ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ކުރީގެ ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި އަލުން ތަރައްގީކުރާ މަޝްރޫއުގެ ތަފްސީލު ހާމަކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރަށް އަންގަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު އިއްޔެ ނޫސްވެރިންނާ އެކު ބޭއްވި 14 ގަޑިއިރަށްވުރެ ދިގު ބައްދަލުވުމުގައި 'ދައުރު'ގެ ނޫސްވެރިޔަކު ވަނީ ވީއައިއޭގެ ކުރީގެ ރަންވޭ، ޓެކްސީވޭއެއްގެ ގޮތުގައި ތަރައްގީކުރާ މަޝްރޫއުގެ އަގާ ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ.
ސުވާލު:
ވީއައިއޭގެ ޓެކްސީވޭ ހަދަން ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ ވަނީ ހަވާލުކޮށްފައި. އެމްއޭސީއެލްއިން އެބަވޭ ހާމަކޮށްފައި އެ ކުންފުންޏާ އެއްކޮށް [އެއްބަސްވުމުގައި] ސޮއިކޮށް، މަޝްރޫއު ފެށި ކަމަށް. އެހެން ނަމަވެސް، އެ މަޝްރޫއުގެ އަގެއް އެމްއޭސީއެލްއިން ހާމައެއް ނުކުރޭ. އެބަ އަޑުތައް ފެތުރޭ، ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ކަމަށް އެ މަޝްރޫއުގެ އަގަކީ. ރައީސް ޔާމީންގެ ސަރުކާރުގައި އެޅި އާ ރަންވޭގެ އަގަކީ ވެސް 159 މިލިއަން ޑޮލަރު.
އެމްއޭސީއެލް ފަދަ ބޮޑު ކުންފުންޏަކުން ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބުނުދޭ ކަމާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ މީޑިއާތަކާ ބީރައްޓެހި ބޭފުޅެއް ކަމަށް ވެސް ނޫސްވެރިޔާ ވަނީ ފާހަގަކޮށްފަ އެވެ.
އެއީ ދޮގު މައުލޫމާތަކަށްވާ ނަމަ، އެފަދަ މައުލޫމާތު ފެތުރުމުގެ ފުރުސަތު ވެސް ތަނަވަސްވަނީ، މައުލޫމާތު ދޭން ޖެހޭ ފަރާތުން ކަން އޮތް ގޮތް އޮޅުންފިލުވައި ނުދޭތީ ކަމަށް ވެސް ފާހަގަކުރި އެވެ.
"ރައީސް އަތުގައި އެބަހުރިތޯ އެ ފިގާ؟... ރައީސް އަތުގައި ޖަވާބު މި ވަގުތު ނެތިއްޔާ ފަހުން ވެސް އެމްއޭސީއެލް މެދުވެރިކޮށް ވެސް އަޅުގަނޑުމެންނަށް ޖަވާބު ލިބިއްޖެއްޔާ ރަނގަޅު،" ނޫސްވެރިޔާ މުހައްމަދު މުޒައްޔިން ނާޒިމް ބުންޏެވެ.
ބުނީ ކީކޭ؟ - އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ތަފްސީލުތައް އެ މަނިކުފާނުގެ އަތްޕުޅުގައި ނެތް ކަމަށެވެ.
"އަޅުގަނޑުގެ އަތުގައި ނެތް. ދެން ތި މައުލޫމާތު، އެމްއޭސީއެލްގެ އެމްޑީއަށް ދަންނަވާނަން ތަފްސީލާ އެކީގައި، ދެފުށް ފެންނަ ގޮތެއްގައި ހާމަކޮށްދިނުމަށް،" ރައީސް ވިދާޅުވި އެވެ.
އެނގުން މުހިންމު - ވީއައިއޭގެ ފުރަތަމަ ރަންވޭ މިހާރު ބޭނުންކުރަނީ ޓެކްސީވޭއެއްގެ ގޮތުގަ އެވެ. އެ ޓެކްސީވޭ އާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރަން ބީޔޫސީޖީއާ ހަވާލުކުރީ 15 އޮކްޓޫބަރު 2024ގަ އެވެ.
އެ މަޝްރޫއު ހަވާލުކުރީ ނޮވެމްބަރު 2024ގައި އަމަލީ މަސައްކަތް ފަށައި 2027ގެ މެދުތެރެއަށް ނިންމާ ގޮތަށެވެ.
މިހާރު 'ޓެކްސީވޭ ޗާލީ'ގެ ނަން ދީފައިވާ އެ ރަންވޭ ހެދީ 1976ގަ އެވެ. އަދި އެތަން ބޭނުންކުރުން ހުއްޓާލީ ވީއައިއޭގައި އާ ރަންވޭއެއް ތަރައްގީކޮށް ބޭނުންކުރަން ފެށުމުންނެވެ. އާ ރަންވޭ ވެސް ހަދާފައިވަނީ ބީޔޫސީޖީންނެވެ.
ކުރީގެ ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފެށީ 2022ގަ އެވެ.
ސިއްރުކޮށްފައި އޮތް ވީއައިއޭގެ ޓެކްސީވޭއަށް ދާ ހަރަދު ހާމަކުރަން އަންގާނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ