީހުންގެ ނުރައްކަލުން ސަލާމަތް ވުމަށް އިނގިރޭސީން ހަ މިލިއަން ޕައުންޑް ހަރަދުކުރަނީ!

ސޯމާލިއާގެ ގަނޑުފޭރޭ މީހުންގެ ނުރައްކާތެރިކަން އިންޑިއާ ކަނޑަށް ފޯރާފައިވާތީ އިންޑިއާ ކަނޑުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް އެ ސަރަހައްދުތަކުގެ ޖަލުތައް ރަނގަޅުކުރުމަށް އިނގިރޭސި ސަރުކާރުން ހަ މިލިއަން ޕައުންޑް ހޭދަކުރަން ނިންމައިފި އެވެ.
އިނގިރޭސި ހައިކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ އެ ފައިސާގެ ތެރެއިން 5.3 މިލިއަން ޕައުންޑް ހަރަދުކުރާނީ އދ.ގެ ޑްރަގްސް އެންޑް ކްރައިމް ޔުނިޓުން ހިންގާ ކައުންޓާ ޕައިރަސީ ޕްރޮގްރާމް މެދުވެރިކޮށް ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން ސޯމާލި އާއި ކެންޔާ އަދި ސީޝެލްސްގެ ޖަލުތަކުގެ ފެންވަރު ރަނގަޅުކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"މިކަމުން ކަނޑުފޭރުމުގެ ކުށް ސާބިތުވާ ފަރާތްތަކާ މެދު ގާނޫނުގެ ދަށުން ހުކުމް ތަންފީޒު ކުރެވިގެން ދާނެ،" ހައި ކޮމިޝަންގެ ބަޔާނުގައިވެ އެވެ.
އިނގިރޭސި ހައި ކޮމިޝަނުން ބުނީ އިންޑިއާ ކަނޑުގެ ސަރަހައްދު މަތިން ޕެޓްރޯލްކޮށް ކަނޑުފޭރޭ މީހުންގެ ހަރަކާތްތަކަށް ފާރަލުމަށް ރަނގަޅު ފެންވަރުގެ ވީޑިއޯ އަދި ފޮޓޯ ނެގޭނޭ ތަފާތު އާލާތްތައް ޝީސެލްސްގެ ކަނޑުގެ ދިފާއީ ބާރުތަކަށް ފޯރުކޮށްދޭނެ ކަމަށެވެ.
"ހައި ކޮލިޓީ ފޮޓޯ އާއި ވީޑިއޯތައް ނަގަން ފެށުމުން ޝަރީއަތުގެ މަޖިލީހަށް ބޭނުންވާ ހެކި ހޯދައި ކަނޑުފޭރޭ މީހުން އަތުލައިގަތުމުގައި ފަސޭހަވެގެން ދާނެ އެވެ،" އެ ބަޔާނުގައިވެ އެވެ.
އެ ބަޔާން މެދުވެރިކޮށް އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ވިލިއަމް ހޭގް ވިދާޅުވެފައި ވަނީ
"އިނގިރޭސި ވިލާތުން އިންޑިއާ ކަނޑަށް އެހީވާން ފެށުމުން އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ ފޭރޭ މީހުން ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ލީބޭ ކުރިއެރުމަކަށް ވާނެ ކަމަށް އުންމީދު" ކުރައްވާ ކަމަށެވެ.
ފަހަކަށް އައިސް އިންޑިއާގެ ކަނޑުގެ ސަރަހައްދު ވެފައި ވަނީ ސޯމާލިއާގެ ފޭރޭ މީހުންގެ ނުރައްކާތެރިކަން އެންމެ ބޮޑު އެއްސަރަހައްދު ކަމަށެވެ.
އޭޝިޔާގެ ބޮޑެތި ކަނޑުތަކަށް ސޯމާލިޔާގެ ކަނޑު ފޭރޭ މީހުން ފެތުރި، ފޭރޭ މީހުންގެ ނުރައްކާތަކާއި ދުއްތުރާތައް އެންމެ ބޮޑީ ރާއްޖެއަށް ކަމަށް އެމެރިޔާގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ތިން ފަހަރެއްގެ މަތިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަނީ ސޯމާލިޔާގެ ބަޔަކާއި އެކު އުޅަނދުތަކެއް އަތުލައިގެންފަ އެވެ. އެއީ ގދ. ތިނަދޫ ބޭރުން ތިން މީހުންނާއި އެކު އަތުލައިގަތް ޑިންގީއަކާ އަދި ފުވައްވުމުލަކު ފަޅުތެރެއިން އަތުލައިގަތް ހަތް މީހަކު ތިބި ޑިންގީއެކެވެ. މީގެ އިތުރުން އދ. މަހިބަދޫ ބޭރުންވެސް މަސްވެރިންގެ ބަޔަކު ވަނީ ސޯމާލިޔާގެ ކަނޑުފޭރޭ މީހުން ބޭނުން ކުރާކަހަލަ ޑިންގީއެއް އަތުލައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ