އަހަރެން މި ހުރީ ވަރަަށް ރުޅިއައިސް: އާޓެޓާ

ޕްރިމިއަ ލީގުގައި ބަލިނުުވެ 15 މެޗު ހަމަކޮށް އަމިއްލަ ދަނޑުގައި ވެސްޓް ހެމްއާ ދެކޮޅަށް ރޭ އާސެނަލް ނުކުތް އިރު ބަލިވެއްޖެ ނަމަ އެ ގެއްލޭ ފުރުސަތު އެންމެންނަށް ވެސް އެނގެ އެވެ. ނަމަވެސް އާސެނަލްގެ ފެންވަރުގައި ނުކުޅެވި، އެންމެ ފަހުން 1-0 އިން ބަލިވެ އާސެނަލް އެވަނީ ލިވަޕޫލަށް ބޮޑު ފުރުުސަތެއް ހުޅުވާލަދީފަ އެވެ.
"އަހަރެން މިހުރީ ވަރަށް، ވަރަށް ރުޅިއައިސް،" މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުންޏެވެ.
"ޕްރިމިއަ ލީގު ކާމިޔާބުކުރާ ނަމަ ދައްކަން ޖެހޭ ފެންވަރާ ގާތަށް ވެސް އަހަރެމެންނަކަށް ނުކުޅެވުނު."
ލިވަޕޫލަށް ވުރެ އަށް ޕޮއިންޓް ފަހަތަށް ސޮއްސާލި އާސެނަލްގެ ކޯޗު ބުނީ އެއްވެސް ކުޅުންތެރިޔަކަށް ފެންވަރު ނުދެއްކުނު ކަަމަށެވެ. މިއީ މުޅި ޓީމުގެ މައްސަލައެއް ކަމަށާއި އޭގެ ތެރޭގައި އޭނާ ވެސް ހިމެނޭ ކަމަށް ބުންޏެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑްގެ ވާހަކަތައް ވެސް ހުރީ އެހެންނެވެ. އޭނާ ބުނީ ވެސްޓް ހެމްގެ އޭރިޔާ ތެރޭގައި އާސެނަލްއަށް ފެންވަރުގައި ނުކުޅެވުނު ކަމަށެވެ.
"މިއީ ވަރަށް ބޮޑު ގެއްލުމެއް،" ބީބީސީއާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
"މިއަދުގެ ކުޅުމުގައި ފެންވަރެއް ނެތް. އަހަރެމެން އެ މެޗު އަލުން ބަލައިގެން  ދިރާސާކުރާނަން."
މިރޭ މެންޗެސްޓަ ސިޓީގެ ދަނޑަށް، އެންމެ ފަހު ހަތަރު އަހަރުގެ ޗެމްޕިއަންއާ ދެކޮޅަށް، ލިވަޕޫލް ނުކުންނަ އިރު ޗެމްޕިއަންކަން ހޯދަން ދެން ކުރިމަތިވާނެ މާ ބޮޑު ހުރަހެއް އޮތް ކަމަކަށް ނުފެނެ އެވެ. މޮޅުވެއްޖެ ނަމަ އެ ލިބުނީ، އާސެނަލްއަށް ވުރެ އެއް މެޗު އިތުރަށް ކުޅުނަސް، 11 ޕޮއިންޓްގެ ލީޑެކެވެ. މި ވަރުން އެހެން ބަޔަކަށް ލިވަޕޫލުގެ ހުރަހަކަށް ވެދާނެ ކަމަކަށް، ދިރާސާކުރާ މީހުން ވެސް ނުދެކެ އެވެ. އަދި ކުޅިވަރުގެ ލަފާކުރުންތައް ހަދާ އޮޕްޓާގެ ކޮމްޕިއުޓަރު ވިސްނުމުން ވެސް ދައްކައިދެނީ އެ އެވެ.
ލީގު ކާމިޔާބުކުރަން އާސެނަލްއަށް އޮތް ފުރުސަތު، އޮޕްޓާގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިހާރު ވަނީ %15.13 އިން %8.14އަށް ވެއްޓިފަ އެވެ. އެއާ ހިލާފަށް ލިވަޕޫލަށް އޮތް ފުރުސަތު %84.79 އިން %91.76 އަށް ބޮޑުވީ އެވެ.
އޮޕްޓާއިން ލަފާކުރާ ގޮތުގައި މިފަހަރުގެ ލީގު ކާމިޔާބުކުރުމުގެ ފުރުސަތު %1 އަށް ވުރެ ބޮޑަށް ދެން އެހެން އެއްވެސް ޓީމަކަށް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ