ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްސަލަ ބެލި ކޮމިޓީން އޭނާގެ މައްޗަށް ފުރަތަމަ ކުރި ތުހުމަތާއި މައްސަލަ ބަލައި ނިމުނުއިރު އޮތް ތުހުމަތު ތަފާތުކަން އަދަދު އަށް އެނގިއްޖެ އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ ފެބްރުއަރީ 26، ގައި އޭނާއަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައި އޮތީ އެ ކޮމިޝަނުން ބަލަމުން ދަނީ، އަޒްމިރާލްދާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުގެ ފަނޑިޔާރުންނަށް އަޒްމިރަލްދާ ފޯނުން ގުޅުއްވައި ނުފޫޒު ފޯރުވި މައްސަލަ ކަމަށެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި އެ މައްސަލަ ބަލައި ނިންމުމަށްފަހު، މައްސަލަ ބެލި ޖޭއެސްސީގެ ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައި ވަނީ އަޒްމިރާލްދާ ފަނޑިޔާރުކަމުން ވަކި ކުރަން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒު އަލީ ޒާހިރު މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގައި ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައިގެ އިތުރުން މަހާޒް އާއި އަޒްމިރާލްދާގެ މައްޗަށް ކުރަނީ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓަށް ލިބެންޖެހޭ މުހިންމު ލިޔެކިޔުންތަކެއް ފޯރުކޮށްދިނުމަށް ދެކޮޅު ހަދައިގެން ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފު ހާޒިރުކޮށް ޖަވާބުދާރީ ކުރި ތަނުގައި ފަނޑިޔާރު މަހާޒް އާއި އަޒްމިރާލްދާ ތިއްބެވި މައްސަލަ އެވެ.
އެ މައްސަލަތައް ބެލުމަށްފަހު ޖޭއެސްސީގެ ތިން މެންބަރުން ހިމެނޭ ކޮމިޓީން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރުމަށެވެ. ކޮމިޓީން ތައްޔާރުކުރި ރިޕޯޓު މިދިޔަ ބުރާސްފަތި ދުވަހު ފަނޑިޔާރުންނާ ވަނީ ހިއްސާކޮށްފަ އެވެ. ރިޕޯޓާ ގުޅިގެން ފަނޑިޔާރުން ޖަވާބުދާރީ ވާންޖެހެނީ މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކުރަން އެ ދެ ފަނޑިޔާރުންގެ މައްސަލަ ބެލި ކޮމިޓީން ނިންމީ ދިފާއުގައި ހުށަހެޅި ހެކިން ހާޒިރުނުކޮށް، ވަކީލެއް ބޭނުންކޮށްގެން ދިފާއުވުމުގެ ފުރުސަތު ވެސް ފުރިހަމައަށް ނުދީ އެވެ.
މަހާޒް އާއި އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ހުސްނުއްސުއޫދުގެ ސުލޫކީ މައްސަލަތަކެއް ބަލާކަމަށް ބުނެ ސަސްޕެންޑު ކުރީ ފެބްރުއަރީ 26، ގަ އެވެ. ފަނޑިޔާރުން ސަސްޕެންޑުކޮށް މައްސަލަ ތަހުގީގު ކުރަން ފެށުމާއެކު ހުސްނުއްސުއޫދު ވަނީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަމުންދާ ކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކި ކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމަށްފަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން އެ ކޯޓަށް ހުށަހަޅާފައި އޮއްވަ އެވެ. ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ކުޑަތަންވެފައި އޮއްވައި ޝަރީއަތަށް ހުރަސްއެޅޭ ގޮތަށެވެ.
ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކަމަށް ބެލެވޭ ކަމަށް އދ. އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބުނެފަ އެވެ.
އަޒްމިރާލްދާގެ މައްސަލަ ބަލަން ފެށިއިރު ޖޭއެސްސީން ކުރި ތުހުމަތާއި މައްސަލަ ބަލައި ނިމުނުއިރު ކުރި ތުހުމަތު ތަފާތު އަޒްމިރާލްދާގެ މައްސަލަ ބަލަން ފެށިއިރު ޖޭއެސްސީން ކުރި ތުހުމަތާއި މައްސަލަ ބަލައި ނިމުނުއިރު ކުރި ތުހުމަތު ތަފާތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ