ޔޫތު ޗެމްޕިއަންޝިޕް: އޮޑި އާއި ޓީސީ ސެމީ ފައިނަލް އަށް ޔޫތު ޗެމްޕިއަންޝިޕް: އޮޑި އާއި ޓީސީ ސެމީ ފައިނަލް އަށް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގައި، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ މައްޗަށް 6-1 އިން ކުރިހޯދައި، އެންމެ ފަހުގެ ޗެމްޕިއަން، ޓީސީ ސްޕޯޓްސް ކްލަބުން ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން އޮޑި ސްޕޯޓްސް ކްލަބުން ވެސް ވަނީ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފަ އެވެ. އިއްޔެ ހަވީރު އޮޑިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް ކުރިހޯދީ 4-0 ގެ ނަތީޖާ އަކުންނެވެ.
ރޭގެ މެޗުގެ ހަތް ވަނަ މިނިޓްގައި ޓީސީ އަށް ލީޑު ނަގައިދިނީ އިޔާޒް އަހުމަދު ޖެހި ގޯލުންނެވެ. އަދި އޭގެ ނުވަ މިނިޓް ފަހުން ޓީސީގެ ލީޑު ފުޅާކޮށްދިނީ ނާއިލް ޔޫސުފް ޖެހި ގޯލުންނެވެ. ޓީސީގެ ތިންވަނަ ގޯލު މެޗުގެ 11 ވަނަ މިނިޓްގައި އެ ތީމަށް ޖަހައިދިނީ ވެސް އިޔާޒް އެވެ. އަދި 18 ވަނަ މިނިޓްގައި އަލީ އައިހަމް ވަނީ ޓީސީގެ ހަތަރުވަނަ ގޯލު ޖަހައިފަ އެވެ.
ޓީސީގެ ފަސްވަނަ ގޯލު މެޗުގެ 22 ވަނަ މިނިޓްގައި ޖެހީ ޔޫސުފް އިބްރާހީމް އެވެ. އަދި މެޗުގެ 25 ވަނަ މިނިޓްގައި އިޔާޒް ވަނީ އިތުރު ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.
ވިކްޓަރީގެ ހަމައެކަނި ގޯލު މެޗުގެ 68 ވަނަ މިނިޓްގައި ޖަހައިދިނީ ޖުމާން އަބްދުالله ޖަމީލް އެވެ.
އިއްޔެ ހަވީރު ކުޅުުނު މެޗުގެ 11 ވަނަ މިނިޓްގައި އޮޑި އަށް ލީޑު ނަގައިދިނީ އަހުޒަމް ރަޝީދު ޖެހި ގޯލުންނެވެ. އަދި މެޗުގެ 32 ވަނަ މިނިޓްގައި ވެސް އަހުޒަމް ވަނީ އިތުރު ގޯލެއް ޖަހާ އޮޑީގެ ލީޑު ފުޅާކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮޑިން ވަނީ ތިން ވަނަ ގޯލު ވެސް ޖަހައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ރަވާން އެވެ. އޮޑީގެ ފަހު ގޯލު މެޗުގެ 70 ވަނަ މިނިޓްގައި އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަބްދުالله އަބްސަލް އަހުމަދު އެވެ.
ޔޫތު ޗެމްޕިއަންޝިޕްގެ ގްރޫޕް އޭގެ ފަހު މެޗުތައް އޮންނާނީ، މާދަމާ ހަވީރާއި ރޭގަނޑު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ