"ބޭނުމީ ބައިސްކަލު ދުއްވަން، ހާލަތު އެ ފުރުސަތެއް ނުދޭ"
ތިމާވެއްޓަށް ގެއްލުންވާތީ ދަތުުރުކުރުމުގެ ނިޒާމަށް ބަދަލު ގެންނަން ބޭނުންވާ މީހުން މަދެއް ނުވާނެއެވެ. އެކަމަކު، ހާލަތާއި އުޅޭ މާހައުލު އެ ކަމަށް ޖާގައެއް ނުދެއެވެ. އެ ކަމަށް ބޭނުންވެފައި ތިބި މީހުން ތިބިކަން ހާމަވަނީ ވިލިމާލެއަށް ޒިޔާރަތްކުރާ މީހުންގެ ވާހަކަތަކުންނެވެ. "ގައިމު މާލޭގެ މަގުތައް ވެސް މިހާ އަމާންކޮށް އޮންނަ ނަމަ ދޯ. ބައިސްކަލުގަޔާއި ބެޓެރި ސައިކަލުގައި ކިހާ ހަމަޖެހިލައިގެން އެ އުޅެނީ. ކުޑަކުދިންނަށް ވެސް އެއްވެސް ބިރެއް ނެތް ދޯ،" މިފަހުން ވިލިގިއްޔަށް ދިޔަ ޒުވާނަކު ބުންޏެވެ. ބައިކް މޯލްޑިވްސްގެ ވެސް އެދުމަކީ އެއީއެވެ. މިއަދު ދުނިޔޭގެ ބައިސްކަލު ދުވަސް ފާހަގަކުރާއިރު، މާލެ ސަރަހައްދުގައި ބައިސްކަލު ދުއްވަން ބޭނުންވިޔަސް، ދުއްވާނެ ތަނެއް ނެތެވެ. ނުވަތަ ބަހައްޓާނެ ޖާގައެއް ނެތެވެ. ބައިކް މޯލްޑިވްސް އުފަންވިތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެ، މިހާތަނަށް އައިރު ވެސް އެ މީހުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބެއެވެ. ބަޔަކު ހުޅުމާލޭގައި ބައިސްކަލި ދުއްވަން ތައްޔާރުވެގެން ---- ފޮޓޯ/ ބައިކް މޯލްޑިވްސް "އުޅެން ބޭނުމީ ބައިސްކަލުގައި، އެ ފުރުސަތެއް ނެތް" ބައިކް މޯލްޑިވްސްގެ ރައީސް ޒުލޭޚާ ހަސަން ދީދީގެ ކަންބޮޑުވުމަކީ ވެސް އެއީއެވެ. އެގޮތުން، ބައިސްކަލު ދުއްވާ މީހުން ގިނަކުރަން ބޭނުންވިޔަސް އެ ކަމަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭތީ ޒުލޭޚާ ކަންބޮޑުވުން ފާޅުކުރިއެވެ. އެ ޖަމިއްޔާއިން ހެދި ސާވޭތަކުން ވެސް ދައްކާގޮތުން، ގިނަ ބަޔަކު މިހާރު ވެސް ބައިސްކަލުގައި އުޅެން ބޭނުންވެއެވެ. އެކަމަކު، އެ ކަމަށް ހުރި ހިރާސްތައް އެހާ ގިނައެވެ. މިސާލަކަށް އޮފީހެއްގައި އުޅޭ މީހަކު ބައިސްކަލުގައި ގޮސް، ޕާކު ކުރާނެ ތަނެއް ނެތެވެ. ޕާކުކޮށްފައި ސިކުންތަކަށް އެހެން ތަނަކަށް ގޮސްފައި އަންނައިރު، ބައިސްކަލަށް ވާގޮތެއް ނޭނގެއެވެ. އެފަދަ ކަންކަމާ ހެދި ބައިސްކަލުގައި އުޅެން ބޭނުންވިޔަސް، އެކަން ކުރެވެން ނެތް މީހުން ބުނާ ކަމަށް ޒުލޭޚާ ވަނީ ވިދާޅުވެފައެވެ. "[މާލޭގައި] އުޅޭ ބޭރުގެ އެތައް ބަޔަކު ގުޅާފައި ބުނި ބުރިޖުން އާދެވޭ ނަމަ ތިމަންނަމެން މަސައްކަތަށް ވެސް އަންނާނީ ބައިސްކަލުގައޭ. މިއީ ނޫންތޯ ހެލްތީ ލައިފް ސްޓައިލެއް އެ މީހުން އަމިއްލައަށް އިޚުތިޔާރުކުރާއިރު، ކުރެވޭނެ ގޮތަކީ،" އޭނާ އެ ކަންބޮޑުވުންތައް ކިޔައިދިނެވެ. ސިނަމާލެ ބުރިޖު: އެތަނުން އެއްލޭން ބައިސްކަލު ދުއްވުމަށް ޚާއްސަކޮށް ދޭން ބައިކް މޯލްޑިވްސްއިން އެދުނު -- ސަން ފޮޓޯ/ ނާއިޝް ނާހިދު ހުޅުމާލެއަށް ބަލައިލިޔަސް ފެންނަނީ ހަމަ އެ މަންޒަރެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގެ އަރިމަތީގައި ބައިސްކަލު ދުއްވަން އަޅާފައި އޮތް ލޭން ވެސް މިހާރު އޮތީ ޕާކިންއަށް ޚާއްސަކޮށްފައެވެ. ސިނަމާލެ ބްރިޖް ހުޅުވުމުގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ބައިސްކަލު ދުއްވަން ޚާއްސަ ލޭނެއް އޮންނާނެ ކަމަށް ބުނުމުން އެކަމަށް ބައިކް މޯލްޑިވްސްއިން ކުރި އުންމީދު ބޮޑެވެ. އެކަމަކު، ކަން ނިމުނުއިރު އެކަން އޮތީ އެހެނެއް ނޫނެވެ. "[ސިނަމާލެ ބުރިޖު] ނިމެންދެން ވެސް އެނގޭތޯ ހަމަ ޕަބްލިކް ވޯކްސްގެ ބޭފުޅުން ވެސް ހަމަ ބައިކް ލޭން ކުރަހާފައި ވެސް އަޅުގަނޑުމެނަށް ދައްކަމުންދިޔަ. [ބުރިޖުގައި ބައިކް ލޭނެއް] އޮންނާނެޔޭ. ހުޅުވި ދުވަހު އަޅުގަނޑުމެންނަށް ދިން ދަތުރެއް ކޮށްލަން. އެ ދުވަހު ވެސް 1،003 މީހުން އައި ބައިކް ގަނެގެން،" ޒުލޭޚާ ތަފުސީލުކޮށްދެއްވިއެވެ. ހުޅުމާލޭގައި މީހަކު ބައިސްކަލު ދުއްވަނީ ------ ފޮޓޯ/ އެޗްޑީސީ އެ ކަމަށް ހައްލެއް ހޯދައިދިނުމަށް ސިނަމާލެ ބުރިޖުގައި އޮންނަ 'ވޯކިން ލޭނު' ދިނުމަށް ބައިކް މޯލްޑިވްސްއިން އެތައް ފަހަރަކު އެދިއްޖެއެވެ. އެއްކޮށް ނުދެވޭނަމަ، ހުކުރު ހެނދުނު 6:00 އިން 07:00 ހުޅުމާލެއަށް ދާން އެއް ލޭން ދޭން ވެސް އެދުނެވެ. އެގޮތަށް ދޭން ފަށައި، ތަންފީޒުކުރަން ފެށުމުން ބައިސްކަލު ދުއްވާނެ މީހުން ގިނަވާނެ ކަމަށް ޒުލޭޚާ ގަބޫކުރައްވައެވެ. އެކަން މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީނަށް ވެސް އެ ޖަމިއްޔާއިން ހުށަހެޅިއެވެ. އަދި، ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައީސްކަމަށް އިންތިޚާބު ނުވަނީސް އެކަން ހުށަހެޅި ނަމަވެސް، އަދިވެސް އެކަން ހަމަޖެހޭ ގޮތެއް ނުވެއެވެ. ހުޅުމާލޭގައި ކުޑަކުދިންތަކެއް ބައިސްކަލު ދުއްވަނީ ----- ފޮޓޯ/ ބައިކް މޯލްޑިވްސް "އަމީން ވިދާޅުވީ، މިހާރު ރައީސް ވެސް އެއްބަސްވެވަޑައިގަންނަވައިފިއޭ. އެކަމަކު [ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ] މުއްތޮލިބާއޭ ވާހަކަދައްކަން ޖެހޭނީ. އެހެންނޫނީ އެކަންތައް އޮތީ ހަމަ ނިމިފައޭ ވެސް ވިދާޅުވެފައި އޮތީ. އެކަމަކު، އަދި ހަމަ ނުވޭ،" ޒުލޭޚާ ކިޔައިދެއްވިއެވެ. އެހެންވެ، އެހެން ހުރި މައްސަލަތައް ހައްލުކުރަން ސަރުކާރުތައް 'ފަހަތުން' ބައިކް މޯލްޑިވްސްއިން ދުވާތާ 10 އަހަރު ވީއިރުވެސް، ހައްލުވުމުގެ ކޮޅުމަތި ވެސް ނުފެނެއެވެ. ބައިސްކަލު ދުއްވާ މީހުން މަދު ވިޔަސް، އެ ޖަމިއްޔާގެ އުންމީދު ކަނޑައެއް ނުލައެވެ. ކަންބޮޑުވުންތަކާއި ދަތިތައް ހުރި ނަމަވެސް ކޮންމެ ހުކުރު ދުވަހަކު މިހާރު ތިބި މީހުން ގޮވައިގެން އެ ޖަމިއްޔާއިން ބައިސްކަލު ބުރު ޖަހަން ނުކުމެވެ. ބަޔަކު ބައިސްކަލު ދުއްވަން ތައްޔާރުވެގެން ---- ފޮޓޯ/ ބައިކް މޯލްޑިވްސް ބައިސްކަލު ދުއްވާ މީހުންނަށް ކުޑަ އުންމީދެއް އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތްތައް ފަށާފައިވާކަން ރައީސް މުއިއްޒު މިއަދު ވަނީ ހާމަކުރައްވާފައެވެ. އެގޮތުން، ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ބައިސްކަލު ދުއްވޭނެ މަގުފަހިކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެކަމަކު، އިތުރު ތަފުސީލެއް ނުދެއްވައެވެ. https://sun.mv/206850 ބައިސްކަލަކީ ތިމާވެއްޓާ ރައްޓެހި ސިޓީތަކަށް ބަދަލުކުރުމަށް އެހީވެދޭ އެއްޗެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމާ ދޭތެރޭ އަލުން ވިސްނަން ޖެހިފައިވާކަމަށެވެ. އެގޮތުން، ސިޓީތަކުގައި ބައިސްކަލު ދުއްވަން މަގުފަހިކުރަނީ އެ ވިސްނުމުގެ ތެރެއިން ކަން އެ މަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. ރައީސްގެ މި ވާހަކަފުޅަކީ ހަމަގައިމު ވެސް ބައިކް މޯލްޑިވްސްއާއި ބައިސްކަލަށް ލޯބިކުރާ މީހުންނަށް ލިބޭނެ އުންމީދުގެ ހުޅުކޮޅަކަށް ވާނެއެވެ. ބޭރު ގައުމުތަކުން އިބްރަތް ލިބިގެނެ، ރާއްޖޭގައި ބައިސްކަލު ދުއްވަން އާދަކުރެވިއްޖެނަމަ، ތިމާވެއްޓަށް ވެސް ލިބޭ ގެއްލުންތައް ކުޑަކުރެވޭނެއެވެ. ޒުލޭޚާ ހެން ބައިސްކަލު ދުއްވާ އެހެން މީހުން ވެސް ބޭނުންވާހެން ބައިސްކަލު އާލާކުރެވުމުން މި މާލެ ވެސް ވިލިގިއްޔަށް ބަދަލުވެދާނެއެވެ. މިހާރު މި ދުއްވާ ސައިކަލުތަކާއި ކާރުތައް ދޫކޮށް، ބައިސްކަލުތަކަށް އަރަން ފަށައިފާނެއެވެ. އެހެންކަމުން، އެ ކަމަށް އެންމެންގެ އެއްބާރުލުން މުހިންމެވެ. ބައިސްކަލު ދުއްވަން ބޭނުންވިޔަސް މިހާރުގެ ހާލަތު އެ ފުރުސަތެއް ނުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ