ހދ. ކުޅުދުއްފުށީގައި ފެނުގެ ހިދުމަތް އެއްކޮށް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ޖަޕާނު ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުހައްމަދެވެ. އަދި ކެނެޑޭވިއާ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޓަކެށީ އައިބާ އެވެ.
މި މަޝްރޫޢުގައި ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އާރްއޯ ޕްލާންޓެއް ބެހެއްޓުމާއި، 500 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ޤާއިމްކުރުމާއި، 1450 ކިލޯވޮޓް އަވާގެ ބެޓެރީ ސިސްޓަމެއް ހިމެނެ އެވެ.
މި މަޝްރޫއުގެ ޖުމްލަ ހަރަދުގެ 27 އިންސައްތައަކީ ޖަޕާނުގެ ގްލޯބަލް އެންވަޔަރަންމަންޓް ސެންޓަރ ފައުންޑޭޝަން (ޖީއީސީ) ގެ ހިލޭ އެހީއެވެ. އަދި ކެނެޑޭވިއާ ކޯޕަރޭޝަނުން 27 އިންސައްތަ ހިއްސާކުރާއިރު، އެމްޑަބްލިޔުއެސްސީން 46 އިންސައްތަ ހިއްސާކުރާނެ އެވެ.
އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާއި ބެހޭ ސިޔާސަތުތަކުގެ އިތުރުން، އ.ދ ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ވެސް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ރާއްޖެއަށް އިމްޕޯޓްކުރާ ފޮސިލް ފިއުލް އެތެރެކުރާ މިންވަރު ދަށްކޮށް، ކުންފުނިން ދެމުން ގެންދާ ޔޫޓިލިޓީ ޚިދުމަތްތަކާއި އަދި އޮޕަރޭޝަން ތަކުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް އެހީތެރިވެދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި މަޝްރޫއުގެ ސަބަބުން އަހަރެއްގެ މައްޗަށް ދެ ލައްކަ ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާ ކުރެވޭއިރު، މިކަމުގެ ސަބަބުން އަހަރަކު 573 ޓަނުގެ ކާބަން ޑައިއޮކްސައިޑް ޖައްވަން ދިޔުން ހުއްޓުވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.
ކުޅުދުއްފުށީގެ ފެނުގެ ޚިދުމަތް އިޔާދަކުރަނިވި ހަކަތައަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ