ސިނަމާލޭ ބްރިޖް ދުވުން މިއަދު ހަވީރު

ދުޅަހެޔޮ ހަށިހެޔޮ އީދުގެ ދުވުމުގެ އިވެންޓް ކަމަށްވާ "ސިނަމާލޭ ބްރިޖް ރަން" މިއަދު ހަވީރު 4 ޖަހާއިރު ފަށާނެ އެވެ.
މާލޭ ސްވިމިން ޓްރެކް ސަރަހައްދުން ފަށައިގެން ބްރިޖް ހުރަސްކޮށް، އަނބުރާލާނީ ބްރިޖާއި ހުޅުލޭ ގުޅޭ ދިމާލުންނެވެ. އަދި އަނބުރާލާފައި އައިސް ރޭސް ނިންމާލާނީ މާލޭ ދުވާ ޓްރެކަށެވެ.
މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 3:30 އަށް ސްވިމިން ޓްރެކް ސަރަހައްދަށް ދިއުމަށް އިންތިޒާމްކުރާ ފަރާތުން އެދެ އެވެ.
"ދުވުމުގެ ބައިވެރިން ރަތާއި ފެހި ނުވަތަ ހުދު ޓީޝާޓެއްގައި އައުމަށް އެދެން. ސިޔާސީ ޕާޓީއެއްގެ އެއްވެސް ދިދައެއް ނުވަތަ ލިޔުމެއް ބޭނުމެއް ނުކުރެވޭނެ،" އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.
އެ ފަރާތުން ބުނީ ފަސް ކިލޯމީޓަރުގެ މި އިވެންޓް އެއްކޮށް ފުރިހަމަކުރަން ނުވަތަ މުޅި ރާސްތާގައި ދުވަން ނުޖެހޭނެ ކަމަށާއި ހިނގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.
އާ ސަރުކާރުގެ ފެށުން ފާހަގަކުރުމަށް ބާއްވާ ދުޅަހެޔޮ ހަށިހެޔޮ އީދުގެ ހިމެނޭ އެހެން ކުޅިވަރު އިވެންޓްތައް މިހާރު ވެސް ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި ވޯޓާސްޕޯޓްސް، ބީޗްވޮލީ އަދި ފުޓްބޯޅަ ހިމެނެ އެވެ.
މި ދުވުން އިންތިޒާމްކުރަނީ އައި-ރަނާސް، ޓީއެފްޖީ، މޭޑް ރަނާސް، ބީބީ ރަނާސް އަދި ރަޝާޒް އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ