އަޒުމް ކަނޑައަޅަންވީ ދަރިން ނޭދެވޭ ކަންކަމާ ދުރުކޮށް ހެޔޮ ގޮތުގައި ބޮޑުކުރަން: ރައީސް

އަޒުމް ކަނޑައަޅަންވީ ދަރިން އެންމެހާ ނޭދެވޭ ކަންކަމާ ދުރުކޮށް، ހެޔޮ ގޮތުގައި ބިނާކުރަން ކަމަށާއި އެއީ ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގަ އެވެ. ރައީސް ވަނީ އުފާވެރި ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވައިފަ އެވެ.
ބުނީ ކީކޭ؟ - ރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަކީ ކުޑަކުދިންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކުދިން ތައްޔާރުވަމުން އެދަނީ، މުސްތަގުބަލުގައި މި ގައުމުގެ ކަންކަމާ ހަވާލުވާން ކަމަށެވެ. ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދިން ބޮޑެތިކޮށް، ދިވެހިންގެ ސިޔާދަތާއި، ކަރާމާތާއި، ތަމައްދުން ނަގަހައްޓަން އަރަފޯދޭ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ގައުމީ ވާޖިބުކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުއްޖާ ދުނިޔެއަށް އުފަންވަނީ ފިތުރަތުގެ ސާފުކަން މަތީގައި ކަމަށް ވާއިރު، އެ ކުއްޖާގެ އުޅުމާއި އަގީދާ ބައްޓަންވަނީ ބެލެނިވެރިން ދިން ތަރުބިއްޔަތެއްގެ މައްޗަށް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ:
ކުޑަކުދިންގެ މިޒާޖުގައި ހުންނާނީ ނިޔަނެތިކަމާއި ސާފުސީދާކަން
ބޮޑެތި މީހުންނާ މެދު އެކުދިން ދެކޭނީ ބެލެނިވެރިއެއް، މުރުޝިދެއް، މަދަދުގާރެއްގެ ނަޒަރުން 
އެ ކުދިންގެ މައުސޫމުކަން އަބަދުވެސް ޖާގަދޭނީ ދޮށީ މީހުންގެ ބަސް އެހުމަށާއި، އުޅޭ އުޅުމާއި ދައްކާ ނަމޫނާ ނަކަލު ކުރުމަށް
އެކުދިން ހެޔޮ ގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން
"އަޅުގަނޑުމެން މިއަދު އަޒުމު ކަނޑައަޅަންވީ، ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުމަށެވެ. ގޭތެރެ އާއި މަގުމައްޗާއި، މިނޫން ކޮންމެ ތަނަކުން ވެސް، އެކަކު އަނެކަކަށް އިހުތިރާމްކުރާ، އަދަބު އަހުލާގުން ޒީނަތްތެރިވެފައިވާ، ރީތި މާހައުލެއް ދެއްކުމަށެވެ. ޒަމާނަށް ފެތޭނެ، މާދަމާއަށް ބޭނުން ހިފޭނެ، ތައުލީމާއި ތަމްރީނު އެ ކުދިންނަށް ހޯދައިދޭށެވެ. ދިވެހި ގައުމު ދެކެ ލޯބިވާ، ދިވެހިވަންތަ، މުސްލިމް ދަރީންތަކެއްގެ ކޮނޑުމަތީ މި ގައުމުގެ މަޖްދާއި ކަރާމާތް އުފުލާނެކަން ކަށަވަރު ކުރާށެވެ،" ރައީސް ވިދާޅުވި އެވެ.
މި ހިތޯބުގައި ރައީސް ވަނީ ކުޑަކުދިންނަށް ވެސް ނަސޭހަތެއް ދެއްވައިފަ އެވެ. އެގޮތުން މިއީ އެކުދިންގެ އުމުރުގެ އެންމެ އަގުހުރި ދުވަސްތައްކަން ހަނދާން ބެހެއްޓުމަށާއި ވަގުތު ބޭކާރު ނުކުރަން އެދިވަޑައިގަތެވެ. މީގެ އިތުރުން މަންމަ ދެކެވާ ލޯބި ގައުމު ދެކެ ވެސް ވުމަށާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވުމަށް ވެސް ރައީސް ނަސޭހަތްތެރިވެވަޑައިގަތެވެ.
"ކޮންމެ ދުވަހަކު ވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުމެވެ. އެއްދުވަހަށް ވުރެ ކާމިޔާބު އަނެއް ދުވަސް ހޯދަން އަޒުމު ކަނޑައެޅުމެވެ. ފަރުލު ފަސް ނަމާދު ކުރުމާއި، ދީނަށް ހުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވުމެވެ. ތިޔަ ކުދިންގެ މަންމަ ދެކެ ވާ ލޯބި، ތިޔަ ކުދިންގެ މި ގައުމު ދެކެ ވެސް ވުމެވެ. ވަގުތު ބޭކާރު ނުކުރުމެވެ. ސިއްހީ އާދަތަކުގައި ހިފުމެވެ. ބަސްއަހާ ކިޔަމަންތެރި ކުދިބަޔެއްގެ ގޮތުގައި ދެމިތިބުމެވެ،" ހިތޯބު ނިންމަވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ