އެސްޓީއޯ މުވައްޒަފުން ފުލެޓަށް ދެއްކި ފައިސާ މިމަހު މުސާރައާއެކު އަނބުރާ ދެނީ

ހިޔާ މަޝްރޫއުގެ ދަށުން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ސްޓާފުންނަށް އަޅައިދޭ ފްލެޓުގެ ތެރެއިން ފްލެޓު ލިބި، ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ފައިސާ މިމަހުގެ މުސާރައާއެކު މުވައްޒަފުންނަށް ޖަމާކުރެވޭނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
އެ މަޝްރޫއުގެ ދަށުން އެސްޓީއޯގެ ސްޓާފުންނަށް 300 ފްލެޓު އަޅައިދިނުމަށް ނިންމާފައި ވެއެވެ. އަދި ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓު މިހާރު އާންމު ކޮށްފައިވާއިރު އޭގެ ތެރެއިން އެއްބަޔަކު ވަނީ ފްލެޓަށް ފައިސާ ވެސް ދައްކާފައެވެ. އެކަމަކު، ފްލެޓަށް ފައިސާ ދެއްކުން މިހާރު ވަގުތީ ގޮތުން ވަނީ ހުއްޓުވާފައެވެ.
އަމްރު ވިދާޅުވީ، ފްލެޓް ލިބުނު ފަރާތްތަކުން ދައްކާފައިވާ ފައިސާ މި މަހުގެ މުސާރައާ އެކު އަނބުރާ މުވައްޒަފުންނަށް ދޭން ނިންމާފައި ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ލިބޭ މުސާރައާއި އަޅާ ބަލާއިރު ފްލެޓަށް ދައްކަން ޖެހޭ ފައިސާ ނުބައްދަލުވުމުން ކަމަށެވެ.
"އެސްޓީއޯގެ އެވަރެޖް ސްޓާފަކަށް ގާތްގަނޑަކަށް ޖެހެނީ 10،000 ރުފިޔާ. ގިނަ މުއައްޒަފުންނަކީ ކްރެޑިޓް ސްކީމަށް ލޯނު ނަގައިގެން ތިބި މުއައްޒަފުން. ފްލެޓަށް 6،000 ވަރަކަށް ރުފިޔާ ދެއްކުމަށް ފަހު ގެއަށް ގެންދަން މި ލިބެނީ ގާތްގަނޑަކަށް 500 ވަރަކަށް ރުފިޔާ. މީ މިކަން ކުރެވޭނެ ގޮތެއް ނޫން،" އަމްރު ވިދާޅުވިއެވެ.
ޗައިނާގެ ކޮންސްޓަރްކްޝަން ކުންފުންޏެއް ކަމަށްވާ މިލީނިއަމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން އެސްޓީއޯގެ ފްލެޓުތަކުގެ މަސައްކަތް ފަށާފައިވާއިރު އެކުންފުންނާއެކު އެސްޓީއޯ އިން ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން މުޅި މަޝްރޫއުއަށް ބޭނުންވާ 20 އިންސައްތަ އަށްވާ 4.5 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އަދި ބާކީ 80 އިންސައްތަ ލޯނު ނަގައިގެން އެސްޓީއޯ އިން ދައްކަން ޖެހޭ އިރު އެކުންފުންޏަކީ ލޯނު ދޫކުރެވޭ ކުންފުންޏެއް ނޫން ކަމަށް އަމްރު ވިދާޅުވި އެވެ. އެހެންކަމުން، ފްލެޓަަށް ދައްކަން ޖެހޭ ވިހި އިންސައްތައަކީ އެވްރެޖު ސްޓާފަކަށް ލިބޭ މުސާރައާ އަޅާބަލާއިރު ދެއްކޭނެ އަދަދެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން އަމްރު ވިދާޅުވީ، ޑައުންޕޭމަންޓަށް ވިހި އިންސައްތަ ދައްކަން ޖެހޭއިރު ބޭންކު ލޯނު ދެނީ އެމުވައްޒަފަކަށް މުސާރައިގެ ގޮތުގައި މަދުވެގެން 14000 ރުފިޔާ ލިބިގެން ކަމަށެވެ. އެކަމަކު، އެވަރު ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމްރު އިތުރަށް ވިދާޅުވީ، އެ ފްލެޓުތަކަކީ އުޅެން ހެޔޮވާވަރަށް ވުރެ ކުޑަ ފްލެޓުތަކެއް ކަމަށެވެ. އެހެންކަމުން ހުޅުމާލޭ ތަރައްގީ ކުރުމުގެ މަޝްރޫއުތައް ހިންގަމުން އަންނަ އެޗްޑީސީ އާ އެކަމާއި ގުޅިގެން މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ