ރައްޔިތުން ނިންމި ނިންމުން ފުލުހުން ދަމަހައްޓާނެ ކަމަށް ބުނެފި

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުން ދިވެހި ފުލުހުން ދަމަހައްޓާނެ ކަމަށް އެ އިދާރާއިން ވެސް ބުނެފިއެވެ.
އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްގެ ފަރާތުން މިރޭ މީޑިއާތަކަށް ފޮނުއްވި ސްޓޭޓްމެންޓެއްގައި ވަނީ، އިންތިހާބުގެ ނަތީޖާ ފުލުހުން ދަމަހައްޓާނެ ކަމަށް ބުނެފައެވެ.
"23 ސެޕްޓޭންބަރު 2018ގައި ބޭއްވުނު ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ނިންމެވި ގޮތް ދިވެހި ފުލުހުން ދަމަހައްޓައި އެނިންމުމަށް އިހްތިރާމްކުރާނެކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން" ނަވާޒްގެ ފަރާތުން ފޮނުވި އެސްޓޭޓްމަންޓްގައި ބުނެފައި ވެއެވެ.
ފުލުހުން މިހެން ބުނީ ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލުކުރުމަށް، ސިފައިންނާއި ސަރުކާރުން ގުޅިގެން މަސައްކަތް ކުރާ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާ ސިފައިން ދަމަހައްޓާނެ ކަމަށް ވެސް މިރޭ ވަނީ ބުނެފައެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ބައެއް މީޑިއާތަކަށް މިރޭ މައުލޫމާތު ދެއްވި ގޮތުގައި އިންތިހާބުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކޮށް ދިނުމަށް، ވެރިކަން ކުރާ ޕީޕީއެމުން އެދިފައިވާ ކަމަށާއި، އެކަމާ މެދު ގޮތެއް ނިންމާނީ މާދަމާ ބާއްވާ އެކޮމިޝަންގެ ބައްދަލުވުމުގައި ކަމަށެވެ. ނަމަވެސް އޭނާ ފަހުން ވަނީ އެކަން ވެސް ދޮގުކުރައްވައި، ކުރިކޭ ވެސް އެއްގޮތަށް ރަސްމީ ނަތީޖާ އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ 58 ޕަސެންޓު ވޯޓާ އެކު ބޮޑު ތަފާތަކުންނެވެ. އިބޫ އަށް 134،146 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ އެންމެ 95،623 ވޯޓެވެ. ދެ ކެންޑިޑޭޓުންގެ މެދުގައި 38،479 ވޯޓުގެ ފަރަގު ހުއްޓެވެ. މިއީ މިހާ ބޮޑު ތަފާތަކުން ރާއްޖޭގައި ރައީސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.
މުޅި ރާއްޖޭގެ 18 އަތޮޅެއްގެ މެޖޯރިޓީ ވޯޓު އިބޫ އަށް ލިބިވަޑައިގެންނެވި އިރު ރައީސް ޔާމިނަށް މެޖޯރިޓީ ނެންގެވުނީ މ. އަތޮޅާއި ފ. އަތޮޅުން އެކަންޏެވެ. ބު ބަލައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ