އިސްލާމީ އަހުލާގާއި ސަގާފަތާއި ތައާރުޟު ނުވާ ގޮތަށް އީދުގެ އުފާވެރިކަން ފާޅުކުރުމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު އިލްތިމާސް ކުރައްވައިފި އެވެ.
ރާއްޖޭގެ އެކި ރަށްތަކުގައި ކުލަ ގަދަކޮށް އީދު ފާހަގަކުރަމުންދާއިރު، ބައެއް ރަށްތަކުގައި ދިވެހިންގެ ސަގާފަތާއި ބީރަށްޓެރި އަދި ބޭރުގެ ގައުމުތަކުގައި އުފާ ފާޅުކުރުމުގައި ކުރިޔަށް ގެންދާ ބައެއް ހަރަކާތްތަކާއި އެއްވަތަރު އެއްވުންތައް ބާއްވަމުން ގެންދާކަމަށް ބުނެ އާންމުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅުކޮށްފަ އެވެ.
ޑރ. ޝަހީމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީދަކީ އިސްލާމީ އުންމަތަށް މާތްﷲ ދަރުމަ ކުރައްވާފައިވާ ނިއުމަތެއް ކަމަށެވެ. އަދި އީދުގެ އުފާވެރިކަން ފާޅު ކުރުން އޮންނަން ވާނީ ﷲ ރުހިވޮޑިގަންނަވާ އިމުގެ ތެރޭގައި ކަމަށެވެ.މިނިސްޓަރ ވަނީ އިސްލާމީ އަހުލާގާއި ސަގާފަތާއި ތައާރުޟު ނުވާ ގޮތަށް އީދުގެ އުފާވެރިކަން ފާޅުކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.
1445 ވަނަ އަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ހިތޯބުގައި ވެސް ވަނީ އީދުގެ ހަރަކާތަކުގައި އިސްލާމީ އަހުލާގު ދެމެހެއްޓުމަށް އިލްތިމާސް ކުރައްވާފަ އެވެ. ހިތާބުގައި އެމަނިކުފާނު ވަނީ ދިވެހިންގެ އާދަކާދަތަކާއި ބީރައްޓެހި ސަގާފަތްތައް އީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި އެމަނިކުފާނު ވަނީ ބޮޑު އީދުގެ ބަރަކާތްތެރި މުނާސަބާގައި މުސްލިމް އަހާގެ ހިތަށް އުފާވެރިކަން ލިބޭނެ ހެޔޮ އަމަލު ކުރުމަށާއި، މެހްމާންދާރީ އަދާކުރުމަށް ބާރު އަޅުއްވައި، ޞަދަޤާތް ކުރުމަށާއި، ހެޔޮ ދުޢާ ކޮށްދިނުމަށާއި، ނުތަނަވަސްކަން ފިލުވައިދިނުންފަދަ، ﷲގެ ހަޟްރަތުގައި ދަރުމަހުރި ޢަމަލުތައް ކުރުމަށް އެދިވަޑައިގެންފަ އެވެ.
މި ޚިޠާބު ކުރިއަށް ގެންދަވަމުން، މިފަހަރު ޢީދު ފާހަގަކުރާއިރު، ދިވެހި ރައްޔިތުން އެންމެ އިސްކުރަނީ، މުސްލިމުންގެ މުޤައްދަސް މިސްކިތާއި، ފަލަޞްޠީނުގެ އަހުލުވެރީންނަށް ހެޔޮ ދުޢާ ކޮށްދިނުންކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނީ، ފަލަޞްޠީނުގެ މުސްލިމުންނަށް ދެމުންގެންދާ ބޮޑެތި އަނިޔާތަކާ ދެކޮޅުހަދައި، މަސްޖިދުލްއަޤްޞާ މިނިވަންކުރުމުގެ މަތިވެރި ޖިހާދުގައި ހިތާއި ރޫޙުން ބައިވެރިވުމުގައިކަމަށް އެމަނިކުފާނުގެ ވިދާޅުވިއެވެ. ހަމަ އެއާއެކު ދިވެހީންގެ ހިތްތަކުގައި ޚާއްޞަ ލޯތްބަކާ ކުލުނެއް ދެވިފައިވާ ފަލަޞްޠީނުގެ މުސްލިމް ކޮންމެ ޢާއިލާއަކާ، ކޮންމެ ކުޑަކުއްޖަކަށްޓަކައި ހެޔޮ ދުޢާތައް ތަކުރާރު ނުކޮށް، އެ ހަނދާންތައް އައުނުކޮށް، އެންމެ ރެޔަކާ ދުވާލެއްވެސް ދުލެއް ނުކުރާނެ ކަމުގައި ޚިތާބުގައި ބަޔާންކުރައްވާފައިވެއެވެ.
އިސްލާމީ އަހުލާގާއި ސަގާފަތާއި ތައާރުޟު ނުވާ ގޮތަށް އީދުގެ އުފާވެރިކަން ފާޅުކުރުމަށް ޑރ. ޝަހީމްގެ އިލްތިމާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ