ލިޔުންތެރިކަމަށް ދޭ ބައިނަލްއަޤްވާމީ އެވޯޑެއް ފުރަތަމަ ފަހަރަށް އިންޑިއާގެ ކަންނާޑާގެ ލިޔުންތެރިއަކަށް
އިނގިރޭސިވިލާތުގެ ބުކަ ޕްރައިޒް ފައުންޑޭޝަންއިން ލިޔުންތެރިންގެ ޝަރަފުގައި ދޭ 'ދަ އިންޓަނޭޝަނަލް ބުކަ ޕްރައިޒް' އެވޯޑު ފުރަތަމަ ފަހަރަށް އިންޑިއާގެ ކަންނާޑާއަށް ނިސްބަތްވާ ލިޔުންތެރިއަކަށް ލިބިއްޖެއެވެ. އިންޑިއާގެ ލިޔުންތެރިޔާ އަދި ޤާނޫނީ ވަކީލު ބާނޫ މުޝްތާގަށް މި އެވޯޑު ލިބުނީ އޭނާ ލިޔުނު އެންތޮލޮޖީ ކުރު ވާހަކަ ސީރީސް "ހާޓް ލޭމްޕް"އަށެވެ. މިއީ މިފަދަ އެވޯޑެއް ލިބުނު ކަންނާޑާގެ ފުރަތަމަ ކުރު ވާހަކަ ސީރީސްއެވެ. އެކްޓިވިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ބާނޫ މުޝްތާގު 12 ކުރުވާހަކައިގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި މި ފޮތުގައި ހިމެނޭ ވާހަކަތައް އޭނާ ލިޔެފައި ވަނީ 1990 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދުގައެވެ. "ހާޓް ލޭމްޕް"ގެ ނަމުން ނެރުނު މި ފޮތުގައިވާ ވާހަކަތައް ބިނާކޮށްފައި ވަނީ އިންޑިއާގެ ދެކުނުގެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ މުސްލިމު އަންހެނުންނަށް ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކުގެ މައްޗަށެވެ. ބާނޫ މުޝްތާގުގެ ފޮތުގައިވާ ވާހަކަތައް އިންޑިއާގެ ސްޓޭޓް ކަމަށްވާ ކަރުނަޓާކާގެ ބަހުން އިނގިރޭސި ބަހަށް ތަރުޖަމާކޮށްދީފައި ވަނީ ދީޕާ ބާސްތީ ނަމަކަށް ކިޔާ މީހެކެވެ. ބާނޫ މުޝްތާގުގެ ވާހަކަ ފޮތް އިނގިރޭސި ބަހަށް ތަރުޖަމާ ކުރި ދީޕާ ބަސްތީ--ފޮޓޯ/ބީބީސީ ބާނޫ މުޝްތާގަށް ކާމިޔާބު ކުރެވުނު އެވޯޑާއެކު ފައިސާގެ އިނާމުގެ ގޮތުގައި ވަނީ 50،000 ޕައުންޑު (63،500 އެމެރިކާ ޑޮލަރު) ލިބިފައެވެ. މި ފައިސާގެ އިނާމު ވާހަކަ އިނގިރޭސި ބަހަށް ތަރުޖަމާކުރި ދީޕާ ބަސްތީއާ އެކު ހިއްސާ ކުރަން ބާނޫ ނިންމާފައިވާ ކަމަށް ބީބީސީ ރިޕޯޓުގައި ވަނީ ބުނެފައެވެ. މި ކާމިޔާބީއާ ގުޅިގެން ބާނޫ މުޝްތާގު ބުނެފައި ވަނީ އޭނާ މި ވާހަކަ ސީރީސް ލިޔުނީ އެއްވެސް ވާހަކަ އަކީ އަގެއް ނެތް ކުޑަ ވާހަކައަކަށް ނުވާނެ ކަމުގެ ޔަގީންކަމާ އެކު ކަމަށާއި އިންސާނަކު ދިރިއުޅުމުގައި ތަޖުރިބާކުރާ ކޮންމެ ކަމަކީ ވަކި ކުޑަ ބޮޑު މިންވަރެއް އޭގައި އޮންނަންޖެހޭނެ ކަމެއް ކަމަށް ދެކިގެން ނޫން ކަމަށެވެ. ލިޔުންތެރިކަމުގެ ރޮނގުން ބައިނަލް އަޤްވާމީ އެވޯޑެއް ހާސިލުކުރި އިންޑިއާގެ ފުރަތަމަ ޓްރާންސްލޭޓަރުގެ ޝަރަފާ އެކު މި ފޮތް ތަރުޖަމާކުރި ބާސްތީ ބުނެފައި ވަނީ މި ކާމިޔާބީގެ ސަބަބުން ކަންނާޑާ ބަހާއި ދެކުނު އޭޝިއާގެ އެހެން ބަހުރުވަތަކުން ފޮތްތައް ޓްރާންސްލޭޓް ކުރުމަށް ހިތްވަރު ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ