ޔާމީންގެ މައްޗަށް ތުހުމަތު ކުރަނީ ހިޔާނާތުގެ ފައިސާ ލޯންޑަކުރި ކަމަށް: ފުލުހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ތުހުމަތު ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑަކުރި މައްސަލައާއި ދައުލަތުގެ އިދާރާއަށް ދޮގު މައުލޫމާތު ދިން މައްސަލާގައި ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ހިންގާ ތަހުގީގަށް ދެފަހަރެއްގެ މަތިން ޔާމީން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ. ފުލުހުން ބުނީ މިއަދު ޔާމީން ހާޒިރުކޮށް ސުވާލު ކުރެވުނީ އެ ދެ މައްސަލައެއްގައި ކަމަށެވެ. އޭގެތެރެއިން އެއް މައްސަލައަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ފަޅުތަކާއި ރަށްތައް މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އިސްލާމިކް ބޭންކުގައި ހުންނަ ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ ލޯންޑަކުރި މައްސަލަ ކަމަށް ފުލުހުން ބުންޏެވެ. އަދި އަނެއް މައްސަލައަކީ އެ ފައިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ހިންގި ތަހުގީގަށް ޔާމީން ދޮގު މައުލޫމާތު ދެއްވި މައްސަލަ ކަމަށްވެސް ފުލުހުން ބުންޏެވެ. "މައްސަލާގައި ތުހުމަތުކުރެވޭ ކަންކަމާއި އެ ތުހުމަތުތައް ބިނާ ކުރާ ގާނޫނީ މާއްދާތަކާއި ތުހުމަތުގައި ސުވާލު ކުރެވޭ ފަރާތަށް އަންގަންޖެހޭ ގާނޫނީ އިންޒާރު އަންގައި އެކަންކަން ފަހުމުވިކަމަށް ސޮއިކޮށް އިނގިލީގެ ނިޝާން ޖެހިފައިވާނެ." ފުލުހުން ބުންޏެވެ. ފުލުހުން ނުކުމެ ވަޑައިގެން ޔާމީން މިއަދު ވިދާޅުވެފައިވަނީ މިއަދު އޭނާއާ ސުވާލު ކުރެވުނީ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި މައްސަލާގައި ސުވާލު ކުރުމަށް ކަމަށެވެ. އެހެން މައްސަލައެއްގައި ސުވާލު ނުކުރާ ކަމަށް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެ ފައިސާތަކަކީ އެމްއެމްޕީއާރްސީގެ ފައިސާތަކެއް ކަމަށް މިހާތަނަށް އޭސީސީ އިން ވެސް އަދި އެހެން ތަހުގީގީ އިދާރާއަކުން ވެސް ނިންމާފައިނުވާ ކަމަށެވެ. "އަޅުގަނޑު ގަބޫލުކުރަން [އެ ކައުންޓަށް ވަން ފައިސާ އަކީ ހިޔާނާތުގެ ފައިސާ ކަމަށް] ތުހުމަތު ކުރެވޭނެ ޖާގަ އެބައޮތް ކަމަށް. ވެދާނެ އެއީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ވެސް. އެކަމަކު އެއީ ގާނޫނީ ހަމަތަކުގެ މަތިން އެގޮތަށް ނިންމާފައި އޮތް ކަމެއް ނޫން،" ރައީސް ޔާމިން ވިދާޅުވި އެވެ. "އެ ފައިސާތަކުގެ ތެރެއިން އަޅުގަނޑަށް އެސްއޯއެފް އިން ދިން ޗެކަކީ އެމްއެމްޕީއާރުސީ ފައިސާތޯ ނުނީ އެނޫން އެހެން ފައިސާތޯ އަދި އެއީކީ ނިންމިފައި އޮތް ކަމެއް ނޫން. އެއީ އެކަމެއްގެ ތުހުމަތު،" ރައީސް ޔާމީން ވިދާޅުވި އެވެ. އެމެރިކާ ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތަށް ޔާމީންގެ އެކައުންޓުތަކުގައި ހުރި 100 މިލިއަން ދިވެހި ރުފިޔާއެއް ފުލުހުން ވަނީ ފްރީޒް ކޮށްފަ އެވެ. ފުލުހުން ބުނެފައިވަނީ އެއީ ފުލުހުން ބަލަމުންދާ މައްސަލައިގެ ތަހުގީގަށް ކަމަށެވެ. ޔާމީން ވިދާޅުވީ އޭނާގެ އެކައުންޓުގައި ވަކިވަރަކަށް ފައިސާ ހުރުން އެއީ ކުށެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެއީ އޭނާއަކީ ސިޔާސީ މީހަކަށް ވެފައި ޕާޓީއެއްގެ ލީޑަރަކަށް ވުމުގެ އިތުރުން ކެމްޕެއިނުގައިވެސް ފައިސާ ހޯދަމުންދާ މީހަކަށް ވާތީ ކަމަށް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ